މައިންބަފައިން ކަމަށްވީނަމަވެސް ގޭގެ މަޞްލަހަތު ނަގާލަން ފުރުޞަތުދީގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މައިންބަފައިން ކަމަށްވީނަމަވެސް ގޭގެ މަޞްލަހަތު ނަގާލަން ފުރުޞަތުދީގެން ނުވާނެ!

ފިރިމީހާގެ ނުވަތަ އަނބިމީހާގެ މަންމަ ކަމަށްވީނަމަވެސް ބައްޕަކަމަށްވީނަމަވެސް އަދި ޢާއިލާގެ އެހެން މީހަކުނަމަވެސް ތިބާ ދިރިއުޅޭ ގެއަށް އައިސް ތިބާގެ ޢާއިލާގެ މަޞްލަޙަތު ގެއްލިގެންދާ ގޮތަށް ކަންކަން ކުރާނަމަ ރަނގަޅީ ގެއަށް ނުގެނައުމެވެ. އެމީހުން ދިރިއުޅޭ ގެއަކަށް ގޮސް އެމީހުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމެވެ. 

މިހެން ބުނަން މިޖެހެނީ ބައެއް ފަހަރު ބޭރުން އަންނަ މީހުންގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. މިޘާލަކަށް ގޭގައި ދިރިއުޅޭ ދެމަފިރިންކުރެ މީހަކަށް އިހާނެތި ބަސްތައް ބުނެފާނެއެވެ. އިޙްތިރާމްކުޑަކޮށް ކަންކަންކޮށްފާނެއެވެ. އެއިރުން ކުރިމަތިވާނެ މައްސަލައަކީ އެކަންކަން ދަރިންނަށް ދަސްވުމެވެ. 

މީގެ އިތުރުންވެސް ކުރިމަތިވާ މައްސަލަތައް ހުރެއެވެ. މިޘާލަކަށް ފިރިމީހާގެ މަންމަ ގެއަށް އައިސް އޭނާގެ ދަރިފުޅުގެ އަނބިމީހާއަށް ނުބައި ބަސްތައް ބުނަނީއެވެ. އެއަޑު އަހަންތިބޭ ދަރިން އެކަން ދެކޭނީ މުޅިން ތަފާތު ގޮތަކަށެވެ. ސަބަބަކީ މާމަ އެއްޗެތި އެގޮވަނީ އެކުދިންގެ މަންމައަށެވެ. އެއީ ދަރިން ބަލައިގަންނާނެ ކަމެއް ނޫނެވެ. ނަފްރަތުކުރާނެ ކަމެކެވެ. މާމަދެކެ ރުޅިއަންނާނެ ކަމެކެވެ. 

މިޙާލަތުގައި މުހިންމުކަން ދޭންޖެހޭނީ ތިމާގެ އަނބިމީހާއަށާއި ދަރިންނެވެ. ލޯބިވެ އަޅައިލާކަން ހާމަކުރަންވީ އެމީޙުންނަށެވެ. ތިމާ މިހުރީ އަނބިމީހާ އާއި ދަރިންނާއިއެކުގައިކަން ޘާބިތުކަމާއިއެކު ދައްކައިދެވެންޖެހޭނެއެވެ. ނޫންނަމަ ނުކުންނާނެ މައްސަލަތައް ވަރަށް ގިނަވާނެއެވެ. 

މިފަދަ ކަމެއް މެދުވެރިވިނަމަވެސް މައިމީހާގެ ހިތުގައި ޖެހޭނެ ގޮތަށް ނުބައިބަސްތައް ނުބުނާށެވެ. ރިވެތި ގޮތުގައި މަންމަ ތިއަކުރަނީ ކުށެއްކަން ބަޔާންކޮށްދީ އެފަދަ ކަންކަން ނުކުރަން ބުނާށެވެ! ރިވެތިގޮތުގައި އެހެން ބުނުމަކުން ދަރިފުޅުގެ މައްޗަކަށް ކުށެއް ނެތެވެ. ސަބަބަކީ އަނބިދަރިންނަކީ ތިމާގެ ދިރިއުޅުމުގެ އެންމެ މުހިންމު ބައިކަމަށްވާތީއެވެ. 

އަހުރެން މިވާހަ މިދެއްކީ މިޘާލެއް ދެއްކުމުގެ ގޮތުންނެވެ. މުހިންމީ ވަކިމީހަކު އިސްތިސްނާނުކޮށް މިބުނި ގޮތަށް ކަންކަން ކުރާ ކޮންމެ މީހަކާއިމެދުވެސް މިބުނިފަދައިން ދެމަފިރިންވެސް ކަންކަން ކުރުމެވެ. ޅިޔަނެއް ފަހަރިއެއް އަޚެއް އުޚުތަކަށް ބަލުމެއް ނެތިއެވެ. ގޭތެރޭގެ މަޞްލަޙަތު ހިފެހެއްޓޭނީވެސް ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރެވޭނީވެސް އެއިރުންނެވެ. 

- އަލަފް /މިއަދުނޫސް

މިއަދު އޮންލައިން