ޖިންނިން އިންސާނުންނަށް އަވަލާ ނުވަތަ އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ސަބަބުތަކުގެ ތެރޭގައި އެމީހަކާއި ނުރުހުންވެސް ހިމެނެއެވެ. އެޙާލަތުގައި އެވަންނަނީ އެމީހަކަށް އުނދަގޫކޮށް ގެއްލުން ދިނުމަށެވެ.
އަދި ޢާންމު ތަންތަނުގައި ފާޙިޝް ޢަމަލުތައް ކުރުމާއި، ޢާންމު ތަންތަނުގައި ބައްދައި ބޮސްދީ ލޯބިކުރުމާއި ބަރަހަނާކޮށް އުޅުންވެސް ހިމެނެއެވެ. އެޙާލަތުގައި އެވަންނަނީ އެމީހަކު ދެކެ ލޯބިވެގެންނެވެ.
މީގެ އިތުރުން އެމީހާ ކުރާ ކަމެއްގެ ސަބަބުން ޖިންނިއަކަށް އަނިޔާވުންވެސް ހިމެނެއެވެ. އަތްވީއްލައި އެއްޗެތި އުކުމާއި ބިންމައްޗަށް ހޫނިފެން އެޅުން ފަދަ ކަމެއް ކުރާނަމަ އަޢޫޛްކިޔުމަށްފަހު އެކަންކަން ކުރަންވީ އެސަބަބަށްޓަކައެވެ.
މީގެ އިތުރުން ގިނަގިނައިން ގަދައަށް ރުޅިއައުމަކީވެސް ޖިންނި އަވަލާ ކަމެކެވެ. އެޙާލަތުގައި އެމީހާގެ ހަށިގަނޑުގެ ތެރެއަށް ވަންނަނީ އެމީހަކު ރުޅި ގަދަކުރުވައިގެން އެމީހާ ލައްވައި ގޯސް ކަންކަން ކުރުވުމަށެވެ. އެއީ މަޖަލަކަށްވެގެންނެވެ.
މިނޫންވެސް ޖިންނި އަވަލާ ސަބަބުތައް އެބަހުއްޓެވެ. މިސަބަބުތަކުގެ ވާހަކަ މިބުނެލީ މިކަންކަމަށް ސަމާލުކަންދޭ މީހުންގެ ޢަދަދު މަދުވަމުން އަންނާތީއެވެ. ޖިންނި އަވަލުމުން އެކިމީހުންނަށް މެދުވެރިވާނީ އެކި އުނދަގޫތަކެވެ. ކުރިމަތިވާ އުނދަގޫތައްވެސް ތަފާތުވާނެއެވެ.
މިފަދަ ޙާލަތުން ސަލާމަތްވުމަށް އޮތީ ހަމަ އެންމެ މަގެކެވެ. ދީނުގައިވާ މަގުން ޢަމަލުކުރުމެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދަން މަސައްކަތްކުރުމެވެ. އަދި ގެއިން ބޭރުގައި އުޅޭއިރުވެސް ގޭގައި އުޅޭއިރުވެސް ޢަމަލުތައް އިސްލާމް ދީނުގައިވާ އިންތަކުގައި ބެހެއްޓުމެވެ. އެއިރުން އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން