ހަމަހަމަކަމަށް ވަކާލާތުކުރަމުން ގޮސް ކައިވެނި ރޫޅި ނިކަމެތިވެއްޖެނަމަ ނިކަމެތިވާނީ ތިއަ ކަނބަލުން! އެއްވެސް ޖަމާޢަތަކުން އެހީތެރިއެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހަމަހަމަކަމަށް ވަކާލާތުކުރަމުން ގޮސް ކައިވެނި ރޫޅި ނިކަމެތިވެއްޖެނަމަ ނިކަމެތިވާނީ ތިއަ ކަނބަލުން! އެއްވެސް ޖަމާޢަތަކުން އެހީތެރިއެއް ނުވާނެ!

އަންހެނުން ބާރުވެރިކުރުވަން ކުރެވޭ މަސައްކަތްތަކުން މިއަދާއި ހަމައަށްވެސް ނެރެވުނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ ހޯދުނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ އަހުރެން ބުނާނީ ކުރިއަށް ދެވުމުގެ ބަދަލުގައި ދެވެނީ ފަހަތަށް ކަމަށެވެ. 

މިހެން މިބުނަނީ ބޮޑެތި ސަބަބުތަކެއް ހުރުމުންނެވެ. ތަފާތު ނަންތައް ކިޔައިގެން އަންހެނުން އެކަނބަލުންގެ ހަށި ވިއްކުން ދަނީ ގިނަވަމުންނެވެ. އަހަރެއް އަހަރަކަށް ދަނީ ހަށިވިއްކާ އަންހެނުން ގިނަވަމުންނެވެ. މިއީ މުޅިދުނިޔެވެސް ޤަބޫލުކުރާ ކަމެކެވެ. 

ސުވާލަކީ އަންހެނުންނަށް ކުރިއަރައިގެން ދެވޭނަމަ ފިރިހެނުންނަށް ހަށިވިއްކަންޖެހުން އިތުރުވަނީ ކީއްވެގެން ހެއްޔެވެ؟ ރިވެތި ދިރިއުޅުމެއް އުޅެން މަގުފަހިނުވަނީ ކީއްވެގެންހެއްޔެވެ؟ ފިރިހެނުންނަށް ސަލާންޖަހައި ހަށިވިއްކަން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް ކުރާ އަންހެނުން ގިނަވަނީ އެހައި ދަށުދަރަޖައަށް ވެއްޓެން ބޭނުންވާ އަންހެނުންގެ ޢަދަދު ގިނަވާތީ ކަމަކަށް އަހުރެން ޤަބޫލެއް ނުކުރާނަމެވެ. 

އަންހެނުން ބާރުވެރިކުރުވުމުގެ ނަމުގައި ހިންގާ ޙަރަކާތްތަކުން ކުރާ ކަންކަމުން ނުކުންނަ ނަތީޖާއަކީ އަންހެނުންނަށް ނުބައި މަގުން ދިއުމަށް ބާރު އިތުރަށް ލިބުން ނޫން ކޮންކަމެއް ކަމާއިމެދު ސުވާލު އުފައްދަން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. 

އަންހެނަކު އެކަނިވެރި މައަކަށްވެއްޖެނަމަ އެއަންހެނަކަށް ބޭނުންވާ ޤާނޫނީ ޙައްޤުތައް ހޯދައި އެބަދެވޭހެއްޔެވެ؟ ބައެއް ޤައުމުތަކުގައި 90 އަށްވުރެ ގިނަ އެކަނިވެރި މައިންނަށް ތިބީ އެކަނބަލުންގެ ޙައްޤުތައް ހޯދަން ކޯޓަށްވެސް ނުދެވިފައެވެ. ލޯޔަރުންނަށް ޚަރަދުކުރާނެ ފައިސާ އަތުގައި ނެތުމުންނެވެ. އެވަރު ކަމަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ ބައަކު ނެތުމުންނެވެ. 

ހުރިހާ ކަނބަލުންނަށް، ޚާއްޞަކޮށް މުސްލިމް ކަނބަލުންނަށް ބުނެލަން ބޭނުންވަނީ އަންހެނުންނަށް ލިބެންޖެހޭ ޙައްޤުތައް އެންމެ ފުރިހަމައަށް ލިބިދީފައިވަނީ އިސްލާމް ދީނުގައެވެ. އަންހެނުންނާއި ފިރިހެނުންގެ މަޤާމާއި ދަރަޖަ އަދި ޙައްޤުތައް ވަރަށް ފުރިހަމައަށް އެނގެން އެބައޮތެވެ. އެއިންތަކުން ބޭރުނުވާށެވެ! ހަމަހަމަކަން ހޯދަން ވަކާލާތުކުރުމުގެ ތެރެއިން ކައިވެނި ރޫޅާލަންޖެހޭ ޙިސާބަށް ކަންކަން ނުގެންދާށެވެ. ކައިވެނި ރޫޅި ނިކަމެތިވެއްޖެނަމަ ތިބާއަށް ހަމަހަމަކަން ވިސްނައިދިން ބައެއްގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެއެވެ. ހުރިހާ ނިކަމެތިކަމެއް ލިބޭނީ ހަމަ ތިއަ ކަނބަލުންނަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން