ކިތަންމެ އަގުބޮޑު ހުވަނދުލިޔަސް ބޭރުފުށުން މީރުވަސް، އެތެރެހަށިން ކުނިވަސް ދުވާނެ މީހުން-: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކިތަންމެ އަގުބޮޑު ހުވަނދުލިޔަސް ބޭރުފުށުން މީރުވަސް، އެތެރެހަށިން ކުނިވަސް ދުވާނެ މީހުން-: ޢުމަރު ސުލައިމާން

ނަމާދަށްދާންވުމުން އަހަރެމެން ފެންވަރައި ރީތި ފޭރާންލައި މީރުވަސް ދުވާ ސެންޓު ޖަހަމުއެވެ. ނުވަތަ ހުވަނދުލަމުއެވެ. އެއިރުން އެހެން މީހުންނަށް އެމީހެއްގެގައިން މީރުވަސް ދުވާނެއެވެ. މިއީ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް މިކަން ކުރުމުގައި ވަރަށް ބޮޑު ނުރައްކަލެއްވެސް އެބަ އޮވެއެވެ. އެއީ ދެއްކުންތެރިކަމުގެ ނިޔަތުގައި އެކަން ކުރެވިއްޖެނަމައެވެ.  

ދެއްކުންތެރިކަމުގެ ނިޔަތުގައި ޒީނަތްތެރިވެ ރީތި، އަގުބޮޑު ފޭރާންލައި އަދި އަގުބޮޑު ސެންޓް ނުވަތަ ހުވަނދު ލައިގެން މިސްކިތަށް އެރުމުން މީހުންނަށް އެމީހެއްގެ ގައިން މީރުވަސް ދުވިނަމަވެސް އެމީހެއްގެ އެތެރެ ހަށިން ޙަޤީޤަތުގައި ދުވާނީ ކުނިވަހެވެ.  

މިކަންކަމަށް ބިރުވެތިވުމަށް ވަޞިއްޔަތް ކުރަމެވެ. ދެއްކުންތެރިކަމުގެ ޛައްރެއްގެ މިންވަރުވެސް ހިތުގައި ބާއްވައިގެން މިސްކިތަށް ނުއަރާށެވެ!  

ޢިޝާ ނަމާދާއި ފަތިސް ނަމާދަކީ މުނާފިޤުންނަށް ކުރަން އެންމެ އުނދަގޫ ދެ ނަމާދުކަމަށް ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ 

އެއީ އެއިރު މަގުތަކުގައި އަލިކަމެއް ނުހުންނާތީ އެވެ. އަދި މިސްކިތުގައި އަލިކަމެއް ނުހުންނާތީއެވެ. ނަމާދަށް ދަނީ ކޮން ބައެއްކަން މީސްތަކުންނަށް ނުއެނގޭނެތީއެވެ. ތިމާއަކީ ނަމާދުކުރާ މީހެއް ކަމަށް މީހުންނަށް ދެއްކިގެން އެކަމުގެ ފައިދާ ހޯދަން އުޅޭ މީހުންނަށް އެ ދެ ނަމާދުން އެއްވެސް ފައިދާއެއް ނުކުރާނެތީއެވެ.  

މީސްތަކުންނޭވެ! ހިތާމައަކީ މިއަދުވެސް އެދުވަހު އުޅުނު ފަދަ މުނާފިޤުން އުޅޭ ކަމެވެ. މިސްކިތައް ދާކަން ދައްކައި އެކަމުގެ ފައިދާ ދުނިޔެއިން ހޯދަން މަސައްކަތްކުރާ ބައަކު އުޅޭ ކަމެވެ. މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ. އެކަމުން އެނގެނީ އެއީ މުނާފިޤުންގެ ބައަކު ކަމެވެ. މުނާފިޤުންނަކީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައި އެންމެ ގަދަފަދަ ޢަޛާބުގައި ތިބޭނެ މީހުންނެވެ.  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން