ފެންނަ ކޮންމެ ހުވަފެނަކާއިމެދު ކަންބޮޑުވެގެންނުވާނެއެވެ. އަދި ފެންނަ ކޮންމެ ހުވަފެނަކާއިމެދު އަޅާނުލައި ދޫކޮށްލައިގެންވެސް ނުވާނެއެވެ. ހުވަފެނުން ހޭލެވުމުންވެސް ހުވަފެން ހަނދާންހުރިނަމަ އެހުވަފެނަކާއިމެދު ވިސްނަންވާނެއެވެ! ފެނުނީ ތިމާ އާއި އެއްވެސް ގުޅުމެއް ހުރި ކަންކަންތޯ ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ.
މިޘާލަކަށް އަޅުކަމާއި ދުރުގައި ހުރެވެނިކޮށް ހުވަފެނުގައި ހެޔޮލަފާ މީހުން ފެނި އަދި ހެޔޮ ޢަމަލުކުރަނިކޮށް ފެނިއްޖެނަމަ އެއީ ލިބުނު އިންޒާރެއް ކަމަށް ދެކެންވާނެއެވެ. އެއީ ތިބާ ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފަށަން ތިބާއަށް އަންގައިދޭ އެންގުމެކެވެ. އެކަމަށް ޣާފިލުވާން ހެޔޮ ނުވާނެއެވެ.
ހަމައެފަދައިން ބައަކާއިއެކު ނުވަތަ އެކަނި ނަމަވެސް ނުބައި ޢަމަލުތައް ކުރަނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ އެއީވެސް ހަމަ އެހައި ވަރުގަދަ އިންޒާރެއްކަމަށް ދެކެންވާނެއެވެ. އެއަންގައިދެނީ އެމީހުންނާއިއެކުގައި އުޅެގެން ތިބާއަށް ހުރީ ގެއްލުންކަމެވެ. އަދި ފާފަކުރުން ހުއްޓާލައި ތައުބާވުމުގެ ވަޤުތު އައިސް ޖެހިއްޖެ ކަމެވެ.
ޝައިޠާނާގެ މަޅީގައި ޖެހި ފާފަތައް ކުރެވެމުންދާއިރު ސިކުނޑިއަށާއި ހިތަށް ދާނީ ވަރަށް ބޮޑަށް ގެއްލުން ލިބެމުންނެވެ. ހަމައެކަނި ކަޅުތިލަ ޖަހާނީ އެއް ނޫނެވެ ލޯވަޅުވެސް އެޅޭނެއެވެ. އެލޯވަޅުތައް ސްކޭންތަކުން ނުފެންނާތީ ޤަބޫލުކުރަން އުނދަގޫވަނީއެވެ.
ޛިކްރުކުރުން ގިނަ ކުރުމަކީ އެކަމުގެ ފަރުވާއެވެ. ޛިކްރް ކުރިވަރަކަށް ލޯވަޅުތައް ދާނީ ބެދެމުންނެވެ. ހިތުގައި ޖެހި ކަޅު ތިކިތައްވެސް ދާނީ ފިލަމުންނެވެ. އެކަންކަން ޙާޞިލުކުރެވުމުން އުފާވެރި ހުވަފެންތައްވެސް ފެންނާނެއެވެ. ސުވަރުގޭގެ މީރުވަސް ވެސް އިޙްސާސްކުރެވޭނެއެވެ. ދިރިއުޅުންވެސް ބާއްޖެވެރިވެ އުޖާލާވެގެންދާނެއެވެ.
ޛިކްރުކުރުން ގިނަކުރަން ބޭނުންވަނީވެސް އެމީހެއްގެ ހިތްވަރެވެ. ސާބިތުކަމެވެ. ދުނިޔަވީ ކަންކަން ކުރަން އަޒުމް ކަނޑައަޅާ ފަދައިން ޛިކުރު ކުރުމާއި ހެޔޮ އަމަލުތައް ކުރަންވެސް ޢަޒުމް ކަނޑައަޅަން އެބަޖެހެއެވެ. ޢަޒުމް ކަނޑައެޅި ގޮތަށް އަމަލުކުރަން ވެސް އެބަޖެހެއެވެ. ޢަޒުމާއި އެކު އަމަލުކުރަން ފަށައިފިނަމަ އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވާނެތެވެ. އިސާހިތަކު އެއީ ކުރާހިތުން ކުރާ ލުއި ކަމަކަށް ބަދަލުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ.
ކިތަންމެ ގިނައިން ފާފަ ކުރެވިފައިވީ މީހަކު ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ފުރިހަމަ ތައުބާއަކުން ތައުބާވެ ޛިކުރުކުރުން ގިނަ ކުރުމުން އުފާވެރި ހުވަފެންތައް ނުފެންނަ ނަމަ، އެފަދަ ހުވަފެންތައް ފެންނަން ނުފެށި ނަމަ، އަދި އެމީހެއްގެ ޙަޔާތަށް އުފާވެރިކަމާއި ހިތް ހަމަ ޖެހުން ނުލިބޭނަމަ ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. މީހަކަށް ދެވިފައިވާ ބޮޑު ގެއްލުމަކަށް ނުވަތަ އަނިޔާއަކަށް މާފަށް ނުއެދެވި އޮތުން ކަމުގައިވެސް ވެދާނެއެވެ. ވީމާ މިއީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަންފަށާއިއރު ވިސްނައިލަން ޖެހޭނެ ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން