ހެނދުނުހެނދުނާ ކުރަންޖެހޭ މުހިންމު ކަމެއް އޮތްނަމަ ގިނަ މީހުން ފުރަތަމަކަމަކަށްވެސް ކުރާކަމަކީ ދަމުނަމާދަށާއި ފަތިސްނަމާދަށް ނުހޭލުމެވެ. ބުނަނީ ނިދިހަމަކުރަން ވެގެންކަމަށެވެ. ނިދަން ތިބެފައި ހެނދުނު ހޭލައިގެން މިކުރަނީ ދުޢާއެވެ.
"ޔާ ﷲ! މިއަޅާ ދާންއޮތް އޮތް އިންޓަރވިޔު ފަށޭހަކޮށްދެއްވަވައި މިއަޅާއަށް އެވަޒީފާ ދެއްވަވާނދޭވެ! ޔާ ﷲ! މިއަޅާއަށް އިމްތިޙާން ފަށޭހަކުރައްވަވައި ދެއްވަވާނދޭވެ! ޔާ ﷲ! މިއަޅާ ހެނދުނު ބައްދަލުކުރާ މީހާގެ ކިބައިން މިއަޅާއަށް ފައިދާކުރާނެ ވިޔަފާރިއަކަށް މަގުފަހިކޮށް ދެއްވަވާނދޭވެ!" މިފަދަ ދުޢާތަކެވެ.
ތިމާގެ ބޭނުން ފުއްދަވައި ދެއްވެވުން އެދި ދެއަތް އުފުލައި ދުޢާކުރާއިރު ﷲ ތަޢާލާއަށްޓަކައި ތިމާ އަދާކުރަންޖެހޭ ކަންކަން ކުރުން ކޮބައިހެއްޔެވެ؟ ދަމުނަމާދާއި ފަތިސްނަމާދުކުރުން ކޮބައިހެއްޔެވެ؟
މީސްތަކުންނޭވެ! ތިމާ އެދޭ ކަންކަން ހިންމަވައިދެއްވެވުން އެދިގެން ދުޢާކުރަންވީ ދަމުނަމާދަށް ފަހުގައެވެ. ސަޖިދައިގައި އޮވެގެންނެވެ. އިމާމް މީހާ ބަންގިގޮވުމުން ޤަމާތްދިނުމާއި ދެމެދުގައެވެ. ނަމާދުކޮށް އަވަދިވެގެން ޛިކުރުތައްވެސް ކިޔައި ކިޔަމަންތެރިކަން އަދާކުރުމަށްފަހުގައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރަންޖެހޭ ކަންކަން ކުރުމަށްފަހުގައެވެ. ދަމުނަމާދާއި ފަތިސްނަމާދު ވަޤުތު ނިދާފައި އޮވެފައި ހެނދުނު ހޭލައިގެނެއް ނޫނެވެ.
ގޮތްބަލަންނަމަވެސް މިބުނި މަގުން ޢަމަލުކޮށްބަލާށެވެ! ކިތަންމެ ބޮޑު ކަމެއް ކުރަން ޖެހިފައި އޮތްނަމަވެސް، ކިތަންމެ ހެނދުނަކާ ކުރަންޖެހިފައި އޮތް ނަމަވެސް އެކަމަށްވުރެ ބޮޑަށް ދަމުނަމާދަށާއި ފަތިސް ނަމާދަށް އިސްކަންދީބަލާށެވެ! ނަމާދުން ވާޤިއެދި ދުޢާކޮށްބަލާށެވެ! ބޮޑުތަނުން ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން