ދުނިޔޭގެ އެންމެން އިސްލާމްވެއްޖެނަމަ އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟
- ދުނިޔޭގެ އެންމެންނަކީ މުސްލިމުން ކަމުގައި ވެއްޖެނަމަ ގެދޮރުނެތިގެން މަގުމަތީގައި އުލެންޖެހޭނެ ބައަކު ނުތިބޭނެއެވެ. އެންމެން އެކަކު އަނެކަކަށް އެހީތެރިވެދޭނެއެވެ. ސަލާންޖަހަންޖެހޭ ބައަކު ނުތިބޭނެއެވެ. ޒަކާތު ފައިސާއިން ނިކަމެތިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބިގެންދާނެއެވެ.
- ޢާއިލީ ގުޅުންތައް ބަދަހިވެގެންދާނެއެވެ. ކައިވެންނާއި ނުލައި ގުޅުން ހިންގުން މަނާވުމުން ފާޙިޝް ޢަމަލުތައް ކުރުން ބޮޑުތަނުން މަދުވެގެންދާނެއެވެ. ޖިންސް ބަދަލުކުރުމާއި އެއްޖިންސުން ގުޅުން ހިންގުން ނެތިގެންދާނެއެވެ.
- މިސްކިތްތައް ފުރިގެންދާނެއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅު އޮއްސަވާނެތެވެ. އިން ޝާ ﷲ
- ރިބާގެ މުޢާމަލާތްތައް ނުކުރުމުން ވޯލްޑްބޭންކާއި ހުރިހާ ކޮމާރޝަލް ބޭންކުތައް ބަނގުރޫޓުވެ އުވިގެންދާނެއެވެ.
- ޖުވާކުޅޭތަންތަން ބަނަދުވެ ބަނގުރަލާއި މިޔުޒިކްގެ ދުނިޔެ ނެތިގެންދާނެއެވެ. އެކަމުގެ ސަބަބުންވެސް މީސްތަކުން ކުރާ އިޝްރާފް ޚަރަދުތައް ކުޑަވެ ތަނަވަސްކަން އިތުރުވެގެންދާނެއެވެ.
މުސްލިމުން ކުރިއަރައިދިއުމަށް ކާފިރުން ނުރުހެނީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ. އިސްލާމް ދީނުގައިވާ މިފަދަ ރަނގަޅު ކަންކަމުގެ ސަބަބުން ޝައިޠޯނާ މާޔޫސްވެގެންދާނެތީއެވެ. ޝައިޠޯނާގެ ދައުރު ދުނިޔެއިން ނެތިގެންދާނެތީއެވެ.
ދުނިޔޭގެ އެންމެން އިސްލާމްވާނެ ދުވަހަކަށް މަޑުނުކުރާށެވެ! ތިބާ ފުރިހަމަ މުސްލިމަކަށްވެ ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދިރިއުޅެން ފަށާށެވެ! އެއިރުން ތިބާއަށް ދުނިޔެއާއި އާޚިރަތް ކާމިޔާބު ކުރެވުނީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން