ނިކަމެތި އަންހެނަކާ ކައިވެނިކޮށް ލޯބިދީގެން ރަނގަޅު ގޮތުގަ ގެންގުޅޭނަމަ ދެއްވަވާ ޘަވާބު މާގިނަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ނިކަމެތި އަންހެނަކާ ކައިވެނިކޮށް ލޯބިދީގެން ރަނގަޅު ގޮތުގަ ގެންގުޅޭނަމަ ދެއްވަވާ ޘަވާބު މާގިނަވާނެ! އިން ޝާ ﷲ

ކައިވެނިކުރާއިރު ގިނަ މީހުންނަށް ބެލެނީ އެމީހަކާއި އެއްފެންވަރުން ކައިވެނިކުރުމަށެވެ. ނަމަވެސް މިއީ އަހުރެންނަށް އެހައި ރަނގަޅު ގޮތެއް ނޫނެވެ. އަދި އުފާވެރި ދިރިއުޅުމަކަށް ދިއުން ފަސޭހަވާނެ މަގެއް ނޫނެވެ.  

މިޘާލަކަށް ދެމީހުންގެ ތަނަވަސަކަން އެއްވަރެވެ. ގެދޮރުގެ ގޮތުން ހަމަހަމައެވެ. ގެދޮރު އެބަހުއްޓެވެ. އާމްދަނީ ލިބެނީ އެއްވަރަކަށެވެ. އެހެންކަމަށްވާނަމަ އެކަކުވެސް އަނެކާއަށް އެއްވެސް މިންވަރަކަށް ބަރޯސާވާކަށް ނުޖެހޭނެއެވެ. މިއީ ޚާއްޞަކޮށް ފިރިހެނުން އަނބިން އިޚްތިޔާރުކުރުމުގައި ވިސްނައިލުން ވަރަށް މުހިންމު މައްސަލައެކެވެ.  

ދެމީހުންނަކީ ހުރިހާ ގޮތަކުން ހަމަހަމަ ދެމީހުންނަށްވެފައި އެކަކު އަނެކަކަށް ބަރޯސާވާން ނުޖެހޭނަމަ ޖެހޭ ކުދިކުދި މައްސަލަތަކާއި ގުޅިގެންވެސް ވަކިވުން އަވަސްވާނެއެވެ. އެއީ ދިރިއުޅުމަށްޓަކައި އެއްވެސް މިންވަރަކަށް އަނެކާއަށް ބަރޯސާވާން ނުޖެހޭތީ ވަކިވާން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތުމުންނެވެ. 

ވީމާ ޚާއްޞަކޮށް ފިރިހެނުންނަށް އަހުރެން ބުނާނީ ތިމާއަށްވުރެ ނިކަމެތި ބައިވެރިއަކު އިޚްތިޔާރުކުރުމަށެވެ. އެއްވެސް ޙާލެއްގައި އެއީ އޭނާގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނެގުމަކަށް ނޫނެވެ. ފިރިމީހާގެ ކިބައިން ބޮޑު ކުށެއް ނުފެންނަމަ ކެތްތެރިވާން މަސައްކަތްކުރާނެތީއެވެ. ވަކިވާންޖެހިއްޖެނަމަ ލިބިދާނެ ނިކަމެތި ކަމަށް ވިސްނާނެތީއެވެ.  

އަދި ބުނަންހެއްޔެވެ؟ ދެރަ ނިކަމެތި ކުއްޖަކާއި ކައިވެނިކޮށް އޭނާއަށް ހެޔޮކޮށް ހިތައި ލޯތްބާއި އަޅައިލުން ދީގެން ގެންގުޅެފިނަމަ އިތުރު ޘަވާބުވެސް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ ވީއިރު ކުރަން ކިހައި ފައިދާބޮޑު ކަމެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން