ބަލިން ޝިފާ ނުލިބިގެން ކަންބޮޑުވުމެއް އަދި ޝަކުވާކުރުމެއްވެސް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ބަލިން ޝިފާ ނުލިބިގެން ކަންބޮޑުވުމެއް އަދި ޝަކުވާކުރުމެއްވެސް ނެތެވެ!

ބައެއް މީހުން ކުރާ ސުވާލެކެވެ. ﷲ ތަޢާލާ އެންމެންނަށް ޝިފާ ނުދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟ މީސްތަކުންގެ މެދުގައި ތަފާތު ކުރައްވަވަނީ ކީއްވެގެންހެއްޔެވެ؟ 

އަހުރެންނަށް ބުނެވެން އޮތީ އެކަމުގެ ސަބަބު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެކަމަކު ވިސްނައިފި މީހަކަށް އެނގޭނެއެވެ. ޑޮކްޓަރުން އެމީހަކަށް ޝިފާ ނުލިބޭނެކަމަށް ބުނާ އެތައް ބައަކަށް ޝިފާ ލިބެއެވެ. އެއްވެސް ބޭހަކާއި ނުލައިވެސް ޝިފާ އެބަ ލިބެއެވެ. ވަރަށް އާދައިގެ ޑޮކްތަރަކު ދޭ ވަރަށް އާދައިގެ ބޭހަކުން ބޮޑެތި ބަލިތަކަށްވެސް ޝިފާލިބެއެވެ. ﷲ ތަޢާލާ ދެއްވެވުމުން މެނުވީ އެމީހުންނަށް ޝިފާ ލިބެނީ ކީއްވެގެން ހެއްޔެވެ؟ 

އަހުރެމެން މުސްލިމުން ވިސްނަން އޮތީ ﷲ ތަޢާލާގެ މަގުންނެވެ. އެމަގުން ވިސްނައިފިނަމަ ބަލިން ޝިފާ ނުލިބުމަކީ މައްސަލައެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް އެމީހަކު ގެންދަވާނެ ޙާލަތު ނުވަތަ މަރުވާނެ ޙާލަތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

އެއިގެ އިތުރުން މުސްލިމުންނަށް މުހިންމީ ބައްޔެއް ނުޖެހި ދުނިޔޭގައި އުޅެވުމެއް ނޫނެވެ. އަދި އެންމެ ތަނަވަސް މީހާގެ ގޮތުގައި ދުނިޔޭގައި އުޅެވުމެއްވެސް ނޫނެވެ. އެމީހަކު މަރުވުމުން ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލެއްވެވުމެމެވެ. ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅެވުމަކީ އެންމެ ބޮޑު ނިޢުމަތްކަމުގައިނުވެއެވެ. އެއީ އެންމެ ބޮޑު ނިޢުމަތް ކަމުގައިވާނަމަ އެނިޢުމަތް އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަދައިގަތީހެވެ. 

އަހުރެމެން އެކަމަށް އެދި ދުޢާކުރުމުން ޢުމުރު ދިގުކުރައްވަވައި ދެއްވަވަތެވެ. ނަމަވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށެވެ. އެމުއްދަތު ބަދަލެއް ނުކުރެވޭނެއެވެ. 

އަހުރެމެން މުސްލިމުން މަސައްކަތްކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ބިރުގަންނަންވީ ނުވަތަ ކަންބޮޑުވާންވީ މަރުވެދާނެތީއެއް ނޫނެވެ. ކަންބޮޑުވާންވީ ބޮޑު ބައްޔަކުން ޝިފާ ނުލިބި މަރުވާންޖެހިދާނެތީއެއްވެސް ނޫނެވެ. ތައުބާ ނުވެވި ހުއްޓައި މަރުވެދާނެތީއެވެ. 

ބިރުގަންނަންވީވެސް އަދި ކަންބޮޑުވާންވީވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅެއްގެ ގޮތުގައި މަރުވާންޖެހިދާނެތީއެވެ. އަބަދުވެސް ހެޔޮ ޢަމަލުކުރުންމަތީގައި ދެމިތިބެންޖެހެނީ އެހެންވެގެންނެވެ.   

އިސްލާމް ދީނަށް އެންމެ ބޮޑަށް ޚިދުމަތް ކުރެއްވެވި އެންމެ ބޮޑެތި އެންމެ މަޝްހޫރު ބައެއް ޢިލްމުވެރިންވެސް ދުނިޔެ ދޫކުރައްވަވާފައިވަނީ ބޮޑެތި ބަލިތަކުގައެވެ. ވީމާ ބޮޑެތި ބަލިތައް ޖެހެނީ ވަކިމީހަކަށް ނޫންކަމާއި އެއީވެސް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ ވަރުގަދަ އިމްތިޙާނެއްކަން މިއޮތީ އެނގޭށެވެ. ވީމާ އެއްވެސް މީހަކަށް ޝިފާ ނުލިބުމަކީ ސުވާލު އުފައްދައިގެންވާނެ ކަމެއް ނޫނެވެ. 

ދުޢާއަކީ އަހުރެމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވެވުމެވެ. އާމީން.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން