އަހުރެންނާއި އަހުރެންގެ ފިރިމީހާއަކީވެސް އަލަށް އިސްލާމްވި މީހުންނެވެ. ދެމީހުން ކައިވެނިކުރީ އިސްލާމްވުމަށްފަހުގައެވެ. އަހުރެމެންގެ ކައިވެންޏަށް 20 އަހަރު ފުރެން ގާތްވަނީއެވެ. މިއަދު އަހުރެމެންނަކީ އެންމެ ފުރިހަމަ ގޮތުގައި އިސްލާމް ދީނަށް ޢަމަލުކުރަން މަސައްކަތްކުރާ 2 މީހުންނެވެ.
އަހުރެމެން ދެމީހުންނަކީ އަލަށް އިސްލާމްވި ދެމީހުން ކަމަށްވުމުން އަހުރެމެންނަށް ދީނުގެ ކަންކަން ބުނެދީ ހިތްވަރުދޭނެ ޢާއިލީ ބައަކު ނެތެވެ. އެހެންވެ ދެމީހުންވެސް ނިންމީ ކާފިރު އެކުވެރިން ނުގެންގުޅުމަށެވެ. އެމީހުންނާއި ދުރުހެލިވުމަށެވެ.
އެއީ އެމީހުންދެކެ ރުޅި އައިސް ނަފްރަތުކުރާތީއެއް ނޫނެވެ. އެމީހުންގެ ސަބަބުން ދީނަށް ޢަމަލުކުރުމުގައި ހުރަސްތައް ކުރިމަތިވާނެތީއެވެ. އެމީހުން ކުރާ ކަންކަމުގައި ބައިވެރިވެ އުޅުމުން ދީނާއި ދުރަށް ދެވިދާނެތީ އެކަމުގެ ބިރަށެވެ. ދީނަށް ޢަމަލުކުރުމުގައި މިހައި ކުރިއަށް އާދެވިފައި މިތިބީ އެގޮތަށް އެކަން ކުރެވުނީތީއެވެ.
އަހުރެން ބުނެލަން ބޭނުންވަނީ މުސްލިމުން ކަމަށް ބުނި ނަމަވެސް ދީނަށް ޢަމަލުނުކުރާ މީހުންނާއި ގުޅިގެން ނުއުޅޭށެވެ. ޙަރާމް ކަންކަން ކުރާ މީހުންނާއި ގުޅުން ނުބާއްވާށެވެ. ނަމާދު ނުކުރާ، ނަމާދުކުރަން ސަމާލުކަން ނުދޭ މީހުންނާއި ގުޅުން ނުބާއްވާށެވެ! ގުޅުން ބާއްވާނަމަ ދީނަށް ޢަމަލުކުރަން ހުރަސްތައް ކުރިމަތިވާނެއެވެ.
މިއީ އަލަށް އިސްލާމްވި އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. އަހުރެން ދެކޭ ގޮތުގައި އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބަލައި އެބުނަނީ ވަރަށް ހެޔޮ ވާހަކައެކެވެ. އިސްލާމް ދީނުގައި ޘާބިތުވެ ކުރިއަސްދާން ބޭނުން ކޮންމެ މީހަކުވެސް ވިސްނައި ޢަމަލުކުރުން އެންމެ މުހިންމު ކަންތަކުގެ ވާހަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން