5 ނަމާދު ޤަވާޢިދުން އަދާނުކުރެވޭ މީހުން މިވިސްނުމުން ނިކަން ވިސްނައިލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
5 ނަމާދު ޤަވާޢިދުން އަދާނުކުރެވޭ މީހުން މިވިސްނުމުން ނިކަން ވިސްނައިލަބަލަ!

އަހުރެމެން ކޮންމެ މީހަކީވެސް މަންމައަކާއި ބައްޕައަކަށް ލިބިފައިވާ ދަރިއެކެވެ. އަހުރެމެން އެންމެ ބޮޑަށް އިޙްތިރާމްކޮށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ، އަދި އެބައަކާއި އަލައިލަންޖެހޭ ބައަކީވެސް މައިންބަފައިންނެވެ. 

ތިބާގެ މަންމަ ނުވަތަ ބައްޕަ ތިބާއަށް ތަކުރާރުކޮށް ފޯނުކުރަނީއެވެ. ދުވާލަކު 5 ފަހަރުވެސް ފޯނުކުރަނީއެވެ. އެކަމަކުވެސް ތިބާ ފޯނެއް ނުނަގައެވެ. އެހެންކަމަށްވާނަމަ ތިބާއަކީ މައިންބަފައިން ދެކެ ލޯބިވާ ނުވަތަ އަޅައިލާ ދަރިއަކަށްވާނެ ހެއްޔެވެ؟ މައިންބަފައިންގެ ޙައްޤުތައް އަދާކުރާ ދަރިއަކަށްވާނެ ހެއްޔެވެ؟ ނުވެވޭނެކަން ޔަޤީނެވެ. 

ހަމަ މިފަދަ މޭރުމަކުން ނަމާދާއިމެދު ވިސްނައިލާށެވެ! ދުވާލަކު 5 ފަހަރު ﷲ ތަޢާލާގެ ގޮވާލެއްވެވުން ތިބާއާއި ހަމައަށް އެބައައުދެއެވެ. އެއީ ފަރުޟު 5 ނަމާދެވެ. ފަރުޟު 5 ނަމާދަށް ގޮވައިލެވޭ ބަންގިއެވެ. ތިބާ އެކަމަށް ޢިޖާބަ ނުދޭނަމަ ތިބާއަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ ކިޔަމަންތެރި ދަރިއަކަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ ތިބާއަށް އެހުރެވެނީ ﷲ ތަޢާލާގެ ގޮވާލެއްވެވުމަށް ބީރުކަންފަތެއް ދީގެން ނޫންހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި ހުރެވޭހައި ހިނދަކު އެމީހަކު ބޭނުންވާ ގޮތަކަށް ކަންކަން ކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އެންމެ ނަމާދެއް ނުކުރިނަމަވެސް އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރަމުންވެސް އުޅެވިދާނެއެވެ. ނަމަވެސް މަރުވުމާއިއެކު އެކަންކަން އައިސް ތިމާ އާއި އަރައިހަމަކުރާނެއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނުއުޅެވުނުކަމަށްޓަކައި ހިތާމަކުރަންޖެހޭނެއެވެ. 

ވީމާ ފުރަތަމަ ކަމަކަށްވެސް ތިމާއަކީ ފަރުޟް 5 ނަމާދު އަދާކުރާ މީހަކަށްވާށެވެ! ތިމާއަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ލޯބިވާ އަޅަކަށް ވެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން