ކުރަން ބޭނުންވާހާ ފާފަކޮށް ހިތް ކުށްވެރި ނުކުރެވޭނެ ބައެއް ސަބަބުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކުރަން ބޭނުންވާހާ ފާފަކޮށް ހިތް ކުށްވެރި ނުކުރެވޭނެ ބައެއް ސަބަބުތައް!

ބައެއް މީހުންނަށް މީހަކު ފެނުމުން އިމެއް ނެތި އެމީހަކު ދެކެ ލޯބިވެދާނެއެވެ. އެލޯބީގެ ތެރެއިން ބޮޑެތި ގޯސްތަކެއް ހެދިދާނެއެވެ. ކުށްތަކެއްވެސް ކުރެވިދާނެއެވެ. ފާފަތަކެއްވެސް ކުރެވިދާނެއެވެ. އެކަން އިޙްޞާޞްވުމުން ނުވަތަ އެލޯބީގައި ފޭލްވުމުން ކުރެވުނު ގޯސް ކަންތައްތައް ހިތަށް ވަނުމުން އެބަ ބުނެއެވެ. "ކުރާނީ ކީއްހެޔެވެ؟ އެކަންކަން ކުރެވުނީ އަހުރެންގެ ހިތް އަހުރެންނަށް މަޖުބޫރުވީމައެވެ." 

މީސްތަކުންނޭވެ! މިއީ އެއްވެސް ގޮތަކުން ދެކޮޅުޖެހޭ ބަހަނާއެއް ނޫނެވެ. ﷲ ތަޢާލާ ކޮންމެ ކަމެއްގައިވެސް އެކަމެއްގެ ކޮންޓްރޯލް އެމީހަކަށް ދެއްވަވަތެވެ. އެކޮންޓްރޯލް ދޫކޮށްލަނީ އެމީހަކު އަމިއްލައަށެވެ. ކޮންޓްރޯލް ދޫކޮށްލުމުން ހުރިހާ ބާރުތަކެއް ގެއްލިގެންދަނީއެވެ. 

މިސާލަކަށް ބަނގުރާބުއިން، މަސްތުވާތަކެތި ބޭނުންކުރުން، ފާޙިޝް ޢަމަލުތައްކުރުން ޖުވާކުޅުން ފަދަ ކަންކަމަށް ބަލާށެވެ! އެފަދަ ބޮޑުފާފައެއް ކުރިނަމަވެސް އެއްދުވަހަކުން ދެދުވަހަކުން ދެވިނުހިފާނެއެވެ. ދެވިހިފާނީ އެކަމެއް ތަކުރާރުކޮށް ކުރަމުން ގެންދިއުމުންނެވެ. ދެވިހިފީމާ ކޮންޓްރޯލް އެމީހެއްގެ އަތުން ގެއްލިގެންދަނީއެވެ. އެފާފައެއް ކުރުން ހުއްޓާލަން އުނދަގޫވަނީއެވެ. 

މިހެންވުމަށް މެދުވެރިވާ ސަބަބަކީ ތިމާގެ ހިތް ﷲ ތަޢާލާ ނޫން ފަރާތަކަށް ދެވުމެވެ. ކޮންމެ މީހެއްގެ ހިތުގެވެސް މިލްކުވެރިފަރާތަކީ ﷲ ތަޢާލާއެވެ. އެހެނަސް އަހުރެމެން އަމިއްލައަށް އަހުރެމެންގެ ހިތް އެހެން ފަރާތަކަށް ހަދިޔާކުރަނީއެވެ. 

އެކުވެރިންނޭވެ! ﷲ ތަޢާލާ އިންސާނާއަށް ދެއްވެވި އެންމެ މުހިންމު ގުނަވަނަކީ ހިތެވެ. ދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުގައިވެސް ސަލާމަތްކަން އޮތީ ހިތް ސަލާމަތްކުރެވިގެންނެވެ. ހިތް ޠޯހިރުކޮށްގެންނެވެ. 

ޤިޔާމަތް ދުވަހު ޠޯހިރު ހިތަކާއިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވިއްޖެނަމަ އެމީހަކީ ކާމިޔާބުލިބިގެންވާ މީހެއްކަމަށް އޮންނަނީ އެހެންވެގެންނެވެ. އަދި ހިތް ޠޯހިރުވެއްޖެނަމަ އެމީހާގެ ޢަމަލުތައް ޠޯހިރުވާނެ ކަމަށް އޮންނަނީވެސް އެހެންވެގެންނެވެ. ޠޯހިރު ހިތެއް ހިފައިގެން ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް ދެވޭނީ ދުނިޔޭގައި ހުރިއިރު ޠޯހިރުކޮށް ބޭއްވިގެންނެވެ. ނޫންނަމަ ޠޯހިރު ހިތަކާއިގެން ނުދެވޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން