ޢަލީ އިޙްޞާން ފިރާޤް
ބަނީއިސްރާއީލުންގެ ވެރިއަކަށް ޠާލޫތު ހަމަޖެހުން:
ابو الأعلى المودودي އޭނާ ލިޔުއްވި تفهيم القرآن ގައި ވިދާޅުވެފައިވެއެވެ. "عيسى عليه السّلام ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ އެއްހާސް އަހަރުކުރިން ޢަމާލިޤުން، ބަނީއިސްރާއީލު ބާގައިގެ މީސްތަކުންގެ މައްޗަށް ވެރިވެގަތެވެ. އޭރު ބަނީއިސްރާއީލުން ދިރިއުޅެމުން ގެންދިޔައީ ފަލަސްޠީނުގެ މާތް ބިމުގައެވެ. އެދުވަސްވަރު ބަނީއިސްރާއީލުންގެ ނަބީކަމާއި ވެރިކަމުގެ ބާރު އޮތީ شمويل عليه السّلام ގެ އަތްޕުޅުގައެވެ. شمويل عليه السّلام ހުންނެވީ އުމުރުފުޅުން ދުވަސްފުޅުވެ މުސްކުޅިފުޅުވެފައެވެ.
شمويل عليه السّلام އަވަހާރަވުމުގެ ކުރިން ބަނީއިސްރާއީލުންގެ މައްޗަށް ވެރިކަމާއި ހަނގުރާމައިގައި އިސްކޮށް ހުންނަވާނެ ބޭފުޅަކު ޢައްޔަންކުރުމުގެ ބޭނުން ވަނީ ވަރަށް ބޮޑުވެފައެވެ. އޭރު އެބައިމީހުންވަނީ ކުރިންވަޑައިގެންނެވި ނަބީބޭކަލުންގެ ދެއްވި ތަޢުލީމު ހަނދާނެތި، ޖާހިލު ބޯހަރު ބަޔަކަށްވެފައެވެ. ކާފަރު ބައެއް އެބައިމީހުންގެ މައްޗަށް ވެރިވެގަތުމުގެ ސަބަބުން އެބައިމީހުންގެ ކުފުރުގެ އަސަރުތައްވެސް ވަނީ ބަނީއިސްރާއީލުންގެ މީސްތަކުންނަށް ކޮށްފައެވެ. މިފަދަ އެތައް ސަބަބުތަކަށްކަށްޓަކައި ބަނީއިސްރާއީލުން، شمويل عليه السّلام އަރިހަށް ގޮސް، އެބައިމީހުންގެ މައްޗަށް ރަސްކަލަކު ހަމަޖައްސަވައިދެއްވުމަށް އެދި ދަންނަވަންފެށިއެވެ.] {އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން، ބަޤަރާ ސޫރަތުގެ 246 ވަނަ އާޔަތުގެ ތަފްސީރު}
މިދެންނެވި ވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 246 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
أَلَمْ تَرَ إِلَى الْمَلَإِ مِن بَنِي إِسْرَائِيلَ مِن بَعْدِ مُوسَىٰ إِذْ قَالُوا لِنَبِيٍّ لَّهُمُ ابْعَثْ لَنَا مَلِكًا نُّقَاتِلْ فِي سَبِيلِ اللَّـهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ الْقِتَالُ أَلَّا تُقَاتِلُوا ۖ قَالُوا وَمَا لَنَا أَلَّا نُقَاتِلَ فِي سَبِيلِ اللَّـهِ وَقَدْ أُخْرِجْنَا مِن دِيَارِنَا وَأَبْنَائِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلَّا قَلِيلًا مِّنْهُمْ ۗ وَاللَّـهُ عَلِيمٌ بِالظَّالِمِينَ ﴿٢٤٦﴾
މާނައީ: [إسـرآءيـل ގެދަރިންގެ ތެރެއިން، موسى ގެފާނަށްފަހުން އުޅުނު جماعة އެއްގެ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ އެއީ، އެއުރެންގެ ނަބިއްޔަކަށް އެއުރެން ދެންނެވި ހިނދުގައެވެ. اللَّه ގެ މަގުގައި ތިމަންމެން ހަނގުރާމަކުރުމަށް ތިމަންމެންނަށް ރަސްކަލަކު ފޮނުއްވައި ދެއްވާށެވެ! އެ ނަބިއްޔާ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވިޔަސް، ތިޔަބައިމީހުން ހަނގުރާމަ ނުކޮށް ތިބެދާނެ ނޫންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ގޯތި ގެދޮރުންނާއި ދަރިންގެ ގާތުން ތިމަންމެން ނެރެލާފައިވާ حال، اللَّه ގެ މަގުގައި ތިމަންމެން ހަނގުރާމަ ނުކުރާންވީ ކީއްވެގެންތޯއެވެ؟ ދެން، އެއުރެންގެ މައްޗަށް ހަނގުރާމަ فرض ކުރެއްވިހިނދު، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެކަމަށް ފުރަގަސްދިނޫއެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]
ކުރިންވެސް ދެންނެވިފައިވާ ފަދައިން ބަނީ إسـرآءيـل ބާގައިގެ މީސްތަކުންވަނީ ދުޝްމިނުންގެ އަތްދަށުވެ އަޅުވެތިވެފައެވެ. ދުޝްމިނުންނާއި ކުރިމަތިލައި ކުރި ހަނގުރާމަތަކުގައި ބަލިވެ ވިއްސިވިހާލިވެފައެވެ. ހިތްވަރު އެލި މާޔޫސްވެފައެވެ. ގޯތިގެދޮރުން ނެރެވި ނިކަމެތިވެފައެވެ. އެހެންކަމުން އެބައިމީހުން ބޭނުންވީ މާތްﷲ ގެ މަގުގައި ދުޝްމިނުންގެ ކުރިމައްޗަށް އެބައިމީހުން ގޮވައިގެން ނުކުމެ ހަނގުރާމަ ކުރާނެ ހަރުދަނާ ވެރިއެކެވެ. އެ ވެރިޔާގެ ބެއްލެވުމުގެ ދަށުން ހަނގުރާމަކޮށް ދުޝްމިނުން ބަލިކުރާނެ ލީޑަރެކެވެ.
އޭރު ބަނީއިސްރާއީލުންގެ މައްޗަށް ވެރިވެގަނެގެން އުޅުނު ޢަމާލިޤުންގެ ވެރިއަކަށް ހުރީ ޖާލޫތު ނަމަކަށް ކިޔުނު ވަރަށް ޖައްބާރު ވެރިއެކެވެ. އޭނާގެ ވަރުގަދަކަމާއި ހުޝިޔާރުކަމުގެ ސަބަބުން އެއްވެސް މީހަކަށް އޭނާގެ ކުރިމަށްޗަށް އަރައި ހަނގުރާމަ ކުރުންވަނީ ނުކުޅެދިފައެވެ. މި ދެންނެވި ހުރިހާ ސަބަބުތަކަށްޓަކައި އިސްވެދިޔަ ބަޤަރާ ސޫރަތުގެ 246 ވަނަ އާޔަތުގައިވާ ފަދައިން شمويل عليه السّلام އަރިހުގައި އެހެން ދެންނެވީއެވެ. އޭގެ ޖަވާބެއްގެ ގޮތުން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވި ބަސްފުޅު ބަޤަރާ ސޫރަތުގެ 247 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَقَالَ لَهُمْ نَبِيُّهُمْ إِنَّ اللَّـهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًا ۚ قَالُوا أَنَّىٰ يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ الْمَالِ ۚ قَالَ إِنَّ اللَّـهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ ۖ وَاللَّـهُ يُؤْتِي مُلْكَهُ مَن يَشَاءُ ۚ وَاللَّـهُ وَاسِعٌ عَلِيمٌ ﴿٢٤٧﴾
މާނައީ: [އަދި، އެއުރެންގެ ނަބިއްޔާ އެއުރެންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި طالوت ފޮނުއްވައިފިއެވެ. އެއުރެން ދެންނެވޫއެވެ. އޭނާއަށްވުރެން ރަސްކަމަށް ތިމަންމެން حق ކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުންތޯއެވެ؟ އަދި، އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއްވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް اللَّه، އޭނާ خيار ކުރެއްވިއެވެ. އަދި، އޭނާއަށް علم އާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ابو الأعلى المودودي ލިޔުއްވައިފައިވެއެވެ. އޭރު طالوت އަކީ ތިރީސްއަހަރުފުޅުގެ ޒުވާންބޭކަލެކެވެ. އެކަލޭގެފާނަކީ يعقوب عليه السّلام ގެ بنيامين ގެ ދަރިކޮޅުން ވަޑައިގެންނެވި ބޭކަލެކެވެ. ބަނީއިސްރާއީލުންގެ ތެރޭގައި طالوت އަށްވުރެ ރީތި، ބާމަތިފުޅާ އިސްކޮޅުފުޅުން ދިގު މީހަކު ނުވެއެވެ. އެބައިމީހުން شمويل عليه السّلام އަރިހަށް އެއްވެ ވެރިއަކު އިންތިޚާބު ކުރުމުގެ ވާހަކަ ދައްކަމުން ގެންދިޔަ ވަގުތަކީ طالوت އޭނާގެ ބައްޕާފުޅުގެ ޙިމާރެއް ގެއްލިގެން އެ ސޮރު ހޯދަން ނުކުމެވަޑައިގެން އުޅުއްވި ވަގުތެވެ.
އެ ޙިމާރު ހޯއްދަވަން އުޅުއްވުމުގެ ތެރޭގައި طالوت، شمويل عليه السّلام ހުންނެވި ގެކޮޅުގެ ކައިރިން ވަޑައިގެންނެވިއެވެ. އޭރު މާތް الله سبحانه وتعالى، ވަނީ طالوت ބަނީއިސްރާއީލުންގެ ވެރިއަކަށް ހަޖައްސަވާނެ ވާހަކަ شمويل عليه السّلام އަށް އަންގަވައިފައެވެ. ދެން شمويل عليه السّلام، طالوت ގެންނަވައި އެކަލޭގެފާނަށް އެކަމުގެ ޚަބަރުދެއްވިއެވެ. ބަނީއިސްރާއީލުން، طالوت އަކީ އެބައިމީހުންނަށް އެންމެ އެކަށޭނަ ވެރިޔާކަމަށް ހެކިވުމަށް އެދިވަޑައިގެންނެވިއެވެ. {އަބުލް އަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން، ބަޤަރާ ސޫރަތުގެ 247 ވަނަ އާޔަތުގެ ތަފްސީރު}
އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ އަލްބިދާޔަތު ވައްނިހާޔަތުގައި، ޘަޢުލަބީގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. طَالُوتُ ގެ ފުރިހަމަ ނަންފުޅަކީ، طالوت بن قيش بن أفيل بن صارو بن تحورت بن أفيح بن أنيس بن بنيامين بن يعقوب بن إسحاق بن إبراهيم الخليل އެވެ. ޢިކްރިމާ އާއީ ސުއްދީ ވިދާޅުވެފައިވެއެވެ. طالوت އަކީ ފެން އުފުލާއުޅުއްވި ބޭކަލެކެވެ. ވަހަބު ބުން މުނައްބިހު ވިދާޅުވެފައިވާ ގޮތުގައި އެކަލޭގެފާނަކީ ހަންދިބާޣު ކުރައްވައިގެން އާމުދަނީ ހޯއްދަވާ އުޅުއްވި ބޭކަލެކެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 292}
طالوت އަކީ ބަނީއިސްރާއީލުންގެ މައްޗަށް މާތްﷲ ފޮނުއްވި ވެރިޔާކަން އެނގުމުން އެބައިމީހުން އެކަމަކަށް ނުރުހުނެވެ. އެހެނީ ބަނީއިސްރާއީލު ބާގައިގެ މީހުންގެ ނަބީކަން ހިނގަމުން އަންނަނީ لاوى ދަރިކޮޅުންނެވެ. ރަސްކަން ހިނގަމުން އަންނަނީ يهوذا ދަރިކޮޅުންނެވެ. ނަމަވެސް طالوت އައިސްފައިވަނީ بنيامين ގެ ދަރިކޮޅުންނެވެ. އެހެން ކަމާއިއެކު [ރަސްކަން طالوت އަށް ޙައްޤުވެގެންނުޔޭ ރަސްކަން އެންމެ ޙައްޤުވެގެންވަނީ ތިމަންމެންނަށޭ] ބުނީއެވެ.