ލޭމައްޗަށްދާ ބަލި ހުންނަ މީހަކު އަބަދު ރުޅިއަރުވަމުން އޭނާއަށް ބޭސްކޮށްދިނިއްޔާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ހަކުރު ބައްޔާއިމެދުވެސް އޮތީ ހަމަ މިފަދަ ގޮތެކެވެ.
ތިމާގެ ބައިވެރިޔާއަށް ނުވަތަ މައިންބަފައިންނަށް ނަމަވެސް ތިމާ އެމީހަކަށް ބޭސްކޮށްދޭންޖެހޭ އެއްވެސް މީހަކަށް ހަކުރު ބަލި ޖެހުމުން ކޮންމެ މީހަކު ނަމަވެސް ކަންބޮޑުވާނެއެވެ. ދެރަވެސްވާނެއެވެ. އަވަސް އަވަހަށް ޑޮކްޓަރަށް ދައްކައި ބޭސްފަރުވާކުރަންވެސް ފަށާނެއެވެ.
ނަމަވެސް ވިސްނައި ނުލެވޭ ނުވަތަ ސަމާލުކަން ނުދެވޭ ކަމެއް އެބައޮތެވެ! އެއީ އެމީހުން ކަންބޮޑުވެ ފިކުރުކުރަން ނުޖެއްސުވުމެވެ. ހިތްދަތިވާނެ ކަންކަން ނުކުރުމެވެ.
މިހައިތަނަށް ހޯދިފައިވާ ހޯދުންތަކަށްބަލާއިރު ކަންބޮޑުވާންޖެހުމަކީ އަދި ހިތާމަކުރަންޖެހުމަކީވެސް ހަށިގަނޑުގައި ހަކުރުގެ ލެވެލް އިތުވާކަމެކެވެ. ބޭސްކެއި ނަމަވެސް ކޮންޓްރޯލްކުރަން އުނދަގޫވާ ސަބަބެކެވެ.
ފުރިހަމަ ޞިއްހަތެއްގައި ހުންނައިރުވެސް ހާސްކުރުވައި ކަންބޮޑުވާން ޖެއްސުވުމަކީ ދެވޭ އެންމެ ބޮޑު އެއް އަނިޔާއެވެ. އެކަމުގެ ސަބަބުން އެތައް ބަލިތަކަކަށް މަގުފަހިވެއެވެ. ޚާއްޞަކޮށް ހަކުރުބަލީގެ މީހުންނަށް މިމައްސަލަ ބޮޑުވެއެވެ.
އުފާވެރިކަމާއި އެކުވެރިކަމާއިއެކު ދިރިއުޅެން އިސްލާމް ދީނުގައި އޮތީ މިކަންކަން ސައިންސްވެރިންނަށް މިއަދު އެނގުނު ނަމަވެސް އިންސާނުން އުފެއްދެވި އަދި އިސްލާމް ދީން ބާވައިލެއްވެވި ﷲ ތަޢާލާ މިކަންކަން ރަނގަޅަށް ދެނެވޮޑިގެންވާތީއެވެ.
ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ. މިކަންކަން ނުއެނގޭތީ ނަމަވެސް މިކަންކަމަށް ސަމާލުކަން ނުދެވޭ މީހުން އަވަހަށް ސަމާލުކަންދޭށެވެ. ޝިފާލިބުން އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރުމުންނެވެ.