މުމްތަޙިނާ ސޫރަތުން ލިބޭ ބައެއް ފައިދާ 4

ކިޔުމަށް ހޭދަވާނީ 5މ 23ސ
މުމްތަޙިނާ ސޫރަތުން ލިބޭ ބައެއް ފައިދާ 4

ޢާއިޝަތު ރަފާޙް ޢަލީ

 

· ﷲ ތަޢާލާ ކާފަރުންނާއި މުސްލިމުންނާއި މެދުގައި އެކުވެރިކަމާއި ލޯބި ލައްވަވައިފާނެކަން: 

ﷲ ތަޢާލާ މުމްތަޙިނާ ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

عَسَى اللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ الَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً ۚ وَاللَّهُ قَدِيرٌ ۚ وَاللَّهُ غَفُورٌ رَّحِيمٌ ﴿٧﴾‏

މާނައީ: "އެއުރެންކުރެ ތިޔަބައިމީހުން عداوة ތެރިވި މީހުންނާއި، ތިޔަބައިމީހުންނާ ދެމެދުގައި اللَّه އެކުވެރިކަން ލައްވައިފާށިއެވެ! اللَّه އީ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދި اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (7)" 

މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ގެންނަވާފައިވަނީ ކާފަރުންނާއި މުސްލިމުން ބައެއް ޙާލަތްތަކުގައި އެކުވެރި ވެވިދާނެކަމެވެ. އެގޮތުން އަބޫ ސުފްޔާން ގެ ދަރިކަނބަލުން އުންމު ޙަބީބާ، ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި ކައިވެނި ބައްލަވައިގަތް އިރު އަބޫ ސުފްޔާން އިސްލާމެއް ނުވެއެވެ. ނަމަވެސް އަބޫ ސުފްޔާނާއި ދޭތެރޭ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހެޔޮކޮށް ހިތްތެވިއެވެ. 

· ﷲ ތަޢާލާ ކާފަރުންގެ ތެރެއިން ގުޅުން ބޭއްވުން އަދި މަދަދަށް އެދުމުން މަނާ ކުރައްވާ ބަޔަކު ވާކަން ހާމަކޮށްދެއްވެވުން:     

ﷲ ތަޢާލާ މުމްތަޙިނާ ސޫރަތުގެ 9 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ ﴿٩﴾‏

މާނައީ:  "اللَّه، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ دين އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. (9)" 

އެގޮތުން ﷲ ތަޢާލާ މުމްތަޙިނާ ސޫރަތް ފައްޓަވަމުން ޢަދުއްވުން ވަލިއްޔުންގެ ގޮތުގައި ނުވަތަ އެކުވެރީންގެ ގޮތުގައި ނެހެދުމަށް ވަޙީ ކުރައްވާފައިވެއެވެ. އަދި މިސޫރަތުގެ 9 ވަނަ އާޔަތުގައި ޢަދުއްވުންނަކީ ކޮބައިކަން ބަޔާން ކޮއްދެއްވާފައިވެއެވެ. އެގޮތުން ޢަދުއްވުންގެ ތެރޭގައި ހިމެނެނީ ދީނާއި ހަނގުރާމަކޮށް، ގޯތިގެދޮރުން ނެރިލާ، އަދި އެކަމަށް ވާގިދޭ މީހުންކަމެވެ 

މިފަދަ މީހުންނާއި ގުޅުން ބޭއްވުން މަނާ ކުރައްވާއިރު މުމްތަޙިނާ ސޫރަތުގެ 8 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ ﴿٨﴾‏

މާނައީ: "ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. (8)"

މިއާޔަތުގައި ﷲ ތަޢާލާ ކާފިރުންގެ ތެރެއިން ގުޅުން ބޭއްވޭނެ މީހުން ބަޔާން ކޮށްދެއްވަވާފައިވެއެވެ.

މިއަދު އޮންލައިން