ކަލަކު ވޮޑިގެންނުވާކަމުގެ ހެކި ހޯދަން ދީންތައް ދިރާސާކުރި އަންހެނަކު އިސްލާމްވި ގޮތުގެ ވާހަކައާ އޭނާގެ ޢަޒުމް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކަލަކު ވޮޑިގެންނުވާކަމުގެ ހެކި ހޯދަން ދީންތައް ދިރާސާކުރި އަންހެނަކު އިސްލާމްވި ގޮތުގެ ވާހަކައާ އޭނާގެ ޢަޒުމް!

އަހުރެންނަކީވެސް ކަލަކު ވޮޑިގެންވާކަން ޤަބޫލުކުރި މީހެއް ނޫނެވެ. އަހުރެން ތަފާތު ދީންތައް އުނގެނެން ފެށީވެސް ކަލަކު ވޮޑިގެން ނުވާކަން ޔަޤީންކުރުމަށެވެ. އެއްވެސް ޙާލެއްގައި ވަކި ދީނަކަށް ވަންނަންވެގެނެއް ނޫނެވެ. 

އަހުރެންނާއިމެދު ﷲ ތަޢާލާގެ ރަޙްމަތްފުޅު ބޮޑުކަމުން ކަންކަން މެދުވެރިވީ މުޅިން ތަފާތު ގޮތަކަށެވެ. އިސްލާމް ދީނާއި ބެހޭގޮތުން ލިބުނު މަޢުލޫމާތުން ވިސްނުން ބަދަލުވީއެވެ. ކަލަކު ވޮޑިގެންނުވާކަމުގެ ހެކި ހޯދަން އުޅުމުން ޔަޤީންކުރެވުނީ ކަލަކު ވޮޑިގެންވާ ކަމާއި އެއީ ﷲ ތަޢާލާ ކަމެވެ. އަހުރެން އިސްލާމްވީ އެކަން ޔަޤީންކުރެވުމުންނެވެ. 

ދެން ބުނެލަން އޮތީ ވަރަށް ހިތާމަވެރި ވާހަކައެކެވެ. އަބަދުވެސް އަހުރެންގެ ރަހްމަތްތެރިންގެ ގޮތުގައި މުސްލިމުން ތިބެއެވެ. އަހުރެން އިސްލާމްވުމުން ބައެއް މީހުންނަށް ހީވީ އަހުރެން އިސްލާމްވީ އެމީހުންގެ ސަބަބުން ކަމަށެވެ. 

ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އެމީހުންނަކީ ހަމައެކަނި ނަމުން އިސްލާމް ބައެކެވެ. އިސްލާމް ދީނަށް ޢަމަލުކުރާ ބައެއް ނޫނެވެ. ވީމާ އެމީހުންގެ ގޮތަށް ދީލައިލެވުނުނަމަ އަހުރެންވެސް ހުރީހީ އެމީހުންފަދަ އިސްލާމް ދީނަށް ޢަމަލުނުކުރާ މީހެއްގެ ގޮތުގައެވެ. 

މިއަދު އަހުރެން މިހުރީ މުސްލިމުންގެ އެންމެ ފުރިހަމަ ފޭރާމުގައެވެ. ޙިޖާބްވެސް އަޅައިގެންނެވެ. މަސައްކަތް މިކުރަނީ އެންމެ ފުރިހަމަ ގޮތުގައި މުސްލިމަކަށްވުމަށެވެ. ފުރިހަމަ މުސްލިމެއްގެ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށެވެ. އިން ޝާ ﷲ އެކަން ކާމިޔާބުކުރާނަމެވެ. 

މިއީ އަލަށް އިސްލާމްވި އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. މުސްލިމުންގެ ނަމުގައި ތިބެމެ އިސްލާމް ދީނަށް ޢަމަލުނުކުރާ މީހުންނަށް ޢިބްރަތަކަށް ނުވޭހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން