ދަރިންނަށް ކުރަންޖެހޭ ޚަރަދު ބޮޑުވާނަމަ ފުރަތަމަ ކަމަކަށް އޮތީ އަމިއްލަ ނަފްސްގަ ހުރި އުނިސިފަތައް އިޞްލާޙްކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ދަރިންނަށް ކުރަންޖެހޭ ޚަރަދު ބޮޑުވާނަމަ ފުރަތަމަ ކަމަކަށް އޮތީ އަމިއްލަ ނަފްސްގަ ހުރި އުނިސިފަތައް އިޞްލާޙްކުރުމެވެ!

ދަރިންނަށް ކުރަންޖެހޭ ޚަރަދު ދުވަހުން ދުވަހަށް ބޮޑުވަމުން އަންނާތީ ކަންބޮޑުވާނަމަ ވިސްނާލަން ޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. މިކަންކަން ފާހަގަމިކުރަނީ މިހާރަކަށް އައިސް މައިންބަފައިން އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ އެމީހުންގެ ދަރިން އެންމެ އަގު ބޮޑު ތަކެއްޗަށް ބޭނުންވާ ކަމުގެ ޝަކުވާ ކަމަށްވާތީއެވެ.

ބެލެނިވެރިން ދައްކަނީ ވަކިކުއްޖަކު ސްކޫލަށް ގެންދާ ފެންވަރުގެ ދަބަސް ނޫނީ ނުގެންދަން ބޮޑާ ހާކާވާހަކައެވެ. އަގު ބޮޑު ތަކެތި ހޯދައި ދިނުމުން ގެންގުޅުމުގެ ފަރުވާކުރާތީ އަވަހަށް ހަލާކުކުރާ ވާހަކައެވެ. ކުރުކޮށްލާފައި ބުނާނަމަ އިސްރާފްކުރާ ކަމުގެ ޝަކުވާއެވެ. ލިބޭ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރަންޖެހޭ ވާހަކައެވެ.

މިފަދަ ކަންކަން ކުރިމަތިވާނަމަ ފުރަތަމަވެސް ބަލައިލަން ޖެހެނީ މައްސަލަ އުފެދޭ ހިސާބަށެވެ. އެހިސާބަށް ބަލައިފި ނަމަ ފެންނާނީ މައިން ބަފައިންގެ ކުށްތަކެވެ. އިހްމާލެވެ. ގިނަ ފަހަރަށް މި މައްސަލަ މިގޮތަށް ފެންމަތިވެގެން އަންނަނީ ކުއްޖާ އެންމެ ކުޑައިރު އެފަދަ ތަކެތި އެކުދިންނަށް ހޯދައިދީ އެގޮތަށް ދަރިން ތަރުބިއްޔަތުކުރާތީއެވެ. މައިން ބަފައިންގެ ދިރިއުޅުމުގެ ކަންކަން އެފެންވަރުގައި ބަހައްޓާތީއެވެ.

ދަރިން ކުޑައިރު އެކުދިން ދެކެ ވާލޯބި ދައްކަން ޖެހޭނީ ގަނެދޭ އަގުބޮޑު ތަކެއްޗަކުން ނޫނެވެ. އެކުދިންނަށް ބޭނުންވާ ލޯތްބާއި ކުލުނު ދީގެންނެވެ. އެކުދިންނާއި ވަގުތު ހޭދަކޮށް އުފާކޮށްދީގެންނެވެ. ނަމަވެސް މައިންބަފައިންނަށް ގިނަ ފަހަރު އަމަލުކުރެވެނީ އެގޮތަކަށް ނޫނެވެ. ވަގުތު ދެވޭ ކަމަކަށް ނުވެއެވެ. ވީމާ އެކަން ފޫބައްދަން ކުރެވޭ ކަމަކީ އަގުބޮޑު ތަކެތި ގަނެދިނުމެވެ.

ދޮށީދަރިފުޅުގެ ކައިވެންޏަށް ދަރައިގެން ނަމަވެސް އެތައް ބައިވަރު ފައިސާއެއް ޚަރަދުކޮށްފާނެއެވެ. ޢާއިލާގެ ތަނަވަސް މީހަކު އޭނާގެ ދަރިފުޅުގެ ކައިވެނި ހަފްލާ ބޭއްވި ފެންވަރުގައި ބާއްވަން ބޭނުންވެގެންނެވެ. އެ ބޮޑު ޚަރަދުކުރީ ދަރަންޏަށް ފައިސާ ހޯދައިގެންކަމެއް ހަގަށް ތިބޭ ކުދިންނަކަށް ނުއަންގާނެއެވެ. ވީމާ އެކުދިންވެސް ހަމަ އެފެންވަރުގައި ކަންކަން ބޭނުންވާނެއެވެ. އަގުބޮޑު ތަކެއްޗަށް އެދޭނެއެވެ.

އިސްލާމް ދީނުގެ އެންމެ މުހިންމު އެއް އަސާސަކީ ރިވެތި އަޚްލާޤެވެ. ރިވެތި އަޚްލާޤްގެ އެންމެ މުހިންމު އެއް އަސާސަކީ ފުދުންތެރި ދިރިއުޅުމެކެވެ. ދިރިއުޅުމުގެ އެއްވެސް ކަމެއްގައި އެއްވެސް އެހެން މީހަކާއި ވާދަކުރުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫނެވެ. ވާދަކުރުން ހުއްދަވެގެންވާ ހަމައެކަނި ކަމަކީ ތަޤްވާވެރިކަމެވެ.

މައިން ބަފައިން ޖަހާ ސެންޓާއި ލާ ހެދުމަކީ އެންމެ އަގުބޮޑުތަކެތި ކަމުގައި ވާނަމަ ދަރިންވެސް އެފަދަ ތަކެތި ބޭނުންވާނެއެވެ. އަދި ދަރިންނަށް އެފަދަ ފެންވަރުގެ ތަކެތި ހޯދައިދޭނަމަ ބޮޑުވެ އަމިއްލަ ދިރިއުޅުމަކަށް ފަށާ ދުވަހުވެސް އެފަދަ ތަކެއްޗަށް ބޭނުންވާނެއެވެ. ނުލިބުމުން ފިރިމީހާ ގާތުން ވަރިވަނީ ކިތައް އަނބިން ހެއްޔެވެ؟ ހަމައެފަދައިން ފިރިމީހާގެ އަމިއްލަ ބޭނުންތަކަށް ކުރާ ޚަރަދު އިންތިހާއަށް ބޮޑުވެފައި އެއާއި ކައިރިކުރާ ވަރަކަށްވެސް ގޭތެރޭގެ ކަންކަމަށް ޚަރަދު ނުކުރާތީ ވަރިވަނީ ކިތައް އަނބިން ހެއްޔެވެ؟

މިފަދަ ކަންކަމުން އެނގެނީ މައިން ބަފައިން ފޭލްވަމުން އަންނަކަމެވެ. އިސްލާމް ދީނުގައިވާ މަގުން ދަރިން ތަރުބިއްޔަތުކުރުމުގައެވެ. ވީމާ މައްސަލަ ހައްލުކުރެވޭނީ ވެސް ހަމަ މައިންބަފައިންނަށެވެ! ދަރިން ކުށްވެރިކުރުން ހުއްޓާލައި ފުރަތަމަ މައިންބަފައިން އަމިއްލައަށް އިޞްލާޙްވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން