ބައިވެރިޔާ ދެކެ ލޯބިވުމަކީ އުޅޭނެހައި ގޮތަކަށް އުޅެން ދޫކޮށްލައިގެން ހުރުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބައިވެރިޔާ ދެކެ ލޯބިވުމަކީ އުޅޭނެހައި ގޮތަކަށް އުޅެން ދޫކޮށްލައިގެން ހުރުމެއް ނޫން!

ކައިވެނިކުރުމަށްފަހު ދެމީހުންވެސް ދެމީހުން ޤަބޫލުކުރާ އިންތައް ކަނޑައަޅަންވާނެއެވެ. އަދި އެއިންތަކުގެ ތެރޭގައި ދިރިއުޅެން މަސައްކަތްކުރަންޖެހޭނެއެވެ. ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ އެއިންތަކުގެ ތެރޭގައެވެ.  

ބައެއް ފަހަރު ކަންކަން ކުރެވޭ ގޮތަކީ ބައިވެރިޔާދެކެ ލޯބިވާވަރުން އިންތައް ފަހަނައަޅައިދިނަމަވެސް ބަހެއް ނުބުނެ، އަޅާނުލައި ހުރެވެނީއެވެ. ކެތްތެރިވެލެވެނީއެވެ. ނަމަވެސް މިއީ ކެތްތެރިވާންޖެހޭ ޙާލަތެއް ނޫނެވެ. އެފަދަ ކަންކަމަށް ކެތްތެރިވާނަމަ ނުކުންނަ ނަތީޖާ ރަނގަޅެއް ނުވާނެއެވެ.  

ސަބަބަކީ އިންތަކުން ބޭރުން އޭނާ ކުރާ ކަންކަން ކުރުމުން އަޅާނުލައިފިނަމަ އޭނާއަށް ޤަބޫލުކުރެވޭނީ ބައިވެރިޔާ ރުހިގެން ހުންނަނީ ކަމަށެވެ. ދެން އެކަމެއް ކުރަމުން ގޮސް އެކަމަކަށް އާދަވާފަހުން އެކަމެއް ހުއްޓުވަން މަސައްކަތް ކުރިނަމަވެސް ކުރިމަތިވާނީ އިތުރު މައްސަލަތަކެވެ.  

ވީމާ އެންމެ ރަނގަޅު ގޮތަކީ އިންތަކުން ބޭރުން ކަންކަން ކުރާނަމަ، އެކަމެއް އެނގުމާއިއެކު އެވާހަކަ ދެއްކުމެވެ. އެކުރެވެނީ ކުށެއްކަން ބަޔާންކޮށްދިނުމެވެ. ވިސްނައިދީ އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. އެއިރުން ޙައްލުކުރެވުން ފަސޭހަވާނެއެވެ. އަދި އިޞްލާޙްނުކޮށްފިނަމަ އެމީހަކާއި ވަކިވުމުން ލިބޭނެ ގެއްލުންވެސް ކުޑަވާނެއެވެ.  

ހަމައެއާއިއެކު ވިސްނަންވީ ކަމަކީ ބައިވެރިޔާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމަކީ ބައިވެރިޔާ ދެކެ ލޯބިވުން ނޫންކަމެވެ. ކޮންމެ ކަމެއްވެސް ރަނގަޅު ގޮތުގައި ކުރެވޭނީ އެކަމެއް ކުރަން އޮންނަ ގޮތަކަށް ކުރުމުންނެވެ. އުޞޫލުތަކާއި ޤަވާޢިދުތަކާއި އިންތަކުގެ ތެރެއިން ކުރުމުންނެވެ. ދެމަފިރިން އެކުގައި ދިރިއުޅުމުގެ އުޞޫލުތަކާއި ޤަވާއިދުތަކަކީ ކުރިން ބަޔާންކުރި ފަދައިން ދެމީޙުން ކުރިން ކަނޑައެޅި އިންތަކެވެ.  

ޙާލަތު ނިޔާކުރާ ގޮތަކުން އިންތަކަށް ބަދަލުގެންނަން ޖެހިއްޖެނަމަ ދެމީހުން އަލުން މަޝްވަރާކުރާށެވެ. ބަދަލުގެންނަން ދެމީހުންނަށްވެސް އެއްބަސްވެވޭނަމަ ބަދަލު ގެންނާށެވެ! ބަދަލު ނުގެންނަހައި ހިނދަކު އިންތަކުގައި ހިފަހައްޓަން ޖެހޭނެއެވެ. ކާމިޔާބާއި އުފާވެރިކަން ލިބުން އޮތީ އެއިރުންނެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން