ޢަލީ އިޙްޞާން ފިރާޤް
އިލްޔާސުގެފާނުގެ މާތްކަން:
އަރަހުށި މާތްﷲ ފޮނުއްވި އެހެން ނަބިއްޔުންނާއި ރަސޫލުންނެކޭ އެއްފަދައިން إلياس عليه السّلام އަކީވެސް މާތްކަމާއި މަތިވެރިކަމުގައި ޚާއްޞަ އިމްތިޔާޒެއް ލިބިވަޑައިގެންފައިވާ ނަބިއްޔެކެވެ. އެކަލާނގެވަނީ ހަތް އުޑުމަތިން ބާވައިލެއްވި ކީރިތި ޤުރްއާނުގައި إلياس عليه السّلام ގެ މައްޗަށް ތާރީފުގެ ބަސްފުޅުތައް ވަޙީ ކުރައްވައިފައިވެއެވެ. ކީރިތި ޤުރްއާނުގެ އަންޢާމު ސޫރަތުގެ 85 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ الصَّالِحِينَ ﴿٨٥﴾
މާނައީ: [އަދި زكريّا ގެފާނާއި، يحيى ގެފާނާއި، عيسى ގެފާނާއި، إلياس ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އ ެއިން ކޮންމެ ބޭކަލަކުމެވަނީ، صالح ންގެ ތެރެއިންނެވެ.]
އަދިވެސް އެކަލޭގެފާނަށް ތާރީފާއި ސާނާ ބަޔާން ކުރައްވަމުން ކީރިތި ޤުރްއާނުގެ ޞާއްފާތު ސޫރަތުގެ 129 ވަނަ އާޔަތުން ފެށިގެން 132 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވެއެވެ.
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ ﴿١٢٩﴾ سَلَامٌ عَلَىٰ إِلْ يَاسِينَ﴿١٣٠﴾ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿١٣١﴾ إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ ﴿١٣٢﴾
މާނައީ: [އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. إلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ. إلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ.]