ރީތި އަންހެނުން އުޅެއެވެ. ވަރަށް ރީތި އަންހެނުންވެސް ތިބެއެވެ. ސުވާލަކީ ދުނިޔޭގެ އެންމެ ރީތި އަންހެނާ ނަމަވެސް އެންމެ ޑޮލަރަކަށް ވިކޭނަމަ އޮތީ ކޮން ރީތިކަމެއްހެއްޔެވެ؟ ހުރީ ކޮން އަގެއްހެއްޔެވެ؟
މިހެން ބުނުމުން ސުވާލު އުފައްދަފާނެއެވެ. އެހައި ރީތި އަންހެނުން ހަމަ އެންމެ ޑޮލަރަކަށް ވިކޭނެ ހެއްޔެވެ؟ ޖަވާބަކީ ނުވިކިފައި ކޮބާހެއްޔެވެ؟
ދަޢުވަތު ލިބެނީ ކޮފީއަކަށެވެ. ގިނަ ޤައުމުތަކުގައި ޑޮލަރަކަށް ކޮފީއެއް ލިބެއެވެ. ގުޅާހައި ފިރިހެނަކާއިއެކު ކޮފީއަށްގޮސް އޭނާ ބޭނުންހައި އިރަކު އިންނަނަމަ އެއީ ކޮފީއަކަށް ވިކުން ނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ؟
ލޮބުވެތި ކަނބަލުންނޭވެ! އެންމެ ޑޮލަރަކަށްވިޔަސް 100 ޑޮލަރަށް ނަމަވެސް އެންމެންނަށް ނަފްސް ނުވިއްކާށެވެ. އެންމެންގެ ތުންފުއްސަކަށް ނުވާށެވެ. ތިއަ ކަނބަލުންގެ ޢަބުރާ ޢިއްޒަތުގެ އަގު މާބޮޑެވެ.
ކޮފީއަކަށް ގެންގޮސް ތިބާއަށް، ތިބާގެ ރީތިކަމަށް ތަޢްރީފްކުރާ އަޑުއިވުމުން އުފާވާނަމަ އެއީ އަމިއްލަ ނަފްސަށް ލިބިގަންނަ އެންމެ ބޮޑު އެއް އަނިޔާއެވެ. އެވަޤުތު ތިބާއަށް ތައްރީފް އެކުރަނީ ކޮން ބޭނުމަކުކަން ވިސްނައި ހޭލުންތެރިވާށެވެ.
ތިމާގެ އަގު ވަޒަންކުރަންޖެހޭނީ ތިމާއެވެ. ތިމާގެ އަގުއުފުލަންޖެހޭނީވެސް ތިމާއަށެވެ. ބަލަންވީ އެކަމަށެވެ. ތިމާގެ އަގަށެވެ. ކޮފީއަށް ގޮސް އިންނަނަމަ ފެންނާނެ މީހުންގެ ޢަދަދަށް ވިސްނާށެވެ. ތިބާ ފާޙިޝް ޢަމަލުނުކުރިނަމަވެސް ގިނަބައަކު ތިބާއާއިމެދު ދެކޭނީ އެއްވެސް އަގެއް ނެތް ކޮފީއަކަށް ހަށިވިއްކާ އަންހެނެއްގެ ގޮތުގައެވެ.
ވިސްނާށެވެ. ތިމާގެ ޢަބުރާ ޢިއްޒަތާއި އަދި ޤަދަރާއިމެދު ވިސްނާ އަންހެނަކު އެގޮތަކަށް ނުދާނެއެވެ. ޢަބުރާ އިޢްޒަތް ރައްކައުތެރިކޮށްގެން އިންނާނީ ގޭގައެވެ. އެކަނބަލުންނާއި ބައްދަލުކުރަން ބޭނުންވާ މީހުން ބައްދަލުކުރާނީ ގެއިންނެވެ. ކޮފީބޯނީވެސް ތިއަ ކަނބަލުންގެ ލޫޅާފަތި އަތުން ހައްދުވައިގެންނެވެ.
ދެން އޮތީ ލޯބިވެރިން ދޭ ދަޢުވަތެވެ. ތިބާ ދެކެ ޙަޤީޤީ ލޯބިވާނަމަ ކައިވެނިނުކޮށް އެންމެންގެ ތެރެއަށް ކޮފީއަކަށް ނުގެންދާނެއެވެ. އަގުވެއްޓޭފަދަ ކަންކަމެއް ނުކުރުވާނެއެވެ. އެކުގައި ގެންދާނީ ކައިވެނިކޮށްގެންނެވެ. ފުރިހަމަ ޢިއްޒަތުގައެވެ.
މިކަންކަމަކީ މިއަދު ވަރަށް ޢާންމު މައްސަލަތަކެވެ. އަބަދުހެން ވިސްނައިދެވޭ ކަންކަމެވެ. ގިނަ ބައަކަށް ހީވަނީ ގިނަ ބައަކު ކުރާ ކަންކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ކިތަންމެ ގިނަ ބައަކު ކުރިނަމަވެސް ދަށުދަރަޖައިގެ، އަގުވެއްޓޭ ފަދަ ކަންކަން ކުރުމުން އަގުއަރާނީއެއް ނޫނެވެ. ހަމަ އަގުވެއްޓޭނީއެވެ.
- އަލަފް / މިއަދުނޫސް