ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަޠުގެ ސާފުކަންމަތީގައެވެ.އިސްލާމް ދީނުގައެވެ. އެކުއްޖާ ނަޞްރާނީކޮށް މަޖޫސީކޮށް އަދި ޔަހޫދީކުރަނީވެސް އެކުއްޖާގެ މައިންބަފައިންނެވެ. މިއަދު މިލިސްޓަށް އެތީސްޓަކަށް ހަދަނީވެސް މައިންބަފައިން ކަމަށް އިތުރުކުރަންޖެހިފައެވެ.
ބުނަންހެއްޔެވެ؟ ކުޑަކުއްޖަކު އުފަންވެ އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ނުފޫޒެއް ނެތި އެކަނި ހުރެ ނިކަން ބޮޑުވެބަލާށެވެ. އެކުއްޖާ ހުންނާނީ އިސްލާމް ދީނުގައެވެ. މާނައަކީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެންނެވެ.
ވީމާ ދަރިން ކުޑައިރު ދީނާއި ދުރުހެލިވަމުން މިދަނީ އަދި އެހެން ދީންތަކަށް ލެނބިގެން އެދަނީ މައިންބަފައިން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކުރުމުންނެވެ. ބޮޑުވުމުންވެސް ބަދަލުތައް އެއަންނަނީ މައިންބަފައިން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވިފައި ނެތުމުންނެވެ.
އެކުވެރިންނަށް ނުވަތަ ޝައިޠޯނުންނަށް އެކުއްޖާއަށް މަގު އޮޅުވައިލެވެނީ ހަރުދަނާ ތަރުބިއްޔަތެއް ދެވިފައިނުވާތީއެވެ. ނޫންނަމަ އަލިފާނުން ހޫނުވާކަން އެނގޭފަދައިން އޭނާ މަގުފުރައްދަން މަސައްކަތްކުރުމުން އެކަން ކުއްޖާއަށް އެނގޭނެއެވެ. އެކަމުން ސަލާމަތްވާނެއެވެ. އިން ޝާ ﷲ
ވިސްނާށެވެ! ހެޔޮ ގޮތުގައި، ﷲ ތަޢާލާގެ މަގުގައި ދަރިން ތަރުބިއްޔަތުކުރުމުން އެކަމަށް ޘަވާބު ދެއްވަވާފަދައިން އެ މަސްއޫލިއްޔަތު އަދާނުކުރިނަމަ އެކަމުގެ ޛިންމާވެސް އުފުލަންޖެހޭނެއެވެ. ވީމާ ދަރިން ނުބައިމަގުން ދިއުމުން އެހެން ބައަކު ކުށްވެރިނުކުރާށެވެ! ޒިންމާ އުފުލަންވާނެއެވެ.
ދަރިންނަށް ކިޔަވައިދެނީ ޞައްޙަ ޢަޤީދާގެމަތީގައި ކަށަވަރުނުވާ ސްކޫލްތަކަށް ނުފޮނުވާށެވެ. ފޮނުވާނަމަ ފާރަވެރިވާންޖެހޭނެއެވެ. ފާރަވެރިނުވެވޭނެނަމަ އެފަދަ ސްކޫލްތަކަށް ނުފޮނުވައި ޔަޤީންކަން އޮތް ސްކޫލްތަކަށް ފޮނުވާށެވެ. ހަމައެފަދައިން ކިތަންމެ ގާތް ތިމާގެ މީހެއްގެ ގާތަށް ކުދިން ފޮނުވިނަމަވެސް އެގެއަކުން ދަރިފުޅަށް ދަސްވާ ކަންކަމަށް ފާރަވެރިވާންޖެހޭނެއެވެ. ދަރިފުޅު އެކުގައި އުޅޭ އެކުވެރިންނަކީ ކޮންބައެއްކަން ބަލައި ފާރަވެރިވާންޖެހޭނެއެވެ.
ލޮބުވެތި ބެލެނިވެރިންނޭވެ! މިކަންކަމަށް ވިސްނާށެވެ! ހޭލުންތެރިވާށެވެ! މިފަދަ ޒަމާނެއްގައި ދިރިއުޅެންކުރަންޖެހޭ މަސައްކަތަށްވުރެވެސް އިސްކަން ދޭންޖެހޭނީ ދަރިންގެ ތަރުބިއްޔަތަށެވެ. މަސައްކަތްކުރަންޖެހުން އެއީ ޢިޛުރަކަށް ހަދައި ދަރިންނަށް އިހްމާލްނުވާށެވެ! ޖަވާބުދާރީވާންޖެހޭނެ ދުވަހަށް ބިރުވެތިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން