އެއްވެސް އެއްޗެއް އަތުން ގެއްލިއްޖެނަމަ، ގެއްލުނު އެއްޗަކަށްވުރެ މާރަނގަޅު، މާފައިދާހުރި އެއްޗެއް ލިބޭނެކަމަށް އަހުރެމެން ޤަބޫލުކުރަމުއެވެ. މީހެއްގެ އަތުން އެއްޗެއް ގެއްލިއްޖެނަމަ އެމީހަކަށް ހިތްވަރުދޭންވެސް އެފަދަ ބަސްތައް ބުނަމުއެވެ.
އެކަމަކު ތިމާގެ އަތުން އެއްޗެއް ގެއްލިއްޖެނަމަ އެގޮތަށް އެކަން ޤަބޫލުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ތިމާގެ އަމިއްލަ ޒަވާޖީ ޙަޔާތް ރޫޅިއްޖެނަމަ އެކަން އެގޮތަށް ޤަބޫލުކުރޭ ހެއްޔެވެ؟
ވިސްނައިލާށެވެ! ތިބާގެ އަތުގައި ކާރެއް އެބައޮތެވެ. ކާރު އޮތީ އިންޝުއަރަންސްކޮށްފައެވެ. ތިބާގެ ކުށެއް ނެތި އެކްސިޑެންޓްވީއެވެ. އަވަސްވެގަންނާނީ އިންޝުއަރަންސް ހޯދައިގެން އަވަހަށް މާރަނގަޅު ކާރެއް ގަންނަން ނޫންހެއްޔެވެ؟
ޒަވާޖީ ޙަޔާތާއިމެދުގައިވެސް ހަމައެގޮތަށް ވިސްނާށެވެ. ތިބާ ތެދުވެރިކަމާއިއެކު ޙައްޤުމަގުގައި ހުރިނަމަ ތިބާއަށް އެހުރެވެނީ ﷲ ތަޢާލާގެ "އިންޝުއަރަންސް"ގައެވެ. އެއީ މާޔަޤީންކަން ބޮޑު، މާގަރަންޓީ ބޮޑު "އިންޝުއަރަންސް" އެކެވެ. ކުންފުނިތަކުން ކުރާ އިންޝުއަރަންސްގައި ކަވަރުނުވާ ބައިތަކެއް ހުރެއެވެ. ބަދަލު ނުލިބޭނެ ބައިތަކެއް ހުރެއެވެ. އެހެނަސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި އުލެމުން އަންނަ މީހަކަށް ބޭނުންވާނެ ހުރިހާ ކަންކަން ﷲ ތަޢާލާ ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
ވީމާ ތިބާ ތެދުވެރިކަމާއިއެކު ރަނގަޅަށް އުޅެމުން ދަނިކޮށް ކައިވެނި ރޫޅި އެކަނިވެރިވެއްޖެނަމަ ޔަޤީންކުރަންވީ އެކަން އެގޮތަށް މެދުވެރިކުރެއްވެވީ ކުރީގެ ބައިވެރިޔާއަށްވުރެ މާރަނގަޅު ބައިވެރިއަކު ދެއްވަވަން ކަމެވެ. ކުރީގެ ބައިވެރިޔާ ގާތުން ދުރުވެވިގެން ނޫނީ އެރަނގަޅު ބައިވެރިޔާ ތިމާގެ ޙަޔާތަށް ގެނައުމުގެ ފުރުޞަތު ނެތުމުންކަންވެސް ޔަޤީންކުރާށެވެ.
ދެން އޮތީ އެކަނި ކެތްކޮށްލަން ޖެހިދާނެ ދުވަސްކޮޅެވެ. އެއީ އިމްތިޙާނުގެ ދުވަސްކޮޅެވެ. އެންމެ ބޮޑަށް ހިތްވަރުކުރަންވީ އެދުވަސްކޮޅު ޘާބިތުވެ ހުރުމަށެވެ. ޝައިޠޯނާ ދޭ ވަސްވާސްތަކާއި ދައްކުވާ އަވާމެންދުރަށް ނުހެއްލި ހުރުމަށެވެ. އިން ޝާ ﷲ ކާމިޔާބު ޔަޤީނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން