ދިރޭ ޤަބުރުންގެ ގޮތުގަ ކައިވެންޏަށް ސަތޭކަ އަހަރު ފުރުނިއްޔާ އެއީ ކާމިޔާބު ކައިވެންޏަކަށްވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދިރޭ ޤަބުރުންގެ ގޮތުގަ ކައިވެންޏަށް ސަތޭކަ އަހަރު ފުރުނިއްޔާ އެއީ ކާމިޔާބު ކައިވެންޏަކަށްވާނެތަ؟

ބައެއް މީހުން ދެކޭ ގޮތުގައި ކައިވެނީގެ ކާމިޔާބީ ގުޅިފައިވަނީ ކައިވެނި ނުރޫޅުމާއިއެވެ. ގިނަ އަހަރުތަކެއްވަންދެން އެކުގައި ދިރިއުޅެވުމާއިއެވެ. ނަމަވެސް އެކަމަށް އަހުރެން އެއްބަހެއް ނުވަމެވެ. 

އަހުރެން ދެކޭ ގޮތުގައި ކައިވެނި ނުރޫޅި ދެމިގެން ދިއުމަކީ ކައިވެނީގެ ކާމިޔާބީ ކަމުގައި ނުވަތަ އެއީ ކާމިޔާބު ކައިވެންޏަކަށްވާނީ އިތުރު 2 ކަމެއްވެސް ހިމެނިގެންނެވެ. އެއީ ދެމަފިރިންގެ މެދުގައި ހިތްހަމަޖެހުމާއި އުފާވެރިކަން އޮތުމާއި ދެމަފިރިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލްކުރެވުމެވެ. 

ކައިވެންޏަށް 20، 40 އަހަރެވެ. ދެމީހުން ތިބެނީ 2 ފަރާތަށް މޫނުލައިގެންނެވެ. ހިނިތުންވުމެއް ނެތެވެ. ދައްކަނީ ކުނިމޫނެވެ. އެއްއެނދުގައި ނިދަނީ ބޮޑުކަންނޭލަކުން ނުވަތަ ބާލީސްތަކަކުން ދެމީހުންގެ މެދުގައި ފާރެއް ރާނައިގެންނެވެ. އެހެންކަމަށްވެއްޖެނަމަ އެކައިވެންޏަށް 100 އަހަރުފުރުނިއްޔާ އެއީ ކާމިޔާބު ކައިވެންޏަކަށްވާނެ ހެއްޔެވެ؟ 

އަހުރެންނަށް ޤަބޫލުކުރެވޭގޮތުގައި އެކައިވެނި އެވަނީ ބޮޑުތަނުން ފޭލްވެފައެވެ. ނޭވާ ހޮޅިއަށް އެޅި ވެންޓިލޭޓަރަކުވެސް ނޫނެވެ. ކައިވެނި އެވަނީ މަރުވެ ވަޅުލެވިފައެވެ. މިހާރު އެކުގައި އެއުޅެނީ ދިރޭ ޤަބުރެވެ.

މިޙާލަތުގައި ދިރިއުޅޭނަމަ އެއީ އަމިއްލައަށް ލިބިގަނެވޭ ބޮޑު އަނިޔާއެކެވެ. ކަމުގެ މާހިރުން ވިދާޅުވަނީ ކައިވެނީގެ ކާމިޔާބީ ގުޅިފައިވަނީ ދެމީހުންގެ މެދުގައި ލޯތްބާއި ވަފާތެރިކަން އޮތް މިންވަރަކުން ކަމަށެވެ. 

މިބަހަށް ބަލައިލާއިރު ވަފާތެރިކަން ލޯތްބެއް ނުއޮންނާނެއެވެ. އަދި އަޅައިލުމާއި އެހީތެރިކަން ނެތުމަކީވެސް ލޯބިމަރުވެފައިވާ ކަމުގެ ހެއްކެކެވެ. ކޮންމެއަކަސް އަހުރެން އިލްތިމާސްކުރާނީ އެއްވެސް ދެމަފިރިއަކީ ދިރޭ ޤަބުރުންނަށް ނުވުމަށެވެ. ލޯބިން ދިރިއުޅެވޭ ބައަކަށްވުމަށެވެ.

 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން