އަޅުގަނޑުމެންގެ މުޖުތަމަޢުއަކީ ވަރަށް ކުޑަ، އެކަކުއަނެކަކަށް އެނގޭ، ގުޅުން ބޮޑު މުޖުތަމަޢުއެއް ނަމަވެސް ދޭތެރެދޭތެރެއިން އަނިޔާވެރި ޢަމަލުތައް ހިންގައި މީހުންނަށް ބޮޑެތި ގެއްލުން ދޭކަން އެއީ ގިނަ ބައަކު ކަންބޮޑުވާ ކަމެކެވެ. އެފަދަ ކަންކަން ހިނގުމުން ގިނަ ބައަކު ކަންބޮޑުވެއެވެ.
ދާދިފަހުންވެސް ވަނީ އަޚަށް ދިން ޙަމަލާއެއްގައި އޭނާ މަރުވުމުން ޙަމަލާދިން މީހާގެ މައްޗަށް 12 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ. އޭނާ ވަނީ އެކަންކުރެވުނީތި ދެރަވެ މާފަށްވެސް އެދިފައެވެ.
މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ކުދިންނަށް ދެވޭ ތަރުބިއްޔަތު ހަރުދަނާކުރަން ދީނީ ޢިލްމުވެރިން ގެންދަވަނީ ގޮވައލައްވަމުންނެވެ. ދަރިންނަށް ދެވޭ ތަރުބިއްޔަތު ހަރުދަނާކުރަން ޖެހޭކަން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ފާހަގަކުރައްވައިފައެވެ. ވީމާ ހެޔޮ ބަދަލުތަކެއް ފެނިގެން ދިއުމަކީ އެންމެންގެވެސް އެންމެ ބޮޑު އެއް އުންމީދެވެ.
ތިރީގައިވާ ލިޔުމަކީވެސް ފާހަގަކޮށްލަން ޖެހޭ ލިޔުމެކެވެ.
އިންސާނާގެ ފުރާނައަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. الله ހުއްދަ ކުރެއްވި ކަމެއްގައި މެނުވީ އިންސާނާގެ ފުރާނަ ދުއްވާ ނުލެވޭނެއެވެ. އެފަދަ ކަމެއް މީހެއްގެ މައްޗަށް ޘާބިތުވެއްޖެކަން ކަނޑައަޅާނީ ޝަރްޢީ ކޯޓުތަކުންނެވެ. އަދި ތަންފީޛު ކުރާނީ ދައުލަތުންނެވެ.
އެއީ ރަޢްޔިތުން އަމިއްލަ އަށް ކުރެވޭނެ އަދި ކޮށްގެންވާނެވެސް ކަމެއް ނޫނެވެ. މުޖްތަމަޢުގެ ހަމަޖެހުމާއި މަސަލަސް ކަމަށް ރިޢާޔަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ފަރްދީ ޛިންމާ އެކެވެ. އަނިޔާވެރި ޢަމަލުތައް ހުއްޓުވޭނީ ޅަފަތުން ފެށިގެން އިސްލާމީ ތަރްބިއްޔަތު ދެވި, މުޖްތަމަޢުގައި ޢަދުލު އިންޞާފު ގާއިމް ކުރެވިގެންނެވެ.
ބާރުގަދަ މީހާ އަށް މޮޅުގޮތް, ނިކަމެތި މީހާ އަށް ނިކަމެތިގޮތް އޮންނަ އުޞޫލު ބަދަލު ކުރަން ޖެހެއެވެ. ނޫންނަމަ ކިތަންމެ ތަރައްގީ އެއް ގެނައިނަމަވެސް އެކަމުގެ މަންފާ އެއް ނުކުރާނެއެވެ. އަދި މުޖްތަމަޢުގެ އަފްރާދުންނަށް ހަމަޖެހިގެން އުޅެވޭނެ ގޮތެއްވެސް ނުވާނެއެވެ!
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް