މިއީ ތަނަވަސްކަން ނެތް ނަމަ ނުކައި ރޯދައަށްތިބެގެން ހަނޑޫ ކިލޯއެއްގެ މިންވަރު ނަމަވެސް ޣާޒާގެ ރައްޔިތުންނަށް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުތަންވީ ވަޤުތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
މިއީ ތަނަވަސްކަން ނެތް ނަމަ ނުކައި ރޯދައަށްތިބެގެން ހަނޑޫ ކިލޯއެއްގެ މިންވަރު ނަމަވެސް ޣާޒާގެ ރައްޔިތުންނަށް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުތަންވީ ވަޤުތު!

ޣާޒާގެ ރައްޔިތުންނަށް މިއަދު ކުރިމަތިކުރުވާފައިވާ ޙާލަތަކީ ފަހުގެ ތާރީޚުގައި އެއްވެސް ޤައުމަކަށް ކުރިމަތިވެފައިވާ ޙާލަތެއް ނޫނެވެ. ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣާޒާގެ ރައްޔިތުންނާއިމެދު ޢަމަލުކުރަމުން އެގެންދަނީ އަނިޔާވެރިކަން އެއިގެ އެންމެ މަތީ ދަރަޖައިގައެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގެފަހުން އިންސާނުންތަޖުރިބާކުރި ކަންކަމެއް ނޫނެވެ.

ކޮންމެއަކަސް މިޙާލަތުގައިވެސް ކޮންމެ އިންސާނަކަށްވެސް ކުރެވޭނެ ކަންކަން ހުންނާނެއެވެ. އެގޮތުން ކޮންމެ މީހަކަށްވެސް ކުރެވިދާނެ އެއް ކަމަކީ ފަލަސްޠީނުގެ ރައްޔިތޖންނަށްޓަކައި ހެޔޮ ދުޢާކުރުމެވެ. ދެވަނަ ކަމަކީ އެމީހެއްގެ އަތުގައި ހުރި މިންވަރަކުން ހޭދަކުރުމެވެ. އެކަން ކުރުމަކީވެސް ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެވެ.  

އެކަމަކުވެސް ވިސްނާލަންވާނެއެވެ! ކިތަންމެ މަދު ފައިސާކޮޅެއް ފޯރުކޮށްދެވެން އޮތްނަމަވެސް އިތުބާރު ނެތް ފަރާތަކާއި ޙަވާލުނުކުރާށެވެ! އަމާނާތްތެރިންކަން އެނގި ޔަޤީންވާ ފަރާތްތަކާއި ޙަވާލުކުރާށެވެ!

ވަގުންތައް އަބަދުވެސް ތިބޭނީ ފާރައަށެވެ! އެއްވެސް މީހެއްގެ ދެރަ ނިކަމެތި ޙާލަތަށް އެމީހުންގެ ހަމްދަރުދީއެއް ނުއޮންނާނެއެވެ. ވީމާ މިއަދުގެ މިޙާލަތުގައިވެސް ތަފާތު ނަންނަމުގައި ޙަރަކާތްތެރިވާ ވަގުންތައް ވަރަށް ގިނަވާނެއެވެ. ވިސްނާނުލައި އެއިން ވަގަކާއި ތިބާގެ އަތުގައި ހުރި ފައިސާކޮޅު ޙަވާލުކުރެވިއްޖެނަމަ އެކަންވާނީ ލިބުނު ވަރަށް ބޮޑު ދެރައަކަށެވެ.  

ލޮބުވެތި އަޚުނަނާއި އުޚުތުންނޭވެ! ވަކި ޤައުމެއް ނޫނެވެ. ކޮންމެ ޤައުމެއްގައިވެސް ޣާޒާގެ މުސްލިމުންނަށް އެހީތެރިވުމަށް ދަނީ މަސައްކަތްކުރެވެމުންނެވެ. ޞައްޙަ ޖަމިއްޔާތަކުން ގެންދަނީ ޙަރަކާތްތެރިވަމުންނެވެ. އެއްދުވަހު ނުކައި ރޯދައަށްތިބެފައި ނަމަވެސް ހަނޑޫ ކިލޯއެއްގެ މިންވަރު ނަމަވެސް ޞަދަޤާތްކުރެވޭތޯ ބަލާށެވެ!  

މިއީ މުސްލިމުންނަށް ދެއްވެވި ވަރަށް ޚާއްޞަ ފުރުޞަތެކެވެ. ބޭނުންހިފާށެވެ! އިން ޝާ ﷲ.  މިއީ އެފަދަ ނިކަމެތި، ނުރައްކައުތެރި، އެއްވެސް ގޮތެއް ނެތިފައި ތިބި ބައަކަށް (ޣާޒާގެ ރައްޔިތުންނަށް) އެހީތެރިވެދީގެން އަހުރެމެން ނަރަކައިން ސަލާމަތްވާން މަސައްކަތްކުރަން ދެއްވެވި ވަރަށް ޚާއްޞަ ފުރުޞަތެކެވެ. އިން ޝާ ﷲ  

ވިސްނައިލާށެވެ! ޣާޒާގެ ރައްޔިތުންނަށްވުރެ ނިކަމެތި ޙާލުގައި ތިބި ބައަކު ދުނިޔޭގެ އެއްވެސް ތަނެއްގައި މިވަޤުތު އެބަތިބި ކަމަކަށް ނުބެލެވެއެވެ. އެމީހުން އެތިބީ އެހައިވެސް ނިކަމެތި ޙާލުގައެވެ. ޙަދީޘްފުޅުގައި އޮތީ ކަދުރު އޮށެއްގެ އެތިކޮޅެއް ޞަދަޤާތްކޮށްގެންވެސް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމަށެވެ. ވީމާށ އަހުރެމެންނަށް އޮތީ ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފައި ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން