ނުރަޖެހުމުން ކަންބޮޑުވާންވީއެއް ނޫނެވެ! އެއީ ނޫރަކަށް ހަދާލަންވީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ނުރަޖެހުމުން ކަންބޮޑުވާންވީއެއް ނޫނެވެ! އެއީ ނޫރަކަށް ހަދާލަންވީއެވެ!

ނުރަޖެހުމުން ކަންބޮޑުވެ ލަދުގަނެ، އެއިގައި ތަފާތުކުލަތައް ޖައްސާ މީހުންނަށް ބުނެލަން އޮތީ ތިއަ އުޅެވެނީ އަދި ރަނގަޅަކަށް ނޫނެވެ. ކެތްތެރިވެ ވިސްނާލައިފިނަމަ ލިބެން އޮތް ފައިދާ މާބޮޑެވެ.

ދިމާވާ ގޮތަކުން ވަރަށް ޒުވާން އުމުރުގައި ވެސް ނުރަ ޖަހައިފާނެއެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ލަދުގަންނަން ޖެހެންވީ ކަމެއް ވެސް ނޫނެވެ. އެހެނީ އެއީ އެއްވެސް މީހެއްގެ އަމިއްލަ ބާރު ހިނގާކަމަކަށްނުވާތީއެވެ.

ޢާންމުގޮތެއްގައި ނުރަޖަހަނީ ޢުމުރުން ދުވަސްވުމުންނެވެ. އެއީ އިންޒާރެކެވެ. އަންގައިދެނީ އުމުރުން ދުވަސްވެއްޖެކަމެވެ. ދާދި އަވަހަށްވެސް މަރުވެދާނ ކަމެވެ. މަރަށް ތައްޔާރުވެގެން ހުރުމުގެ މުހިންމުކަމެވެ.

ﷲ ތަޢާލާ އެބޭކަލަކަށް ރުއްސުންލެއްވި ކަޢުބް ބުން މުއްރަތު އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އިސްލާމްކަމުގައި ހުރެ މީހެއްގެ އިސްތަށީގައި ނުރައެއް ޖަހަފިނަމަ އެނުރަ ޤިޔާމަތްދުވަހުން ވާހުށީ ނޫރެއްކަމުގައެވެ."

(ތިރްމިޛީ: 1634)

ޖަހާ ނުރަ ނޫރަކަށް ހެދުމަކީ ނުރަޖަހަން ފެށުމުން ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުކުރުމެވެ. ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ޙަދީޘްފުޅުގައި "އިސްލާމަކު ކަމުގައި ހުރެ" މި ގޮތަށް އޮތުމުން މިބުނި ބަސްތަކުގެ ދަލީލަކަށް ފުދެއެވެ. އިސްލާމް ކަމުގައި ހުރުމަކީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެހުރުން ކަމުގައިވާތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން