ސަމާލުވާތި! ތިބާ އަކީ އެހެން މީހެއްގެ ބައިވެރިޔާކަން އެނގިހުރެ ތިބާގެ ރީތިކަމަށް ތަޢްރީފްކޮށްފިނަމަ އެމީހަކީ ޝައިޠޯނެއް! ޝައިޠޯނާގެ އެޖެންޓެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ސަމާލުވާތި! ތިބާ އަކީ އެހެން މީހެއްގެ ބައިވެރިޔާކަން އެނގިހުރެ ތިބާގެ ރީތިކަމަށް ތަޢްރީފްކޮށްފިނަމަ އެމީހަކީ ޝައިޠޯނެއް! ޝައިޠޯނާގެ އެޖެންޓެއް!

ތިބާ އަކީ އެހެން މީހެއްގެ ބައިވެރިޔާކަން އެނގިހުރެ ތިބާގެ ރީތިކަމަށް ތަޢްރީފްކޮށްފިނަމަ އެއީ ހަމަސީދާ ޝައިޠޯނުންގެ ތެރެއިންވާ މީހެކެވެ. އެމީހަކު ބޭނުން އެވަނީ ތިބާ މަގު ފުރައްދައި ތިބާގެ ކިބައިން ނާޖާއިޒު ފައިދާއެއް ނެގުމަށެވެ. މިކަން ގިނަ ބައަކަށް އެނގެންވެސް އެނގޭނެއެވެ. ޤަބޫލުވެސް ކުރެވޭނެއެވެ. ނަމަވެސް ހިތާމައަކީ އެނގިތިބެ އަމިއްލަ ދިރިއުޅުމުގައި ހުޅުޖަހައި އަންދަމުންގެންދާ ކަމެވެ.

މިއަދު މިފެންނަނީ ގިނަ ބައަކު ތައުރީފްކުރުމާއި ޚުޝާމަދުކުރުމަށް ހެއްލޭތަނެވެ. ހަމައެކަނި ހެއްލެނީއެއްވެސް ނޫނެވެ. ހެއްލި ގެއްލިގެންވެސް ދަނީއެވެ. ކިހައި މިންވަރަކަށް ހެއްޔެވެ؟ ސީދާ ނަރަކަ އާއިގެ އަލިފާނާއި ދިމާއަށް ހިނގެން ފަށަނީއެވެ.

ޢާއިލީ ދިރިއުޅުމަށް ބަލާށެވެ. ޙަޔާތުގެ ބައިވެރިޔާ ފިޔަވައި އިތުރު މީހަކު ކުރާ ތައުރީފަށް ހެއްލޭ މީހަކު އަބަދުވެސް ހުންނާނީ ވާވަދެފައެވެ. "ކަލާ ވަރަށް ރީތި، ވަރަށް ލޯބި" ބުނުމުން އެކަން ބަލައިގެންފިކަން ކިރިޔާ އިޙްޞާޞްވާއިރަށް ފަހަތުން ލިބެން ފަށާނީ ޝައިޠާނީ ދައުވަތުތަކެވެ. އެއިން ދައުވަތަކަށް އިޖާބަ ދެވިއްޖެނަމަ މުޅި ދިރިއުޅުން ފަނާވެގެންދިއައީއެވެ. ކައިވެނި ރޫޅި ހުރިހާ އުންމީދުތައް ބުރަބުރައިގެން ދިއައީއެވެ. ޢާޚިރަތާއިވެސް އެކުގައެވެ.

މަހުޖަނުންގެ ދީލަތި ކަމަށް ކުރެވޭ ތަޢްރީފްތައް ވަރަށް ގިނަވާނެއެވެ. ސިޔާސީ ވެރިންގެ ޤާބިލުކަމަށް ކުރާ ތައްރީފްތައްވެސް ހަމަ އެހައިމެ ގިނަވާނެއެވެ. ސަމާލުކަން ނުދީފިނަމަ ހަތަރު އުދަރެސް ފެނުޖެހޭނެއެވެ. އެއީ ދުނިޔެ ދައްކަމުންދާ ތަޖުރިބާއެވެ.

މިހެން މިދިމާވަނީ ޚުޝާމަދުކުރުމަށް ލޯބިކުރެވޭތީއެވެ. މީސްތަކުންގެ ތަޢްރީފަށް ބޭނުންވާތީއެވެ. ނަމަވެސް ޚުޝާމަދު ކުރުމަށް ލޯބިކުރުމާއި މީސްތަކުންގެ ތައްރީފަށް ބޭނުންވެ އެފަދަ ކަންކަން ކުރުމުން މަރުޙަބާ ކިޔުމަކީ މިސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

މިފަދަ ކަންކަމަކީ މުސްލިމުން ކޮށްގެންވާނެވެސް ކަންކަމެއް ނޫނެވެ. އެފަދަ ކަންކަން ކުރުމުގައި ހައްދުފަހަނައަޅައި ދިއަ މުޖުތަމައުތަކަށް ﷲ ތަޢާލާ ވަނީ ކޯފާ ފޮނުއްވަވައިފައެވެ. އެހެނީ މީސްތަކުންނަށް ވާޖިބުވެގެންވަނީ މީސް މީހުންނަށް ސަނާ ކިޔުމެއް ނޫނެވެ. މީސްތަކުން ދުނިޔެއަށް ފޮނުއްވުނީ ވެރިންނަށާއި މަހުޖަނުންނަށް ސަނާ ކިޔާކަށް ނޫނެވެ. ވެރިންނާއި މަހުޖަނުން މަތިވެރިކުރާކަށްވެސް ނޫނެވެ. މީސްތަކުން ދުނިޔެއަށް ފޮނުއްވެވިފައި މިވަނީ ﷲ ތަޢާލާ މަތިވެރި ކުރުމަށެވެ. ޙަމްދް ޘަނާ ކިޔަން ޖެހޭނީ ﷲ ތަޢާލާއަށެވެ.

ދުނިޔޭގައި ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު ތައްރީފްގެ ބަސްތައް އޮއްސައި ސަނާ ކިޔަނީ އެމީހެއްގެ ކިބައިން ކޮންމެވެސް ކަންތައްތަކެއް ބޭނުންވެގެންނެވެ. ޚާއްޞަކޮށް ޙައްޤު ނޫން ގޮތުގައި ކަންތައްތަކެއް ބޭނުންވުމުންނެވެ. ނާޖާއިޒު ފައިދާއެއް ނަގަން ބޭނުންވުމުންނެވެ.

އެމީހަކު ޙާޞިލުކުރަން ބޭނުންވި ކަންތައް ޙާޞިލުވުމުން އެމީހާ ދުވެ ފިލާނެއެވެ. ނަމަވެސް ތިމާއަށް އެހީތެރިކަން ބޭނުންވާ ކަންކަމުގައި އަމަލުން ކިތަންމެ ކުޑަ ނަމަވެސް އެހީތެރިކަން ފޯރުކޮށްދޭ މީހާޢަކީ އެހައި ފަސޭހައިން ފިލާނެ މީހެއް ނޫނެވެ. އެމީހާ އެކަންކަން އެ ކޮށްދެނީ ހިތުގެ ލޯބިން ކަމަށްވާތީއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޚުޝާމަދުކުރުމަށް ނުހެއްލޭށެވެ. މީސްތަކުންގެ ތައްރީފަށްވެސް ނުހެއްލޭށެވެ! އެކަމުން ލިބޭނީ ކަނޑައެޅިގެން ގެއްލުމާއި ހަލާކެވެ. މިދުނިޔޭގައި އެކަންޏެއް ނޫނެވެ. އާޚިރަތުގައިވެސް މެއެވެ. ވީމާ ޚުޝާމަދު ކުރުމާއި ތައްރީފަށް ހެއްލި ގެއްލެނިވެގެންވާ މީހުންގެ ތެރޭގައި ނުހިމެނޭށެވެ!

ޢުމަރުގެފާނުގެ ބަސްފުޅުން ޢިބްރަތް ޙާޞިލުކުރާށެވެ! ހެޔޮ އެދޭނަމަ ކުރެވޭ ކުށްތައް ބުނެދީ އިޞްލާޙްކުރަން މަސައްކަތްކޮށްދޭށެވެ. ވިދާޅުވި ބަސްފުޅުންނެވެ.

ޙާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. ބަހުން ތަޢްރީފް އޮއްސާ މީހާއަށްވުރެ އަމަލުން ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ކަމެއް ކޮށްދޭ މީހާގެ މުހިންމުކަން މާބޮޑުނަމަވެސް އެކަން ޤަބޫލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ބައެއްގެ ކުރިމަތީގައި މުހިންމީ ބަހުން ތަޢްރީފްކުރާ މީހުންނެވެ. އަމަލުން ކިތަންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަކީ އެއްވެސް މުހިންމު މީހެއް ކަމަކަށް ނުބަލައެވެ. އެކަމުގެ ގެއްލުން ޢާއިލީ ދިރިއުޅުމަށް ލިބެމުން މިދަނީ އިންތިހާއަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން