ފާފަތަކެއް ކުރެވެމުން ދަނިކޮށްވެސް ހުއްޓާލައި ތައުބާވުމުގެ ވިސްނުން ދެއްވަވައިފިނަމަ އެއީ ދެއްވަވާ ރަނުގެ ފުރުޞަތެއް! އެއީ ތިބާއަށް ރުހިވޮޑިގަންވާކަމުގެ ހެއްކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ފާފަތަކެއް ކުރެވެމުން ދަނިކޮށްވެސް ހުއްޓާލައި ތައުބާވުމުގެ ވިސްނުން ދެއްވަވައިފިނަމަ އެއީ ދެއްވަވާ ރަނުގެ ފުރުޞަތެއް! އެއީ ތިބާއަށް ރުހިވޮޑިގަންވާކަމުގެ ހެއްކެއް!

ތިބާއަކީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ހުރި މީހަކުނަމަވެސް އަދި ފާފަކުރެވެމުން ދަނިކޮށްވެސް އެކަންކަން ކުރުން ހުއްޓާލައި ތައުބާވުމުގެ ވިސްނުން ދެއްވަވައިފިނަމަ ޝުކުރުވެރިވެ އަވަހަށް އެކަން ބަލައިގަންނާށެވެ! ހިނދުކޮޅެއްވެސް ނަގާނުލައި އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފަށާށެވެ. 

ވިސްނައިލާށެވެ! އެތައް ހާސް ބައަކު ކޮންމެ ދުވަހަކު މަރުވަމުން އެދަނީ ތައުބާވުމުގެ ފުރުޞަތު ނުލިބި ފާފަކުރުންމަތީގައެވެ. މަސްތުވަ=ުމާއި ޒިނާކުރުމާއި އެހެންވެސް ޙަރާމް ކަންކަން ކުރަމުންދަނިކޮށެވެ. އެމީހުންގެ ޙާލަކީ ކޮބައިކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހުރެމެންނަށް އެނގޭ މިންވަރުން ޤަބޫލުކުރަންޖެހެނީ އެމީހުންނަށް ދުނިޔެ ދޫކުރަން އެޖެހެނީ އެންމެ ބޮޑު ނިކަމެތިކަންމަތީގައެވެ. 

ސަބަބަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭ ޙާލުގައި މަރުވެއްޖެނަމަ އެމީހާގެ އާޚިރަތް އެވަނީ ގެއްލިފައެވެ. ސުވަރުގެ ލިބެން އޮތް ފުރުޞަތު އެވަނީ ގެއްލފައެވެ. އެވަނީ ނަރަކައަށް ވަންނަން ޖެހިފައެވެ. 

އެހެންކަމަށްވާއިރު ފާފަ ކުރެވެމުން ދަނިކޮށް ތައުބާވުމުގެ ވިސްނުން ދެއްވަވައިފިނަމަ އެކަމުންވެސް އެނގިގެންދަނީ ތިބާއަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެވެ. ދެން އޮންނާނީ ވީހާއަވަހަކަށް އެމީހަކު އެކަމަށް ޢިޖާބަދިނުމެވެ. ތައުބާވުމެވެ. ކުރެވުނު ފާފަތަކުގެ ބަދަލުގައި ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރުމެވެ. 

ވީމާ ތައުބާވުމުގެ ވިސްނުން ދެއްވަވައިފިނަމަ އެކަމަށް ވިސްނަން ނުހުންނާށެވެ. ވިސްނަންޖެހޭނީ އެކަމެއް ކުރުމުން ތިމާއަށް ކުރާނީ ފައިދާކަމާއިމެދު ޝައްކުކުރެވޭ ކަންކަމުގައެވެ. ކުރާނީ ފައިދާކަން ޔަޤީންވާ ކަންކަމުގައި އޮތީ އެކަމެއް ކުރަން އަވަސްވެގަތުމެވެ. 

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އަދި ކިތަންމެ ގިނަ ފާފަތަކެއް ކުރެވެމުން ދަނިކޮށްވެސް ފާފަކުރުން ހުއްޓާލައި ތައުބާވުމުގެ ވިސްނުން ދެއްވަވައިފިނަމަ އެއީ ދެއްވަވާ ރަނުގެ ފުރުޞަތެކެވެ! އެއީ ﷲ ތަޢާލާ ތިބާއަށް ރުހިވޮޑިގަންވާކަމުގެ ހެއްކެއް ކަމަށް ޤަބޫލުކުރާށެވެ! ވީމާ ދޫކޮށްލަން ހެޔޮވާނެ ފުރުޞަތެއް ނޫނެވެ. ބުއްދި ސަލާމަތުން ހުރި މީހަކު އެފަދަ ފުރުޞަތެއް ދޫކޮށެއް ނުލާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން