ޢަމަލުތަކުން މުސްލިމެއްކަން ދެއްކޭނަމަ ކާފިރު އެކުވެރިން އިސްލާމްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ޢަމަލުތަކުން މުސްލިމެއްކަން ދެއްކޭނަމަ ކާފިރު އެކުވެރިން އިސްލާމްވާނެ! އިން ޝާ ﷲ

ބައެއް މުސްލިމުން ކާފިރުންގެ ކުރިމަތީގައި އެމީހުންނަކީ ޤުރްއާނަށް ޢަމަލުކުރާ، ސުންނަތަށް ލޯބިކުރާ، މުސްލިމުންކަން ވަނަހަނާކުރަން މަސައްކަތްކުރެއެވެ. އެހެންކަމަށްވާނަމަ ރަނގަޅު މުސްލިމުންގެ ކިބައިގައި ހުންނަ ރިވެތި ސިފަތައް ކާފިރުންނަށް އަންގައިދެވޭނީ ކިހިނަކުންހެއްޔެވެ؟

އެގޮތަށް އެކަން ނުކުރާށެވެ! ތިބާއަކީ ފުރިހަމަ މުސްލިމެއްކަން ވަންހަނާ ނުކުރާށެވެ. ފުރިހަމަ މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ތިބާގެ ކިބައިގައި އެބަހުރިކަން ބަހާއި ޢަމަލުތަކުން އަދި ހުންނަ ސިފައިންވެސް ދައްކުވައިދޭށެވެ. 

އެއިރުން ފުރަތަމަ ތިބާއަށް ނުރުހިދާނެއެވެ. ނަމަވެސް ތިބާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކުން އިސްލާމް ދީނުގެ މަތިވެރިކަން އެމީހުންނަށް އެނގެން ފެށުމުން ތިބާއަށް ރުހޭނެއެވެ. ތިބާ އާއިއެކު ގުޅުން ބަދަހިކުރަން ބޭނުންވާން ފަށާނެއެވެ. ތިބާއާއިއެކުގައި ވުމަށް އެދެން ފަށާނެއެވެ. އަދި ދުވަސްކޮޅެއްފަހުން އިސްލާމްވެސް ވާނެއެވެ. 

މިކަންކަމަކީ އަބަދުހެން ފެންނަމުން އަންނަ ކަންކަމެވެ. ޖާހިލިއްޔަ ޒަމާނުގައިވެސް އިސްލާމް ދީން އެހައިބާރަށް ފެތުރިގެންދިއައީ މުސްލިމުންގެ ކިބައިގައި ހުންނަ ރިވެތި ސިފަތކުގެ ސަބަބުންނެވެ. އެސިފަތަކަކީ އިންސާނުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް ޤަބޫލުކުރެވިގެންނެވެ. 

ނަމަވެސް މިއަދު އަހުރެމެންނަށް މިތިބެވެނީ ކޮން ޙާލަތެއްގައިހެއްޔެވެ؟ ދުލުން ތިމާއަކީ މުސްލިމެއް ކަމަށް ބުނަމުން ޢަމަލުކުރަނީ ކާފިރުން ފަދައިންނެވެ. އެއިރުން އިސްލާމް ދީނުގައިވާ ރަނގަޅު ގޮތްތައް ކާފިރުންނަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ 

ބައެއް މުސްލިމުންގެ ކިބައިން އަޚަލާޤީ ސިފަތައް ފެންނަނީ ކާފިރުންނަށްވުރެ ދަށުދަރަޖައިގައެވެ. ފުޅިއެއް ލިބިއްޖެ ނަމަ ބޮއިހުސްކޮށްލައި އިންތަނަށް ޙާޖަތަށް ދެވި ހޮޑުލެވުނީމާ ދައްކައިމިދެވެނީ ކޮން ކަމެއް ހެއްޔެވެ؟ ކުރެވޭ މުޢާމަލާތްތަކުގައި ތެދުވެރިނުވީމާ މިދެއްކެނީ ކޮން ނަމޫނާއެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދުލުން ހަމައެކަނި ޝަހާދަތް ކިޔައިލުމަކުން އަދި ނުފުދެއެވެ. ޢަމަލުތަކުން ތިމާއަކީ މުސްލިމެއްކަން ދައްކަންވެސް އެބަޖެހެއެވެ. މުސްލިމަކަށްވެވޭނީ އެއިރުންނެވެ. އާޚިރަތް ލިބިގަނެވޭނީވެސް އެއިރުންނެވެ. ތިމާއަކީ މުސްލިމަކަށްވިކަމުގެ ފައިދާކުރާނީ އެއިރުން ނޫންހެއްޔެވެ؟

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން