ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް މަރުވަން އެދުން ހުއްދައެއް ނޫން! މަރުވުން މާރަނގަޅުކަމަށް ވިސްނެނީ މަރުވުމުން ވާނެ ގޮތް އެނގޭތީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް މަރުވަން އެދުން ހުއްދައެއް ނޫން! މަރުވުން މާރަނގަޅުކަމަށް ވިސްނެނީ މަރުވުމުން ވާނެ ގޮތް އެނގޭތީތަ؟

ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަށް މާޔޫސްވެ އެކަން ކޮންޓްރޯލް ނުކުރެވުމުން ދުނިޔޭގައި އިތުރަށް އަހުރެން ދިރިއުޅުމުގެ ބޭނުމަކީ ކޮބައިކަމާއިމެދު ވިސްނާ ބައަކު އުޅެއެވެ. އިތުރަށް ދިރުއުޅުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދާ ބައަކު އުޅެއެވެ.  

އެމީހުންނަށް އަހުރެންވެސް ބޭނުންވަނީ ސުވާލެއް ކުރާށެވެ! އެސުވާލަކީ މަރުވަނީ ކީއްކުރަންތޯއެވެ؟ މަރުވުމުން ޙާޞިލްކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ 

ވިސްނައިލާށެވެ! ދުނިޔޭގައި ކެތެރިވެލައިފިނަމަ އެމީހަކަށް ކުރިމަތިވި މުޞީބާތުން އަރައިގަނެވޭނެއެވެ. އުފާވެރިކަން ލިބޭނެއެވެ. ހިތްހަމަޖެހިގެން ދިރިއުޅުމުގެ ފުރުޞަތުވެސް ލިބޭނެއެވެ. އިން ޝާ ﷲ  

ދެން އޮތީ ދުނިޔޭގައި ކުރިމަތިވި ކަންކަމަށް ކެތްތެރި ނުވެވިގެން މަރުވުމެވެ. މަރުވުމުން ތިމާއަށް ލިބޭނީ ކޮންކަމެއްކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެމީހަކީ ޢަޛާބު ލިބޭނެ މީހަކުކަމުގައިވެއްޖެނަމަ އެކަމުން ސަލާމަތްކަމެއް ނެތެވެ. ސަލާމަތްވެވި އުފާވެރިކަން ލިބޭނެ މަގެއް ނެތެވެ. އެމީހަކަށް ﷲ ތަޢާލާ ޢަޛާބް ލުއިކޮށްދެއްވެވުމުން މެނުވީއެވެ.

ދެން އޮތީ ސުންނަތުން ފެންނަން އޮތްގޮތެވެ. ހަށިކޮޅުގައި އަޅަމުން ދިއަ ގަދަވޭންތަކަށް ކެތް ނުކުރެއްވެވިގެން އަވަހާރަވުމަށް އެދިވަޑައިގެންނެވި ޞަޙާބީ ބޭކަލަކަށް ޙަދީޘްފުޅު ކުރެއްވެވީ އަވަހާރަވުމަށް އެދިވަޑައި ނުގަތުމަށެވެ. އެފަދަ ޙާލަތުގައި ދުޢާކުރަން އޮތް މަގުވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ދުޢާކުރަންވީ މިއަޅާއަށް ދިރިހުރުމުގައި ފައިދާއެއް އޮތްހައިދުވަހަކު ދުނިޔޭގައި ލެހެއްޓެވުމަށެވެ. އަދި މަރުވުމަކީ މިއަޅާއަށް އޮތް ރަނގަޅު ގޮތް ނަމަ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުން އެދިގެންނެވެ.  

ވީމާ އެއްވެސް މީހަކު މަރުވުމަށް ނުއެދޭށެވެ. އެކަމަށް ނުވެސް ވިސްނާށެވެ! ކޮންމެ ފަދަ ވޭނެއް އުފުލަން ޖެހުނު ނަމަވެސް ކެތްތެރިވާން މަސައްކަތްކުރާށެވެ! ދުނިޔޭގައި ހުރުމަށްވުރެ މަރުވުން މާރަނގަޅުކަމަށް ފަދަ ނުބައި ބަސްތައް ނުބުނާށެވެ! އެއިރުން އެމީހަކު އެވަނީ އީމާންކަން ކުޑަ މީހުންގެ ތެރެއިންނެވެ. އެފަދަ މީހަކަށް ނުވަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި ލިޔުމެއް:

https://islamqa.info/en/answers/136164/is-it-permissible-to-pray-to-die-before-my-appointed-time-comes

 

މިއަދު އޮންލައިން