ޝަމްވީލްގެފާނުގެ ވާހަކަ-3: ޠާލޫތުގެ ވެރިކަމުގެ ހެއްކެއްގެ ގޮތުގައި ތާބޫތު ފޮނުއްވުން

ކިޔުމަށް ހޭދަވާނީ 5މ 39ސ
ޝަމްވީލްގެފާނުގެ ވާހަކަ-3: ޠާލޫތުގެ ވެރިކަމުގެ ހެއްކެއްގެ ގޮތުގައި ތާބޫތު ފޮނުއްވުން

ޢަލީ އިޙްޞާން ފިރާޤް

 

ޠާލޫތުގެ ވެރިކަމުގެ ހެއްކެއްގެ ގޮތުގައި ތާބޫތު ފޮނުއްވުން: 

ދެން އެބައިމީހުން شمويل عليه السّلام ގެ އަރިހުން އެދިވަޑައިގެންނެވީ طالوت އަކީ ޙަޤީޤަތުގައިވެސް އެބައިމީހުންގެ ގާތަށް މާތް، ޢައްޔަންކުރެއްވި ވެރިޔާކަން ޔަޤީންވާ ވަރުގެ ހެއްކެއް ދެއްކެވުމަށެވެ. މި ވާހަކަ ބަޤަރާ ސޫރަތުގެ 248 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَن يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٢٤٨

މާނައީ: [އަދި، އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެތްކަކީ، ތިޔަބައިމީހުންނާ ހަމަޔަށް تابوت އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ ހިތްހަމަޖެހުމަކާއި، أمان ކަމަކާއި، އަދި، موسى ގެފާނުގެ آل ވެރިންނާއި هارون ގެފާނުގެ آل ވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ تابوت ގައި ވެއެވެ. (އެތަކެއްޗާއެކު) އެ تابوت، ملائكة ން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.] 

النحاس ވިދާޅުވެފައިވެއެވެ. ތާބޫތުގައިވާ ހެއްކަކީ ނުވަތަ އާޔަތަކީ، އެއިން އަޑެއް ނުކުތުމެވެ. އެއަޑު ނިކުމެއްޖެނަމަ އެބައިމީހުން މައިދާނަށް ގޮސް ހަނގުރާމަކުރެއެވެ. އަދި އެއިން އަޑެއް ނުއިވިއްޖެނަމަ އެބައިމީހުން ހަނގުރާމައިގެ މައިދާނަކަށް ނުނިކުމެއެވެ. ބުނެވިފައިވެއެވެ. އެބައިމީހުން تابوت ބާއްވަނީ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައެވެ. ހަނގުރާމަ އެންމެ ވަރުގަދައަށް ހިނގާ ތަނުގައެވެ. އޭރުން އޭގެ ބަރަކާތުން އެބައިމީހުންނަށް ނަޞްރު ލިބެއެވެ. {އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، ބަޤަރާ ސޫރަތު 248ވަނަ އާޔަތުގެ ތަފްސީރު} 

އިމާމު ޠަބަރީ ރިވާކުރައްވައިފައިވާ ކަމަށް ޤުރްޠުބީ ލިޔުއްވައިފައިވެއެވެ. އެބައިމީހުން طالوت ގެ ރަސްކަމުގެ ހެއްކަކަށް އެދުނު ހިނދު އެއުރެންގެ ނަބިއްޔާ އަށް ދުޢާ ދެންނެވިއެވެ. އެހިނދު تابوت ފޭރިގެން ގެންދިޔަ މީހުންނަށް އޭގެ ސަބަބުން އެތަށް މުޞީބާތަކާއި ދެރަ ގޮތްތަކެއް ދިމާވާން ފަށައިފިއެވެ. ބުނެވޭ ގޮތުގައި އެބައިމީހުން تابوت ފޭރިގަނެ ގެންގޮސް ބެހެއްޓީ ބުދުފައްޅި ނުވަތަ كنيسة އެއްގެ ތެރޭގައެވެ. އަނެއް ދުވަހު އެބައިމީހުން އައިސް ބެލިއިރު ހުރިހާ ބުދުތަކެއްވަނީ އެކޮޅުކޮޅުން ވެއްޓިފައެވެ. ދެން އެބައިމީހުން ބުނެފިއެވެ. ތިޔަ تابوت، كنيسة ގައި ހުރި އެންމެ ބޮޑު ބުދުގެ ތިރީގައި ބަހައްޓާށެވެ. އަނެއް ދުވަހު މިބައިމީހުން އައިސް ބެލިއިރު تابوت ވަނީ އެބުދުގެ އެންމެ މަތީގައެވެ. ދެން އެބައިމީހުން تابوت އެބޮޑުބުދުގެ ފައިގައި އެއްސިއެވެ. އަނެއް ދުވަހު އެބައިމީހުން އައިސްބެލިއިރު އެބުދުގެ އަތާއިފައި ވަނީ ބުރިވެފައެވެ. ދެން އެބައިމީހުން އެ تابوت އެތަނުން ނެރެ އެހެން ރަށަކަށް ފޮނުވާލިއެވެ. ދެން އެރަށުގެ މީހުންނަށް މާވަރުގަދަ ކަރުގައި ރިހުމުގެ ބައްޔެޖެހި އެބަލި ރަށުތެރޭގައި ފެތުރެން ފަށައިފިއެވެ. މިހެންވުމުން އެބައިމީހުން ބުނެފިއެވެ. ހުރިހާވެސް ނުބަޔަކީ މި تابوت އެވެ. ދެން تابوت އެރަށުން ނެރެ ފޮނުވާލައިފިއެވެ. {އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، ބަޤަރާ ސޫރަތު 248ވަނަ އާޔަތުގެ ތަފްސީރު} މިއީ ތާރީޚީ ވާހަކައެކެވެ. ކިހާ ޞައްޙަ ވާހަކައެއ ްކަމެއް އެނގޭކަށް ނެތެވެ. 

ތާބޫތުގައިވާ ތަކެއްޗާމެދު ޢިލްމުވެރިންގެ މެދު ޚިލާފު ހިނގައިފައިވެއެވެ. އިބްނު އަޠިއްޔާ ވިދާޅުވެފައިވެއެވެ. [އެންމެ ރަނގަޅު ބުނުމަކީ ތާބޫތުގައި އިހު އުޅުއްވި ރަސޫލުބޭކަލުން ގެންގުޅުއްވި ތަކެތިވާކަމެވެ. އެތަކެތި ފެނި މީސްތަކުންގެ ހިތްތަކަށް ހަމަޖެހުންލިބި ހިތްވަރުގަދަވާކަމެވެ.] ބުނެވެއެވެ. ތާބޫތުގައިވާ ތަކެއްޗަކީ موسى ގެފާނާއި، هارون ގެފާނުގެ އަސާކޮޅާއި، موسىގެފާނު އެއްލަވައިލެއްވުމުން ތައުރާތުން ވަކިވަކިވެގެންދިޔަ އެތިކޮޅުތަކެވެ. ޢިކްރިމާ ވިދާޅުވަނީ މުޅި ތައުރާތު އޭގައިވާކަމުގައެވެ. އަބޫ ޞާލިޙު ވިދާޅުވެފައިވެއެވެ. ތާބޫތުގައިވަނީ موسىގެފާނުގެ އަސާކޮޅާއި، موسىގެފާނާއި هارون ގެފާނުގެ ހެދުންކޮޅަކާއި، ތައުރާތުގެ ދެ ألواح އެވެ. އަދި މިނޫން ގޮތްގޮތަށްވެސް ބުނެވިފައިވެއެވެ. {އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، ބަޤަރާ ސޫރަތު 248ވަނަ އާޔަތުގެ ތަފްސީރު} 

އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. އެބައިމީހުން އެ ތާބޫތު ރަށުންނެރެ ފޮނުވާލީ ދެގެރިލީ ގާޑިޔަލަކަށް ލައިފައި ކަމަށް ބުނެވެއެވެ. އެ ގާޑިޔާ ދުއްވީ މަލާއިކަތްބޭކަލުން ކަމަށްވެސް ބުނެވިފައިވެއެވެ. ނަމަވެސް އާޔަތުގެ ޡާހިރީ (ބޭރުފުށުގެ) މާނައިން ދޭހަވަނީ، މަލާއިކަތްބޭކަލުން އަމިއްލަފުޅަށް ތާބޫތު އުފުއްލަވައިގެން ގެންނެވި ކަމަށެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 294}

މިއަދު އޮންލައިން