އަޅުކަން ކުރަނީ ނުހަނު ބުރަ މަސައްކަތުންނެވެ. އަދި ކުރެވެނީ ވެސް ވަރަށް މަދު މިންވަރެކެވެ. ﷲ ތައާލާގެ ޙަޟްރަތުން އެތައް ކަމަކަށް އެދެމުންނެވެ. އެންމެ ބޮޑު ކަމަކަށް މިއެދެނީ ނަރަކައިން ސަލާމަތްކޮށް ދެއްވެވުމާއި ސުވަރުގެ ދެއްވެވުމެވެ.
އެހެންކަމަށްވާއިރު 2،3 މިނިޓްއިރުގެ ނުވަތަ 2،3 ގަޑިއިރުގެ ދުނިޔަވީ ކުޑަކުޑަ އުފަލަކަށްޓަކައި ތިމާއަށް ކުރެވޭ މަދު އަޅުކަންކޮޅު ވަޔަށް ބުރުއްސާލަން ހެޔޮވެދާނެ ހެއްޔެވެ؟ ވީމާ މިކަންކަމަށް ވިސްނައިލުން ވަރަށް މުހިންމު ކަމަށް ޤަބޫލުކުރެވޭތީ ހަނދާން އައުކޮށްލަދޭނަމެވެ.
ހެޔޮ އަމަލުކުރަނީ އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ލިބިގަތުމަށެވެ. ނަމަވެސް ހެޔޮ ޢަމަލުތައް ކުރުމަށްފަހު ދެން ކުރެވޭ ކަންކަމުގެ ސަބަބުން ތިމާ ކުރާ ހެޔޮ ޢަމަލުތައް ޤިޔާމަތް ދުވަހު ހިރަފުސް ވަޔަށް ބުރައިގެންދާ އުޞޫލުން އެއްވެސް ބުރަދަނެއް ނެތި ވަޔަށް ބުރައިގެންދާނެ ބައަކު ތިބޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!
"ކުރާ ހެޔޮ އަމަލުތައް ހިރަފުސް ވަޔަށް ބުރައިގެންދާ ފަދައިން ބުރުވައިލާނެ ބައަކު އަންނާނެ" ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ޞަހާބީންގެ ތެރެއިންވާ ބައެއްތޯ ނޫނީ އެއީ ކޮން ބައެއްތޯ ޞަޙާބީން ސުވާލު ކުރެއްވެވުމުން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ އެމީހުން އަންނާނީ ހަމަ ތިއަ ބޭކަލުންގެ ތެރެއިން ކަމަށެވެ. މާނައަކީ މުސްލިމުންގެ ތެރެއިން ކަމެވެ.
އެމީހުންގެ ސިފަ ނުވަތަ އަމަލުތައް ހުންނާނެ ގޮތް ބަޔާންކޮށްދެއްވެވުމަށް ރަސޫލް (ﷺ) އަށް ޞަހާބީން އެދިވަޑައިގަތުމުން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ އެމީހުންނަކީ މީސްތަކުންނަށް ގަންނަ ބިރު ﷲ ތަޢާލާއަށް ނުގަންނަ މީހުން ކަމަށެވެ. މީސްތަކުންގެ ކުރިމަތީގައި ނަމާދުކޮށް، ރޯދަ ހިފައި އަދި ޒަކާތްވެސް ދެމުން ރޭގަނޑުގެ ވަގުތުތަކުގައި މީސްތަކުންނަށް ނުފެންނަ ގޮތަށް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަންނަ މީހުން ކަމަށެވެ. އެކަނިވުމުން އެއްވެސް ބިރެއް ނެތި ފާފަތައް ކުރާ މީހުން ކަމެވެ.
އަމިއްލަ ޤައުމުގައި ދިރިއުޅެމުންނެވެސް މިފަދައިން އަމަލުކުރާ މުސްލިމުން މިހާރުވެސް މަދެއް ނޫނެވެ. އެހެންކަމުން ކުރިއަށް އޮތް ޢީދު ޗުއްޓީއަށް ޤައުމުން ބޭރަށް ދާން ނިންމައިފައިވާ މީހުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ނަޞޭހަތްތެރިވަމެވެ.
ގިނަ އަދަދަދެއްގެ މުސްލިމުން ޗުއްޓީ ހޭދަކުރަން ދާން ބޭނުންވަނީ މުސްލިމް ޤައުމުތަކަކަށް ނޫނެވެ. ތައިލަންޑާއި އިންޑޮނޭސިއާ އަދި އެނޫންވެސް ފާހިޝް އަމަލުކުރުން އިންތިހާއަށް ޢާންމުވެފައިވާ ޤައުމުތަކަށެވެ. އެޤައުމުތަކަށް ދިއުމާއިއެކު ފާފަތައް ކުރަން މީހާ ޝައުޤުވެރިކުރުވާ ގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާ ޤައުމުތަކަށެވެ. ނަތީޖާއަކަށްވަނީ އެ ޤައުމުތަކަށް ދިއުމުން ލިބޭ މިނިވަންކަމާއިއެކު އެއްވެސް ބިރެއް ނެތި ފާފަތަކަށް އަރައިގަނެވުމެވެ.
އަޚުންނާއި އުޚުތުންނޭވެ! ބޭރު ޤައުމެއްގައި އެކަނި ހުންނައިރު ނުވަތަ އެކަނި ތިބޭއިރު ކުރާ އަމަލުތައް އަމިއްލަ ޤައުމުގެ ބައަކަށް ނުފެނިދާނެއެވެ. ޢާއިލާއަށްވެސް ސިއްރުކުރެވިދާނެއެވެ. އަނބިމީހާއަށް ނުވަތަ ފިރިމީހާއަށްވެސް ސިއްރުކުރެވިދާނެއެވެ. ނަމަވެސް ކޮންމެ ޤައުމެއްގައި ހުރި ނަމަވެސް ﷲ ތަޢާލާ ތިބާ ކުރާ ހުރިހާ އަމަލުތަކެއް ދެކެ ދެނެވޮޑިގެންވެއެވެ. އެކަމަށް ދެއްވަވާ ޖަޒާ ދެއްވަވާނެއެވެ.
ހަމަ މިއާއިއެކު ފާހަގަކޮށްލާނަމެވެ. ޢީދު ތެރޭގައިވެސް މުސްލިމުން ނަމާދުކުރެއެވެ. އަޅުކަންކުރެއެވެ. ނަމަވެސް ރޭގަނޑުވުމުން މިޔުޒިކް ޝޯތަކަށް ގޮސް އެކަންކަމުގައި ބައިވެރިވުމުން ވެސް އެކުރެވެނީ ހަމަ އެއް ކަމެކެވެ. ހިރަފުސް ވަޔަށް ބުރައިގެންދާ އުޞޫލުން ތިމާ ކުރާ އަޅުކަން ބުރުއްސައިލެވެނީއެވެ.
ހަމަކަށަވަރުން މިޔުޒިކް ޝޯތަކާއި ނެށުންތައް އިންތިޒާމުކުރަނީ ޝައިޠާނުންގެ ތެރެއިންވާ އިންސާނުންނެވެ. އެއީ މުސްލިމުންގެ ތެރެއިންވާ ބައެއް ނޫނެވެ. މުސްލިމަކު މުސްލިމެއްގެ ގޮތުގައި ހުރެ އެބާވަތުގެ އެއްވެސް ކަމެއް އިންތިޒާމެއް ނުކުރާނެއެވެ. އަދި އެފަދަ ކަމަކަށް ހޭދައެއްވެސް ނުކުރާނެއެވެ.
- ޝައިޚް ޝާދީ އަލް ސުލައިމާންގެ ދަރުސަކުން