ކައިވެންޏަށްފަހު ގެންގުޅޭ ކޮންމެ ސިއްރު އެކުވެރިއަކީ "ރަތްދިދަ" އެއް! ބޮޑު ނުރައްކަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކައިވެންޏަށްފަހު ގެންގުޅޭ ކޮންމެ ސިއްރު އެކުވެރިއަކީ "ރަތްދިދަ" އެއް! ބޮޑު ނުރައްކަލެއް!

ކައިވެންޏަށްފަހުގައިވެސް އެކުވެރިންގެ ނަމުގައި ގިނަ ޢަދަދަދެއްގެ ފިރިހެނުން ގެންގުޅޭ އަންހެނުންނާއިމެދު އަދި އަންހެނުން ގެންގުޅޭ ފިރިހެނުންނާއިމެދުގައިވެސް ސަމާލުވާންވާނެއެވެ. ޚާއްޞަކޮށް ސިއްރު އެކުވެރިން ގެންގުޅޭނަމައެވެ. 

އެކުވެރިންގެ ނަމުގައި އެގެންގުޅޭ ކޮންމެ މީހަކީވެސް ބައިވެރިޔާ ބަދަލުކޮށް ބައިވެރިޔާގެ މަޤާމް ދީފާނެ މީހެއް ކަމަށް ބަލަންވާނެއެވެ. މިކަމަށް ސަމާލުކަން ނުދީފިނަމަ ފަހުން ހިތާމަކުރަންޖެހުން އޮންނަނީ ދާދި ގާތުގައެވެ. 

ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފެށުމަށްފަހު ސިއްރު އެކުވެރިން ގެންގުޅެގެން ނުވާނެއެވެ. އެއްވެސް ހިލޭ މީހަކާއި ސިއްރުން ވާހަކަދައްކައި މުޢާމަލާތުކޮށްގެންވެސް ނުވާނެއެވެ. އެކަންކަން ކުރުވަނީ ޝައިޠޯނާއެވެ. ޢާންމު ގޮތެއްގައި ލިބޭނެ އެންމެ ބޮޑު އެއް ދެރައަކީ ނުބައި ގުޅުންތައް ހިންގުވުމަށްފަހު އެކަން ފަޅާއަރުވާލާނީވެސް ޝައިޠޯނާއެވެ. 

އަހުރެން ބުނާނީ އަނބިމީހާއަށް ސިއްރުކުރަންޖެހޭ ފިރިހެން އެކުވެރިންވެސް ނުގެންގުޅޭށެވެ. އަދި ފިރިމީހާއަށް ސިއްރުކުރަންޖެހޭ އަންހެން އެކުވެރިންވެސް ނުގެންގުޅޭށެވެ. ދެމަފިރިންގެ މެދުގައި ސިއްރުކުރަންޖެހޭ އެއްވެސް މީހަކާއި އެކަކުވެސް ގުޅުން ނުބާއްވާށެވެ. އަދި ވިސްނާށެވެ. އެކުވެރިއަކު އޭނާގެ އެކުވެރިކަން ތިބާގެ ބައިވެރިޔާއަށް ސިއްރުކުރަން އެދޭނަމަ އެއިގެ މާނައަކީ އެއީ "ރަތްދިދަ" އެއް ކަމެވެ. 

ކަންކަމަށް ޝައްކުކުރެވި އެޝައްކުގެ ތެރެއިން މައްސަލަތައް ކުރިމަތިވަނީ ސިއްރު ގުޅުންތައް ބޭއްވޭތީއެވެ. ނުބާއްވާނަމަ ޝައްކުކުރާކަށް ނުޖެހޭނެއެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުވުމުގެ އެންމެ މުހިންމު އެއް އަސާސަކީވެސް އެއްވެސް ކަމެއް ސިއްރުނުކުރުމެވެ.

 

--އަލަފް / މިއަދުނޫސް

މިއަދު އޮންލައިން