ކޮންމެ މުސްލިމަކަށްވެސް އޭނާގެ ހިތާއިމެދު މި ޙަޤީޤަތްތައް އެނގެން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކޮންމެ މުސްލިމަކަށްވެސް އޭނާގެ ހިތާއިމެދު މި ޙަޤީޤަތްތައް އެނގެން ޖެހޭނެ!

މޭފަޅާލައި ހިތް ބަލައިފިނަމަ ހިތް ފެންނާނީ ވަރަށް މަޑުމަޑު އެއްޗެއްގެ ގޮތުގައެވެ. ވަރަށް ނާޒުކު އެއްޗެއްގެ ގޮތުގައެވެ. އެގޮތަށް ބެލުމުން އެފެންނަނީ ހިތުގެ އަސްލު ސޫރައެއް ނޫނެވެ. ހިތުގެ އަޞްލު ސޫރަ ފެންނާނީ އެމީހެއްގެ ޢަމަލުތަކުންނެވެ. 

ހިތްތިރިކުރަން، ހިތް މަޑުމޮޅިކުރަން ނުވަތަ ހިތް ހަރުކަށިނުކުރަން ބުނެވޭ ބަހުގެ މާނައަކީ ގުނަވަނަށް ބަދަލުތަކެއް ގެނައުމެއް ނޫނެވެ. މީހާ ޢަމަލުކުރާގޮތް، ދިރިއުޅޭ ގޮތް، ޢަމަލުކުރާ ގޮތް ބަދަލުކުރުމެވެ. 

މީސްތަކުންނޭވެ! ހިތްތިރިކުރާށެވެ! މަޑުމޮޅިކުރާށެވެ! އަދި ހިތް ސާފުޠޯހިރުކުރާށެވެ! ހިތް ސާފު ޠޯހިރުކުރުމަކީ ބްލީޗް ފަދަ ކެމިކަލެއް ޖަހައިގެން ދޮވެ ސާފުކުރުމެއް ނޫނެވެ. ހިތުގައިވާ ޝައިޠޯނާގެ ވަސްވާސްތަކުން ހިތް ސަލާމަތްކުރުމެވެ. 

ހިތް ހަރުކަށިނަމަ އެމީހެއްގެ ކިބައިގައި ރަޙުމެއް، ހަމްދަރުދީއެއް، އޯގާތެރިކަމެއް، ލޯތްބެއް ކުލުނެއް ނުހުންނާނެއެވެ. އަދި އެފަދަ ހިތަކަށް ހެޔޮ ވިސްނުންތަކެއް ނުވިސްނޭނެއެވެ. ތެދުމަގުން ޢަމަލެއްވެސް ނުކުރެވޭނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރިއެއްވެސް ނުވެވޭނެއެވެ. ހިތް ހަރުކަށިނަމަ އެމީހެއްގެ ބަސްމަގުވެސް ހަރުކަށިވާނެއެވެ. ކުރެވޭ ޢަމަލުތައްވެސް ހަރުކަށިވާނެއެވެ. 

އަދި ކީއްހެއްޔެވެ؟ ހިތް ހަރުކަށި މީހުންނަށް އެއްވެސް މީހަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ. އަނބިދަރިންނާއި ޢާއިލާގެ މީހުންދެކެވެސް ލޯތްބެއް ނުވެވޭނެއެވެ. ހެޔޮކޮށް ކަންކަމެއް ނުކުރެވޭނެއެވެ. 

ވީމާ މުސްލިމުން އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެމީހާގެ ހިތަށެވެ. އެހިތަކީ ތިމާ ފާފަތައް ކުރުމުގެ ސަބަބުން ކަޅުތިކިތައް ޖަހަމުންގޮސް ފުރިފައިވާ ހިތަކަށް ނުހެދުމަށެވެ. ކަޅުތިކިތަކުން ހިތްފުރި، ހިތްކަޅުވެއްޖެނަމަ އެހިތުގައި ރަސްކަންކުރާނީ ޝައިޠޯނާއެވެ. އެމީހާގެ ޢަމަލުތައް ހުންނާނީ ޝައިޠޯނާ ބޭނުންވާ ގޮތަކަށެވެ. 

ހިތާއިމެދު މިޙަޤީޤަތްތައް އެނގި ޤަބޫލުކުރެވިގެން ނޫނީ ހެޔޮލަފާ، ރަނގަޅު މީހަކަށް ނުވެވޭނެއެވެ. ތަޤްވާވެރިއަކަށްވެސް ނުވެވޭނެއެވެ. ވީމާ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ކުރަން އޮތް މަސަކަތަކީ ހިތް ޠޯހިރުކުރުމުގެ މަސައްކަތެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން