ޣައްޒާ އާއި ދުނިޔޭގެ ކަންކޮޅުތަކުގަ ހައިހޫނު ކަމުގަ އެތައް މިލިއަން މުސްލިމުން ތިބިއިރު މީރުކޮށް ކައިގެން ތިބާހުންނަން ހެޔޮވެދާނެތަ؟ ސުވާލުކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޣައްޒާ އާއި ދުނިޔޭގެ ކަންކޮޅުތަކުގަ ހައިހޫނު ކަމުގަ އެތައް މިލިއަން މުސްލިމުން ތިބިއިރު މީރުކޮށް ކައިގެން ތިބާހުންނަން ހެޔޮވެދާނެތަ؟ ސުވާލުކުރައްވަވާނެ!

މިއަދުގެ ޙާލަތަށް ބަލާށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަ ބައަކު ތިބީ ހައިހޫނުކަމުގައެވެ. އަނެއްބައަކު ކިރިޔާ ފުދިގެންނެވެ. އަނެއް ބައަކު ބޭނުންވާހައި އެއްޗެއް ބޭނުންވަރަކަށް ކައިބޮއި ހަދައެވެ. ޙަލާލު ގޮތުގައި ހޯދައިގެން ނަމަވެސް ކައިބޮއި ހެދިތަކެއްޗާއިމެދު ސުވާލުކުރައްވަވާނެ ދުވަސް އޮތީ ކުރިއަށެވެ. ކަނުލައި އަޑުއަހާށެވެ!  

ރަސޫލް () އެންމެ ދުވަހަކުވެސް 3 އިރު ފަރިއްކުޅުއްވެވިކަން އެއްވެސް ޙަދީޘްފުޅަކުން އަހަރެންނަށް ފެނިފައެއް ނެތެވެ. ޢައިޝަތުގެފާނުގެ ބަސްފުޅުން ރަސޫލް () ގެ އަނބިއަނބިކަނބަލުން ދިރިއުޅެއްވެވި ގަނޑުވަރުކޮޅުތަކުގެ ބަދިގެކޮޅުތަކުގައި އެއްވެސް އެއްޗެއް ކަންކަން އަލިފާން ނުލާތާ 2 މަސް، 3 މަސް ފާއިތުވެގެންދާކަން އެނގެން އެބައޮތެވެ. މީހުން އައިސް ކާނެ އެއްޗަކަށް އެދުމުން މުޅި ގަނޑުވަރުކޮޅު ބެއްލެވުމުން 3 އޮށް ކަދުރު ފެނިވަޑައިގެންނެވިކަންވެސް އެނގެން އެބައޮތެވެ! 

ދެން ބަލައިލަންވީ މިއަދު އަހަރެމެން ދިރިއުޅެމުން މިދާ ފެންވަރެވެ. ހަރުތައް ފުރެންދެން ތަފާތު ކާނާއެވެ. އެތައް ބާވަތެއް ކައްކައިގެން ނޫނީ އެންމެ "މީލެއް" ހަމަވާ ކަމަކަށް ނުވެއެވެ. ފްރިޖް ފުރެންދެން ތަފާތުކާނާ އާއި ބުއިންތަކެވެ. ތަފާތު ވައްތަރުތަކުގެ އައިސް ކްރީމެވެ. މަހުގެ ބާވަތްތަކެވެ. 

ކުރަން ބޭނުންވާ ސުވާލަކީ މިހައި ގިނަ ނިޢްމަތްތައް ﷲ ތަޢާލާ ދެއްވެވުމުން ޝުކުރުވެރިވުމުގެ ގޮތުން ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދު ކުރެވޭ ހެއްޔެވެ؟ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްލާނެ ވަގުތުކޮޅެއް ވޭހެއްޔެވެ؟ އެއްވެސް ވަރަކަށް ޛިކްރުކުރެވޭ ހެއްޔެވެ؟  

މީސްތަކުންނޭވެ! ﷲ ތައާލާ މީހަކަސް ނިޢްމަތް ދެއްވަވައިފިނަމަ އެމީހަކަށް ފުދޭވަރަށް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. މައްސަލަ އުފެދެނީ ނިޢް،މަތްތައް މިންވަރު ކުރެއްވެވުމުން ނިޢްމަތް ދެއްވެވީ ﷲ ތަޢާލާ ކަމާއި ނިޢްމަތް ދެއްވެވުމުން ތިމާ އަދާކުރަން ވާޖިބު ކަންތައްތަކެއް އެބަހުރިކަން ހަނދުމަނެތިގެންދާތީއެވެ. ޝުކުރުވެރި ނުވެވޭތީއެވެ.  

ތިބާގެ ގޭގެ ފްރިޖުގައި ބަހައްޓައިގެން ކައި ހުސްކުރި އައިސްކްރީމްތަކާއިމެދު ޤިޔާމަތް ދުވަހު ސުވާލު ކުރައްވަވާނެ ކަމަށް ބުނެފިނަމަ އެވާހަކަ ވަރަށް ހެއްވާ ވާހަކައަކަށް ހަދައިފާނެއެވެ. ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމަކީ އެމީހަކަށް ﷲ ތަޢާލާ ނިޢްމަތްތައް މިންވަރު ކުރެއްވެވުމުން އެ ނިޢްމަތްތަކަށް ޝުކުރުވެރި ނުވެއްޖެނަމަ އެކަމާއިމެދު ސުވާލު ކުރެވޭނެ ކަމެވެ. އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމެވެ.  

ތިބާ ކާން ބޭނުންވާހައި އެއްޗެއް ބޭނުންވަރަކަށް ކައިބޮއި ހެދިއިރު ފަޤީރަކަށް ޞަދަޤާތްކުރިން ހެއްޔެވެ؟ މިހިރީ ހަމަ ވިސްނައިލަންޖެހޭނެ މުހިންމު ކަންކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން