އަހަރެމެންނާއި ރަސޫލް ﷺ ބައްދަލުނުވުމަކީ ސުވަރުގޭގައި އެންމެ އަރިއަހުގައި ނުވެވޭނެ ސަބަބެއް ނޫނެވެ. އެއީ ހަމައެކަނި ޞަހާބީންނަށް އޮތް ފުރުޞަތެއް ނޫނެވެ. މިއަދު ދުނިޔޭގައި މިތިބަ މުސްލިމުންނަށާއި އުފަންވާނެ މުސްލިމުންނަށްވެސް ލިބެން އޮތް ފުރުޞަތެކެވެ. ފުރުޞަތު ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. އެމީހާގެ އަމިއްލަ އިޚްތިޔާރުގައެވެ. އެމީހަކު އެކަމަށް އެދިގެން ހިތްވަރުކުރުމުންނެވެ.
ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމެވެ. މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ޙާޞިލުކުރެވެން އޮތް ކަމެކެވެ.
ޙަދީޘްފުޅުގައި އޮތީ ސަޖިދަކުރުން ގިނަކުރުމަށެވެ.
ވީމާ މިކަމުން އެނގޭކަމަކީ ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމުގެ ފުރުޞަތު ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައިކަމެވެ. އެހެނީ ސަޖިދަކުރުން ގިނަކުރެވޭނީ ސުންނަތް ނަމާދުތައް ގިނަކޮށްގެންނެވެ. އެއީ އެމީހަކު އަމިއްލައަސް ކުރަންޖެހޭ ކަމެކެވެ.
އިތުރު ޙަދީޘްފުޅެއްގައިވަނީ ސުވަރުގޭގައި ކޮންމެ މީހަކުވެސް އެމީހަކުދެކެ އެންމެ ލޯބިވާ މީހަކާއިއެކުގައި ކަމެވެ. ރަސޫލް ﷺ ދެކެ ލޯބިވުމަކީ ސުންނަތަށް ޢަމަލުކުރުމެވެ. ސުންނަތަށް ޢަމަލުކުރާ މީހާ ސުންނަތަށް ޢަމަލުކުރުން ގިނަކުރާނެއެވެ. އެއިރުން އޮންނާނީ ސުންނަތް ނަމާދުކުރުން ގިނަކުރެވިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން