ޢަލީ އިޙްޞާން ފިރާޤް
شَمْوِيلُ عَلَيْهِ السَّلَامُ
شَمْوِيلُ عَلَيْهِ السَّلَامُ އަކީ ބަނީއިސްރާއީލުންގެ ގާތަށް މާތްالله سبحانه وتعالى، ފޮނުއްވި ނަބީބޭކަލެކެވެ. އެކަލޭގެފާނު ދިރިއުޅުއްވީ مُوسَى عليه السّلام އާއި يُوشَعُ عليه السّلام ގެ ފަހުގައެވެ. دَاوُدُ عليه السّلام ގެ ރަސްކަމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ތާރީޚީ ރިވާޔަތްތަކުން ސާބިތުވާ ގޮތުގައި داود عليه السّلام އާއި شمويل عليه السّلام ވަނީ އެއްބޭކަލަކު އަނެއް ބޭކަލަކާ ބައްދަލުވެވަޑައިގެންފައެވެ.
ޝަމްވީލުގެފާނުގެ ނަސަބުފުޅު:
އެހެން ނަބީބޭކަލުންގެ ނަސަބުފުޅާމެދު މުއައްރިޚުން ޚިލާފުވެފައިވާ ފަދައިން شمويل عليه السّلام ގެ ނަސަބުފުޅާ މެދުގައި ވެސް މުއައްރިޚުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. علامة إبن كثير، البداية والنهاية ގައި شمويل عليه السّلام ގެ ނަސަބުފުޅު ބަޔާންކުރައްވައިފައިވަނީ މި ދަންނަވާ ފަދައިންނެވެ. އެކަލޭގެފާނަކީ شَمْوِيلُ بْنُ بَالِي بْنِ عَلْقَمَةَ بْنِ يَرْخَامَ بْنِ إِلِيهُو بْنِ تَهْوَ بْنِ صوف بن علقمة بن ماحث بن عموصا بْنِ عِزْرِيَا އެވެ. މުޖާހިދު ވިދާޅުވެފައިވަނީ އެކަލޭގެފާނަކީ شمويل بن هلفاقا ކަމަށެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 289}
އެދުވަސްވަރު ބަނީއިސްރާއީލުންގެ ޙާލަތު:
شمويل عليه السّلام ގެ ޒަމާނުގައި ބަނީއިސްރާއީލުންގެ ޙާލުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެބައިމީހުންވަނީ ވަރަށް ނިކަމެތި ދަރަޖައަކަށް ވެއްޓިފައެވެ. އެބައިމީހުން އެ ދަރަޖައަށް ވެއްޓެން މެދުވެރިވި ސަބަބުތައް އިބްނު އިސްޙާޤު ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. [ބަނީއިސްރާއީލުބާގައިގެ މީސްތަކުން ބިމުގައި ފަސާދަކޮށް ފާފަތައް ކުރަމުން ގެންދިޔައެވެ. އެބައިމީހުންގެ ގާތަށް ފޮނުއްވަމުން ގެންދެވި ނަބީބޭކަލުން ޤަތުލުކުރަމުން ގެންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާތްﷲ އެބައިމީހުންގެ މައްޗަށް ޖައްބާރު ވެރިންތަކެއް ލެއްވިއެވެ. އެވެރިންތައް އެބައިމީހުންނަށް އަނިޔާކޮށް ލޭ އޮހޮރުވަމުން ގެންދިޔައެވެ. އަދި މާތްﷲ އެބައިމީހުންގެ މައްޗަށް ހަތުރުން ފާކުރެއްވިއެވެ.
ދެކޮޅުވެރިންނާ ހަނގުރާމަ ކުރާއިރު، ހަނގުރާމައިގެ މައިދާނަށް ތާބޫތު ގެންދިޔުމަކީ ބަނީއިސްރާއީލުންގެ އާދައެކެވެ. އޭގެ ބަރަކާތުން އެބައިމީހުންނަށް ހަނގުރާމައިގައި ނަޞްރު ލިބެއެވެ. މިހެން މިކަން ހިނގަމުން އައިސް އެބައިމީހުން ޣައްޒާ އާއި ޢަސްޤަލާންގެ މީހުންނާ ހަނގުރާމައަށް ނުކުތް ފަހަރަކު ދެކޮޅުވެރިންގެ މީސްތަކުން، އެބައިމީހުންގެ އަތުން ތާބޫތު ފިރުކައިގެން ގެންގޮސްފިއެވެ. އެހަނގުރާމައިގައި ބަނީއިސްރާއީލުންގެ މީސްތަކުންނަށް ވަރަށް ބޮޑު ނާކާމިޔާބީއެއް ލިބުނެވެ. މި ޚަބަރު ބަނީއިސްރާއީލުންގެ ރަސްގެފާނަށް ލިބުމާއެކު އޭނާ މަރުވެގެން ވެއްޓިއްޖެއެވެ. ކަންމިހެން ހިނގުމާއެކު ބަނީއިސްރާއީލުން ވެއްޓިގެން ދިޔައީ ވަރަށް ނާޒުކު ފައްތަރަކަށެވެ. ގޮތްވަކުނެތް ބަކަރި އައިނެއް ފަދައިން އެބައިމީހުން އެތަށް ދުވަހެއް ވަންދެން ގަނަތެޅެންޖެހުނެވެ. ދެން އަރަހުށި މާތްﷲ އެބައިމީހުންގެ ގާތަށް شمويل عليه السّلام ނަބީކަމާގެން ފޮނުއްވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 287}
ވަހަބު އިބްނު މުނައްބިހުގެ އަރިހުން އަލްޙާފިޡު އިބްނު ކަޘީރު ރިވާ ކުރައްވައިފައިވެއެވެ. [މޫސާގެފާނަށްފަހު މުއްދަތެއްވަންދެން ބަނީއިސްރާއީލުބާގައިގެ މީސްތަކުން ޙައްޤުގެ މަގުގައި ދެމި ތިއްބެއެވެ. އެއަށްފަހު ބިދުޢަތައް ދީނުގެ ތެރެއަށްވައްދައި، ބައެއް މީހުން ބުދުތަކަށް އަޅުކަން ކުރަން ފަށައިފިއެވެ. އޭރުވެސް އެބައިމީހުންގެ ތެރެއަށް މެދުކެނޑުމެއްނެތި ނަބިއްޔުން ފޮނުއްވަމުން ގެންދެވިއެވެ. އެބޭކަލުން ހެޔޮކަންތަކަށް އަމުރުކުރައްވައި، މުންކަރާތްތައް މަނާކުރައްވަމުން ގެންދެވިއެވެ. ތައުރާތުގެ ޙުކުމްތަކާ އެއްގޮތަށް އެބައިމީހުންގެ ތެރޭގައި ޙުކުމްކުރައްވަމުން ގެންދެވިއެވެ.
ބަނީއިސްރާއީލުން ނުބައިކަންތައް ކުޅައުން ޢާންމުވުމުން އަރަހުށި މާތްﷲ އެބައިމީހުންގެ މައްޗަށް ހަތުރުން (ދުޝްމިނުން) ފާކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންނަށް އެތައް އާފާތެއް އައިސް ޖެހުނެވެ. ހަތުރުން އެބައިމީހުންގެ މައްޗަށް ގަދަވެގަނެ، އެބައިމީހުންގެ ވަރަށް ގިނަބަޔަކު ހިފައި ހައްޔަރުކޮށް، އެބައިމީހުންގެ ބިމުން ބޮޑުބައެއް ފޭރިގެންފިއެވެ. އޭގެ ކުރިން ބަނީއިސްރާއީލުން ކުރި ހަނގުރާމަތަކުގައި، އެބައިމީހުންނަށް ވަރަށް ފުރިހަމަ ނަޞްރު ލިބެއެވެ. އެއީ އެބައިމީހުން ތާބޫތު ހިފައިގެން ހަނގުރާމައަށް ދާކަމަށްޓަކައެވެ. ތާބޫތުގައި ތައުރާތުވެއެވެ. އެ ތާބޫތަކީ މޫސާގެފާނުގެ ފަރާތްޕުޅުން އެއްޖީލުން އަނެއްޖީލަށް ވާރުތަވަމުން އައިސް އެބައިމީހުންނަށް ލިބުނު އެއްޗެކެވެ.
އެއްފަހަރު ބަނީއިސްރާއީލުން ކުރި ހަނގުރާމައެއްގައި، ކޮންމެވެސް ރަސްކަލަކު އެބައިމީހުންގެ ތާބޫތު ފޭރިގެން ގެންދިޔައެވެ. އޭގައިވާ ތައުރާތުގެ ފަތްފުށްތަކާ އެކުގައެވެ. އޭރު ބަނީއިސްރާއީލުންގެ ތެރޭގައި ތައުރާތު ހިތުދަސް މީހުން ދާދި މަދެވެ. އެބައިމީހުންގެ ގިނަ ޤަބީލާތަކުން އެދުވަސްވަރު ނަބިއްޔުން ފޮނުއްވުންވަނީ މެދުކެނޑިފައެވެ. އެދުވަސްވަރުގައި އެބައިމީހުންގެ ތެރޭގައި މާބަނޑު އަންހެނަކު އިނެވެ. އޭނާއަކީ ލާވީ ދަރިކޮޅުގެ ބޭކަނބަލެކެވެ. އެ ދަރިކޮޅަކީ ނަބިއްޔުން ފޮނުއްވަމުން ގެންދެވި ދަރިކޮޅެކެވެ. އޭނާގެ ފިރިކަލުންވަނީ ޤަތުލުވެފައެވެ.
ދެން ބަނީއިސްރާއީލުގެ މީސްތަކުން އެ އަންހެންމީހާ ގެއަކަށް ގެންގޮސް ވަރަށް ފަރުވާތެރި ކަމާއެކު ބަލަހައްޓަމުން ގެންދިޔައެވެ. އެއީ އޭނާ ވިހާ ދަރިއަކީ ނަބީބޭކަލަކަށް ވޭތޯއެވެ. ޚުދު އެ އަންހެންމީހާވެސް އެކަމަށް އެދި ދުޢާ ކުރަމުން ގެންދިޔައެވެ. މާތްﷲ އޭނާގެ ދުޢާ އިޖާބަކުރައްވައި ފިރިހެންދަރިއަކު ދެއްވިއެވެ. އޭނާ އެދަރިކަލުންނަށް ނަންދެއްވީ شمويل ގެ ނަންފުޅުންނެވެ. އެދަރިކަލުން ބޮޑުފުޅުވުމުން އަރަހުށި މާތްﷲ އޭނާ ބަނީއިސްރާއީލުންގެ ގާތަށް ނަބީކަމާގެން ފޮނުއްވިއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފުރަތަމަ ޖިލްދު، ޞަފްޙާ 686-687}
މިއީ ތާރީޚީ ރިވާޔަތެކެވެ. މިފަދަ ވާހަކަތަކުގެ ތެރެއަށް ވަރަށް ބޮޑަށް އިސްރާއީލިއްޔާތު ވަދެފައިވެއެވެ. ވީމާ މިކަން ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވައިލީއެވެ. މި ރިވާޔަތުގެ ރާވީ ވަހަބު އިބްނު މުނައްބިހަކީ ޠާބިޢީބޭކަލެކެވެ.