ހިތާމައާއި ހިތްދަތިކަމުގެ ވަޤުތުތަކުގައި އެކަމެއް ކުރިމަތިވީ މިވެނި މީހަކުގެ ސަބަބުންކަމަށް ޤަބޫލުކުރެވި އެމީހަކަށް ލަޢްނަތް ލެއްވެވުން އެދިގެން ނުވަތަ އެމީހަކަށް ދެރަގޮތް މެދުވެރިކުރެއްވެވުން އެދިގެން އެބަ ދުޢާކުރެވެއެވެ. ތިބާ ދުޢާކުރީ އަނިޔާލިބެމުންދާ ޙާލަތުގައި އަނިޔާ ލިބިލިބި ހުރެގެންކަމަށްވުމުން ތިބާކުރި ދުޢާ ޢިޖާބަކުރެއްވެވުންވެސް އޮތީ ހަމަ ވަރަށް ގާތުގައެވެ.
ދެން ނިކަން ވިސްނައިލަބަލާށެވެ! އެކަމެއް މެދުވެރިވީ އޭނާގެ ސަބަބުން ނޫންކަމަށްވެއްޖެނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ އަދި މީހަކު ތިބާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ދިންނަމަވެސް އޭނާއަށް ބަދުދުޢާކުރުމެއް ނެތެވެ. ވީމާ މިދެ ޙާލަތުގައިވެސް ތިބާއަށް އެކުރެވެނީ ވަރަށް ބޮޑުކުށެކެވެ. ފާފައެކެވެ. އެފާފަ ތިބާގެ ފަތުގައި ލިޔުއްވެވިގެންވާނެތެވެ.
ކިތަންމެ ބޮޑު ހިތްދަތިކަމެއް ނުވަތަ ތަކްލީފެއް ކުރިމަތިވިނަމަވެސް އެއްވެސް މީހަކަށް އިނގިލި ދިއްނުކުރާށެވެ! ގެއްލުންދިން މީހާ އެނގުނުކަމުގައިވީނަމަވެސްމެއެވެ. އެކަންކުރީ އެމީހަކުނަމަވެސް އެމީހާއަށް އެކަންކުރެވޭނީ އެކަން ތިބާއަށް މެދުވެރިވުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާތީއެވެ.
ޔަޤީންކުރަންވީ ﷲ ތަޢާލާ ދެނެވޮޑިގެންނުވާ އެއްވެސް ކަމެއް އަހުރެމެން އެކަކަށްވެސް ކުރިމަތިނުވާނެ ކަމެވެ. އަދި ﷲ ތަޢަލާއަށް އެކަމަކުން އަހުރެމެން ސަލާމަތްކޮށް ނުދެއްވެވޭނެ އެއްވެސް ކަމެއްވެސް ކުރިމަތިނުވާނެކަމެވެ. އެއީ ކިތަންމެ ބޮޑު ބައްޔެއްގައި އުޅެންޖެހުން ނަމަވެސް ކިތަންމެ ބޮޑު މާލީ ދަތިކަމެއް ކުރިމަތިވުން ނަމަވެސް އަދި ކައިވެނި ރޫޅި އެކަނިވެރިވާންޖެހުން ފަދަ ކޮންމެ ކަމެއް ނަމަވެސްމެއެވެ.
ވީމާ އަހުރެމެން އަވަސްވެގަންނަންވީ ﷲ ތަޢާލާގެ ޙަޟަރަތުން ނަޞްރު ލިބުމަށެވެ. މާނައަކީ އަވަސްވެގަންނަންވީ ކުރިމަތިވި މައްސަލަ ޙައްލުކޮށްދެއްވެވުން އެދި ދުޢާކުރުމަށެވެ. އަޅުކަންކުރުން ގިނަކުރާށެވެ! ސަޖިދައިގައި ގިނަ ވަޤުތު ހޭދަކުރާށެވެ! ތިމާގެ ހުރި ނިކަމެތިކަމާއި ﷲ ތަޢާލާގެ މަތިވެރިވަންތަކަން ބަޔާންކޮށް ދުޢާކުރާށެވެ! ކުރިމަތިވި ކަންތަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން