ޢަލީ އިޙްޞާން ފިރާޤް
އެދެބޭކަލުން އެނބުރި ވަޑައިގެން، އެ ހިލަގަނޑާ ހަމައަށް ވަޑައިގެންނެވި އިރު އެތަނުގައި، ހެދުމުން ފޮރުވިގެން ހުރި މީހަކު ހުއްޓެވެ. ދެން موسى عليه السّلام ސަލާމް ދެއްނެވިއެވެ. خضر عليه السّلام ސަލާމް ރައްދު ކުރެއްވިއެވެ. موسى عليه السّلام ދެންނެވިއެވެ. ތިމަންނައަކީ موسى އެވެ. خضر ގެފާނު ވިދާޅުވިއެވެ. ބަނީއިސްރާއީލުންގެ ގާތަށް ފޮނުއްވުނު موسى ހެއްޔެވެ؟ موسى عليه السّلام ޖަވާބުގައި އާދޭހޭ ދެންނެވިއެވެ. އަދި ވިދާޅުވިއެވެ. [ތިމަން މި އައީ ކަލޭގެފާނުގެ ގާތަށް ޢިލްމު އުނގެނޭށެވެ.]
خضر ގެފާނު ވިދާޅުވިއެވެ. [އޭ موسى އެވެ. ތިމަންކަލޭގެފާނަށް، މާތް اللّـه سبحانه وتعالى، ދެއްވާފައި މިވާ ޢިލްމާއި ބެހޭގޮތުން ކަލޭގެފާނަށް އެއްވެސް އެއްޗެއް އެނގިވަޑައިގެން ނުވެއެވެ. ކަލޭގެފާނަށް ދެއްވައިފައިވާ ޢިލްމާއި ބެހޭގޮތުން ތިމަންކަލޭގެފާނަށް އެނގިގެން ނުވެއެވެ.] موسى عليه السّلام ވިދާޅުވިއެވެ. [ތިމަންކަލޭގެފާނު ކަލޭގެފާނާއި ޢިލްމު އުނގެނުމަށް ތަބާ ވަންތޯއެވެ؟] خضر ގެފާނު ވިދާޅުވިއެވެ. [ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. ކަލޭގެފާނަށް އެކަމެއްގެ ޙަޤީޤަތް އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟]
موسى عليه السّلام ވިދާޅުވިއެވެ. [މާތް اللّـه سبحانه وتعالى، އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ.]
ދެން އޭގެދެބޭކަލުން ހިންގަވައިފައި ވަޑައިގަންނަވަމުންގޮސް ކަނޑުގެ އައްސޭރިއާ ހިސާބަށް ވަޑައިގެންނެވިއްޖެއެވެ. އެތަނުން ދިޔަ ނަވެއްގެ ބަޔަކުކުރެން އެނައުގައި އެދެބޭކަލުން ދަތުރުފުޅު ކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފިއެވެ. ދެން އެނަވުގެ މީހުން އެއްވެސް އަގެއް ނުނަގައި އެދެބޭކަލުން ދަތުރު ކުރެއްވުމަށް އެއްބަސް ވެއްޖެއެވެ. ދެން އެދެބޭކަލުން އެނަވަށް އަރާވަޑައިގެންފިއެވެ. އެ ހިނދު ދޫންޏެއް ނަވުގެ ކައިރިއަށް އައިސް އޭތީގެ ތުން ކަނޑުގެ ތެރެއަށް ދެފަހަރަކު ކޮށްޕައިލިއެވެ. خضر ގެފާނު ވިދާޅުވިއެވެ. [އޭ موسى އެވެ. ތިމަންކަލޭގެފާނާއި ކަލޭގެފާނަށް މާތް اللّـه سبحانه وتعالى، ދެއްވައިފައިވާ ޢިލްމުގެ ސަބަބުން މިދޫނީގެ ތުން ކަނޑަށް ކޮށްޕާލާފައި ނެގި އިރު ކަނޑުން އެއްޗެއް މަދުވި މިންވަރާ ގާތައްވެސް މާތްﷲ ޢިލްމުން މަދުނުވެއެވެ. ދެން އެކަލޭގެފާނު ކޯރާޑީއެއްނަގައި އެ ނަވުން ފިލައެއް ނައްޓާލައިފިއެވެ. موسى عليه السّلام އެކަމާއި ކޯފާވެވަޑައިގެން ސުވާލު ކުރިއެވެ.
[ކަލޭގެފާނު ތިޔަ ކުރެއްވީ ކީއްތޯއެވެ؟ އެބައިމީހުންގެ ނައުގަނޑުގައި އަޅުގަނޑުމެން އެއްވެއް އަގަކާނުލައި ހުއްދަ ދެއްވުމުން ތިޔަ ނައްޓުވައިލެއްވީ އެނައުގެ ބަނޑުފިލާގަނޑު ވީއްޔާއެވެ؟] خضر ގެފާނު ވިދާޅުވިއެވެ. [ހަމަކަށަވަރުން، ތިމަންކަލޭގެފާނާއެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟] موسى عليه السّلام ވިދާޅުވިއެވެ. [ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން، ކަލޭގެފާނު ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ!]
ދެން އެ ދެބޭކަލުން ނަވުން ފައިބައިގެން ވަޑައިގަންނަވަނިކޮށް ކުޅެން އުޅުނު ކުޑަކުދިންތަކަކާ ބައްދަލުވެވަޑައިގެންފިއެވެ. خضر ގެފާނު އެތަނުން ކުއްޖެއްގެ ބޮލުގައި ހިފައި އެކަލޭގެފާނުގެ އަތްޕުޅުން އެކުއްޖާ ޤަތުލުކޮށްލައިފިއެވެ. ދެން موسى عليه السّلام އެކަމާއި މެދު ވިދާޅުވިއެވެ. [އެއްވެސް ކުށެއްބުށެއްނެތް ޠާހިރު ފުރާނައެއް ޤަލުކުރައްވައިފީމުތާއެވެ. ތިޔަކުރެއްވީ ހާދާ ނުބައި ކަމެކެވެ.] خضر ގެފާނު ވިދާޅުވިއެވެ. [ހަމަކަށަވަރުން، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ، ތިމަންކަލޭގެފާނު ކަލޭގެފާނަކަށް ނުދަންނަވަންތޯއެވެ؟]
موسى عليه السّلام ވިދާޅުވިއެވެ. [މީގެފަހުން އެއްވެސް ކަމަކާމެދު، ކަލޭގެފާނާ ތިމަންކަލޭގެފާނު ސުވާލު ކުރައްވައިފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް އުޒުރެއް ލިބިވަޑައިގެންފިއެވެ.] ދެން އެދެބޭކަލުން ކުރިޔަށް ހިންގަވައިފައި ވަޑައިގަންނަވަމުން، ރަށެއްގެ އަހުލުވެރިބަޔަކާ ހަމަޔަށް ވަޑައިގެންނެވިއްޖެއެވެ. އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ، އެއުރެން އެބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުރިއެވެ. ދެން އެރަށުން ވެއްޓެން ކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން އެބޭކަލަކު އެ ފާރު ތެދުކުރައްވައިފިއެވެ.
موسى عليه السّلام ، خضر ގެފާނަށް ވިދާޅުވިއެވެ. [މިރަށުގެ މީހުން ތިމަންނަމެންނަށް ކާއެތިކޮޅެއްވެސް ނުދިނެވެ. މެހުމާންދާރީ އަށް އެދުމުންވެސް އެމީހުން އެކަމަށްވެސް އިންކާރު ކުރިއެވެ. ނަމަވެސް ކަލޭގެފާނު ތިޔަ އެމީހުންނަށް އެ ފާރު ތެދުކޮށްދިނީއެވެ.]
خضر ގެފާނު ވިދާޅުވިއެވެ. މިއީ ތިމަންކަލޭގެފާނާއި، ކަލޭގެފާނާ ދެމެދުގެ ވަކިވުމެވެ. ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތައްތަކުގެ ޙަޤީޤަތް ތިމަންކަލޭގެފާނު، ކަލޭގެފާނަށް ކިޔައިދެއްވާ ހުށީމެވެ. ދެން خضر ގެފާނު موسى عليه السّلام އަށް އެކަންކަމުގެ ޚަބަރު ބަޔާންކޮށްދެއްވިއެވެ. މިވާހަކަ ކަހުފު ސޫރަތުގެ 79 ވަނަ އާޔަތުން ފެށިގެން 82 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ބަޔާންކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
أَمَّا السَّفِينَةُ فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَاءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا ﴿٧٩﴾ وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْهِقَهُمَا طُغْيَانًا وَكُفْرًا ﴿٨٠﴾ فَأَرَدْنَا أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَاةً وَأَقْرَبَ رُحْمًا ﴿٨١﴾ وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُ عَنْ أَمْرِي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا ﴿٨٢﴾
މާނައީ: [ނަވާއި މެދު ދަންނާށެވެ! ފަހެ، އެ ނަވަކީ ކަނޑުގައި މަސައްކަތްކޮށްއުޅޭ މިސްކީން ބަޔެއްގެ ނަވެކެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ގަސްދުކުރެއްވީ ސަލާމަތުންވާ ކޮންމެ ނަވެއް ފޭރިގަނެގެން އަތުލާ ރަސްކަލަކު އެމީހުންގެ ފަހަތުގައިވާތީއެވެ. އަދި އެ ފިރިހެންކުއްޖާއާމެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ ހެޔޮލަފާ މުއުމިނުން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި ކާފިރުވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ. ފަހެ، ތިމަންކަލޭގެފާނު އެދިވަޑައިގަތީ، އެ ދެމީހުންގެ ވެރިރަސްކަލާނގެ، އެކުއްޖާއަށްވުރެ ހެޔޮވެގެންވާ ޞާލިޙު، އަދި އޯގާތެރިކަންބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ. އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ ޔަތީމު ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް ޚަޒާނާއެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، ޞާލިޙު މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ ޚަޒާނާ، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުން އޮތް ރަޙްމަތެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ ރައުޔު އަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ ތަފްޞީރެވެ.]
{صحيح البخاري، كتاب التفسير، باب قَوْلِهِ {فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا}، مَذْهَبًا يَسْرُبُ: يَسْلُكُ، وَمِنْهُ: {وَسَارِبٌ بِالنَّهَارِ}، ޙަދީޘް 4726}
- އަދި ނުނިމޭ