ޢަލީ އިޙްޞާން ފިރާޤް
ޠާލޫތާއެކު ބަނީއިސްރާއީލުން ހަނގުރާމައިގެ މައިދާނަށް
ކޮންމެއަކަސް މި ހެކިތައް ފެނި ބަނީއިސްރާއީލުންގެ މީސްތަކުން طالوت ގެ ވެރިކަން ޤަބޫލުކުރިއެވެ. ދެން طالوت އެބައިމީހުންނާއެކު ހަނގުރާމައިގެ މައިދާނަށް ދަތުރުފެށިއެވެ. އެކަން ބަޔާންކުރައްވާ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 249 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
فَلَمَّا فَصَلَ طَالُوتُ بِالْجُنُودِ قَالَ إِنَّ اللَّـهَ مُبْتَلِيكُم بِنَهَرٍ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّي وَمَن لَّمْ يَطْعَمْهُ فَإِنَّهُ مِنِّي إِلَّا مَنِ اغْتَرَفَ غُرْفَةً بِيَدِهِ ۚ فَشَرِبُوا مِنْهُ إِلَّا قَلِيلًا مِّنْهُمْ ۚ فَلَمَّا جَاوَزَهُ هُوَ وَالَّذِينَ آمَنُوا مَعَهُ قَالُوا لَا طَاقَةَ لَنَا الْيَوْمَ بِجَالُوتَ وَجُنُودِهِ ۚ قَالَ الَّذِينَ يَظُنُّونَ أَنَّهُم مُّلَاقُو اللَّـهِ كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّـهِ ۗ وَاللَّـهُ مَعَ الصَّابِرِينَ ﴿٢٤٩﴾
މާނައީ: [ދެން، لشكر އާއިގެން طالوت ނުކުމެވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެ ކޯރުން ފެންބޮއިފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި، އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ. ދެން، ފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ. ދެން އެއަށްފަހު، طالوت އާއި، އޭނާގެ އަރިހުގައި إيمان ވެގެންތިބި މީހުން، އެ ކޯރު ފަހަނަޅައި ހިނގައްޖެހިނދު، އެއުރެން (ގެ ތެރެއިން ބަޔަކު) ދެންނެވޫއެވެ. جالوت އާއި، އޭނާގެ لشكر އާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަމެއް އަދަކު ތިމަންމެންނަކަށް ނެތެވެ. ހަމަކަށަވަރުން، اللَّه އާ ބައްދަލުވާނޭކަން يقين ކުރާމީހުން ބުނޫއެވެ. اللَّه ގެ إذن ޔާއެކު ކިތައް ކިތައް މަދު جماعة ގެ މީހުން، ގިނަ جماعة ގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.]
ޤުރްޠުބީގެ ތަފްސީރުގައި ލިޔެވިގެންވަނީ މި އާޔަތުގައިވާ ކޯރުގެ މުރާދަކީ އުރުދުނާއި ފަލަސްޠީނުގެ ދެމެދުގައިވާ ކޯރު ކަމަށެވެ. ވަހަބު ބުން މުނައްބިހު ވިދާޅުވެފައިވެއެވެ. طالوت ލަޝްކަރާއިގެން ނުކުތް ހިނދު ލަޝްކަރުގެ މީހުން އޭނާއަށް ބުންޏެވެ. [ލަޝްކަރުގައި އެންމެނަށް ވާވަރަށް ފެނެއްނެތެވެ. ފެން ކޯރެއް ހިނގަވައިދެއްވުން އެދި ﷲ ގެ ޙަސްރަތުގައި ދުޢާ ދަންނަވާ ދެއްވާށެވެ.] طالوت ވިދާޅުވިއެވެ. [މާތްﷲ ކޯރެއް މެދުވެރިކުރައްވާ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާނެއެވެ.] ސުއްދީ ވިދާޅުވެފައިވެއެވެ. [މި ލަޝްކަރުގައި އަށްޑިހަހާސް ފަހުލަވާނުންވެއެވެ.] ވަހަބު ބުން މުނައްބިހު ވިދާޅުވެފައިވެއެވެ. [މިލަޝްކަރުގައި ނުގޮސް އެއްވެސް މީހަކު ރަށުގައި ޤާއިމުވެ ނުހުރެއެވެ. ހަމައެކަނި މުސްކުޅީންނާއި ކުޑަކުދިންނާއި ބަލިމީހުން ފިޔަވައެވެ]
{އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، ބަޤަރާ ސޫރަތު 249ވަނަ އާޔަތުގެ ތަފްސީރު}
ބަޤަރާ ސޫރަތުގެ 249 ވަނަ އާޔަތުން ދޭހަވާ ގޮތުގައި މާތްﷲ އެބައިމީހުންގެ އެންމެން ވަނީ އިމްތިޙާނު ކުރައްވައިފައެވެ. އެއީ އެބައިމީހުންގެ ދަތުރުކޮށްފައި ދިޔަ މަގުމަތީގައިވާ ފެންކޯރެއް މެދުވެރި ކުރައްވައެވެ. އެ ކޯރުން ފެންބުއިމާމެދު طالوت ވަނީ ލަޝްކަރުގެ މީސްތަކުންނަށް އިންޒާރު ކުރައްވައިފައެވެ. އޭނާ ލަޝްކަރުގެ މީސްތަކުންނާ މުޚާތަބު ކުރައްވާ ވިދާޅުވިއެވެ. [އެކޯރުގެ ފެނުން ރަހަ ލިބިނުގަތް މީހާއަކީ، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ.]
ނަމަވެސް އެ ލަޝްކަރުގައި ބައިވެރިވި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެ ކޯރުން ފެން ބޮއެފިއެވެ. طالوت އެބައިމީހުންނަށް ދެއްވި ނަސޭހަތް ހަނދާން ނައްތާލިއެވެ.
سيّد أبو الأعلى مودودى ތަފްހީމުލް ޤުރްއާނުގައި ވިދާޅުވެފައިވެއެވެ. طالوت އޭނާގެ ލަޝްކަރާއިއެކު ކޯރު ހުރަސް ކުރަވަން ވަޑައިގެންނެވި އިރު ލަޝްކަރުގެ ތެރޭގައި އަޚްލާޤީ ގޮތުން ދަށްފަންތީގެ ބަޔަކު ވާކަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. طالوت އެބައިމީހުންނާ މުޚާތަބު ކުރައްވާ [އެކޯރުގެ ފެނުން ރަހަ ލިބިނުގަތް މީހާއަކީ، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ.] މިހެން ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ލަޝްކަރުގައި ތިބި ތެދުވެރި މުއުމިނުންނާއި މުނާފިޤުން ވަކިވެ އެނގިއްޖެއެވެ. އެހެނީ ނުހަނު ކުޑަ ވަގުތު ކޮޅެއްގެ ކަރުހިތްކުމަށް ކެތްނުކުރެވުނު ބަޔަކަށް ބޮޑު ބިޔަ ލަޝްކަރަކާއި ހަނގުރާމަ ކުރުމުގައި ކެތްކުރުމަކީ އެކަށީގެންވާކަމެއް ނޫނެވެ.
{އަބުލްއަޢުލާ މައުދޫދީ، ތަފްހީމުލް ޤުރްއާން، ބަޤަރާ ސޫރަތު 249ވަނަ އާޔަތުގެ ތަފްސީރު}
ބަރާއު ބުން ޢާޒިބު ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ކިތާބު މަޣާޒީގައި ރިވާކުރައްވައިފައިވެއެވެ.
حَدَّثَنِي أَصْحَابُ، مُحَمَّدٍ صلى الله عليه وسلم مِمَّنْ شَهِدَ بَدْرًا أَنَّهُمْ كَانُوا عِدَّةَ أَصْحَابِ طَالُوتَ الَّذِينَ جَازُوا مَعَهُ النَّهَرَ، بِضْعَةَ عَشَرَ وَثَلاَثَمِائَةٍ. قَالَ الْبَرَاءُ لاَ وَاللَّهِ مَا جَاوَزَ مَعَهُ النَّهَرَ إِلاَّ مُؤْمِنٌ {صحيح البخاري،كتاب المغازى،باب عِدَّةِ أَصْحَابِ بَدْرٍ، ޙަދީޘް ނަންބަރު 3957}
މާނައީ. [ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަޞްޙާބުންގެ ތެރެއިން ބަދުރު ހަނގުރާމައިގައި ބައިވެރިވި އަޞްޙާބުން ތިމަންނައަށް ޚަބަރުދެއްވިއެވެ. ބަދުރު ހަނގުރާމައިގައި ބައިވެރިވި އަޞްޙާބުންގެ އަދަދަކީ طالوت އާއި އެކު ކޯރު ހުރަސްކުރި މީހުންގެ އަދަދެވެ. އެއީ ތިންސަތޭކަ ދިހަ މީހުންނެވެ. ބަރާއުގެފާނު ވިދާޅުވިއެވެ. މާތްﷲ ގަންދެމެވެ. މުއުމިނަކު މެނުވީ طالوت އާއެކު ކޯރު ހުރަސް ނުކުރެއެވެ.]
ދެން طالوت އާއި އޭނާގެ ލަޝްކަރުގެ މީސްތަކުން ހަނގުރާމައިގެ މައިދާނަށް ވަޑައިގަންނަވަމުން މާތްﷲ ގެ ޙަޟުރަތަށް ދުޢާ ދެންނެވިއެވެ. މިވާހަކަ ބަޤަރާ ސޫރަތުގެ 250 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَلَمَّا بَرَزُوا لِجَالُوتَ وَجُنُودِهِ قَالُوا رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٥٠﴾
މާނައީ: [އަދި، އެއުރެން (އެބަހީ: مؤمن ންގެ لشكر) جالوت އާއި، އޭނާގެ لشكر އާ (ހަނގުރާމަ ކުރުމަށް ސަފުތައްހަދައި) ކުރިމަތިލީހިނދު، އެއުރެން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!]