ޝަމްވީލްގެފާނުގެ ވާހަކަ-4: ދާވުދުގެފާނު ޖާލޫތު ޤަތުލުކުރެއްވުން

ކިޔުމަށް ހޭދަވާނީ 7މ 57ސ
ޝަމްވީލްގެފާނުގެ ވާހަކަ-4: ދާވުދުގެފާނު ޖާލޫތު ޤަތުލުކުރެއްވުން

ޢަލީ އިޙްޞާން ފިރާޤް

 

ދާވުދުގެފާނު ޖާލޫތު ޤަތުލުކުރެއްވުން 

طالوت އޭނާގެ ލަޝްކަރާއިއެކު ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވިއެވެ. އަށްޑިހަހާސް މީހުންނާއެކު ނުކުތް ލަޝްކަރުގެ ޢަދަދުވަނީ 310 އަކަށް ތިރިވެފައެވެ. އޭރު ޖާލޫތުވަނީ ހަނގުރާމައިގެ މައިދާނުގައި އޭނާގެ ލަޝްކަރު ރުކުރުވައިލައިފައެވެ. އެބައިމީހުންގެ ލަޝްކަރުގެ ވަރުގަދަކަމާއި ލަޝްކަރުގެ ފަހުލަވާނުންގެ ކުޅަދާނަކަމުގެ ސަބަބުން طالوت ގެ ލަޝްކަރުގެ އެއްވެސް މީހަކަށް ހަނގުރާމައިގެ މައިދާނަށްގޮސް ހަނގުރާމަ ކުރުންވަނީ ނުކުޅެދިފައެވެ. 

ހަނގުރާމަ ފެށުމުގެ ގޮތުން މައިދާނަށް ނުކުމެ މުބާލިޣާ ކުރާނެ މީހަކު ވޭތޯ طالوت އޭނާގެ ލަޝްކަރުގެ މީސްތަކުންނަށް ނަސޭހަތްދެއްވައި ހިތްވަރު ދެއްވަމުން ގެންދެވިއެވެ. އެހެން އުޅުއްވަނިކޮށް داود عليه السّلام ވަޑައިގެން ޖާލޫތާއި މުބާލިޣާ ކުރުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. 

ސުއްދީ ވިދާޅުވެފައިވެއެވެ. داود عليه السّلام އަކީ އެކަލޭގެފާނުގެ ބައްޕާފުޅުގެ އެންމެ ހަގު ދަރިކަލުންނެވެ. އޭރު طالوت ވިދާޅުވަމުން ގެންދެވިއެވެ. [جالوت ޤަތުލުކުރާ މީހަކަށް ތިމަންގެ ވެރިކަމުން ބައެއް ދެއްވައި، ތިމަންގެ އިންނެވި ދަރިކަންބަލުންނާއި ކައިވެނި ކޮށްދެއްވާނަމެވެ.]

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 297} 

ދާވުދުގެފާނު، ޖާލޫތު ޤަތުލުކުރެއްވި ވާހަކަތަކަށް އިޝާރާތް ކުރައްވައި، ބަޤަރާ ސޫރަތުގެ 251 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

فَهَزَمُوهُم بِإِذْنِ اللَّـهِ وَقَتَلَ دَاوُودُ جَالُوتَ وَآتَاهُ اللَّـهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ ۗ وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ الْأَرْضُ وَلَـٰكِنَّ اللَّـهَ ذُو فَضْلٍ عَلَى الْعَالَمِينَ ﴿٢٥١

މާނައީ: [ފަހެ، އެއުރެން اللَّه ގެ إذن ފުޅާއެކު كافر ންގެ لشكر ބަލިކޮށްފޫއެވެ. އަދި، داود ގެފާނު، جالوت قتل ކުރެއްވިއެވެ. އަދި، اللَّه، އެކަލޭގެފާނަށް ރަސްކަމާއި، حكمة (އެބަހީ: ނަބީކަން) ދެއްވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު اللَّه އީ، عالم ތަކުގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެއެވެ.] 

އަލްއިމާމުލް ޤުރްޠުބީ މި އާޔަތުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. طالوت އޭނާގެ ލަޝްކަރުގެ ތެރެއިން داودގެފާނު ޚިޔާރުކުރެއްވިއެވެ. އެއީ جالوت އާ ހަނގުރާމަކޮށް އޭނާ ޤަތުލުކުރުމަށެވެ. އެކަލޭގެފާނަކީ އިސްކޮޅުފުޅުން ކުރު ބޭކަލެކެވެ. جالوت އަކީ އާރާއި ބާރުގަދަކަމުގައި އަރާހުރި މީހެކެވެ. އޭނާ އެކަނި ހަނގުރާމައިގެ މައިދާނުގައި ދުޝްމިނުން ބަލިކުރެއެވެ. ކޮންމެއަކަސް ޖާލޫތު ޤަތުލުވީ داود ގެފާނުގެ އަތްޕުޅުންނެވެ. 

ދާވުދުގެފާނުގެ ފުރިހަމަ ނަންފުޅަކީ  دَاوُدُ ابن إِيشَى އެވެ. ބުނެވެއެވެ. އެކަލޭގެފާނަކީ دَاوُدُ بْنُ زَكَرِيَّا بْنِ رَشْوَى އެވެ. އެކަލޭގެފާނު އައިސްފައިވަނީ يَهُوذَا بْنِ يَعْقُوب ދަރިކޮޅުންނެވެ. އެދަރިކޮޅަކީ ނަބީކަމާއި ރަސްކަމުގެ ދަރިކޮޅެވެ. داود عليه السّلام އަކީ އެކަލޭގެފާނުގެ އަޚުންގެ ތެރެއިން އެންމެ ހަގު ބޭފުޅާއެވެ. އެކަލޭގެފާނުގެ ހަތް އަޚުންވަނީ طالوت އާއިއެކު ހަނގުރާމައަށް ނުކުމެފައެވެ. ދާވުދުގެފާނަށް އެބައިމީހުންގެ ބަކަރިތައް ބެލެހެއްޓުމާ ޙަވާލު ކުރައްވައިފައެވެ.

ދެން ހަނގުރާމަ ފެށުމުން ދާވުދުގެފާނު ވިދާޅުވިއެވެ. [ތިމަން އެތަނަށްގޮސް ހަނގުރާމަ ހިނގާތަން ބަލާނަމެވެ.] އެހެން ވިދާޅުވެ ކުރިއަށް ވަޑައިގަތެވެ. ވަޑައިގެންނެވި މަގުމަތީގައި ފެނިވަޑައިގެންނެވި ހިލަތައް ނަންގަވައި  ކޮތަޅަކަށް ލައްވައިގެން ވަޑައިގެންނެވިއެވެ. އޭރު جالوت ހަތިޔާރު އަޅައިގެން ހަނގުރާމައިގެ މައިދާނަށް ނުކުމެއްޖެއެވެ. އޭނާގެ ބާރުގަދަ ކަމުން އެކަކަށްވެސް އޭނާއާ ކުރިމަތިލައި ހަނގުރާމަ ކުރާކަށް ނުކެރެއެވެ.  

އެހިނދު طالوت ވިދާޅުވިއެވެ. [ جالوت އާ ހަނގުރާމަކޮށް އޭނާ ޤަތުލު ކުރާމީހަކަށް ތިމަންގެ ރަސްކަމުން ބައެއް ޙިއްޞާކޮށް ތިމަންގެ ދަރިކަނބަލުންނާ ކާވެނިކޮށް ދެއްވާނަމެވެ.] އެހިނދު ދާވުދުގެފާނު ވިދާޅުވިއެވެ. [ތިމަން ވަޑައިގެން އޭނާއާ ހަނގުރާމަކޮށް އޭނާ ޤަތުލުކޮށްފާނަމެވެ.] ނަމަވެސް ދާވުދުގެފާނު ގެ އިސްކޮޅުގެ ކުރުކަމާއި އެކަލޭގެފާނުގެ ކުޑަކަމުގެ ސަބަބުން طالوت މާބޮޑު ސަމާލުކަމެއް ނުދެއްވިއެވެ.  

ދެވަނަ ފަހަރު جالوت އޭނާއަށް ކުރިމަތިލުމަށް ގޮވާލިއެވެ. އަދި ތިންވަނަ ފަހަރަށްވެސް ގޮވާލިއެވެ. އަނެއްކާވެސް ދާވުދުގެފާނު ވަޑައިގެން ހަނގުރާމަކުރުމުގެ އިޒުނައަށް އެދުނެވެ. طالوت ވިދާޅުވިއެވެ. [ކަލޭގެފާނަށް ހަނގުރާމައިގެ އެއްވެސް ތަޖުރިބާއެއް ކުރެވިފައި ވޭތޯއެވެ؟]  ދާވުދުގެފާނު ވިދާޅުވިއެވެ. [އާދޭހެވެ.] طالوت ވިދާޅުވިއެވެ. [އެއީ ކޮން ތަޖުރިބާއެއްތޯއެވެ؟]  ދާވުދުގެފާނު ވިދާޅުވިއެވެ. [ތިމަންގެ ބަކަރިތަކަށް ހިޔަޅެއް ޙަމަލަދިނުމުން ތިމަން އެސޮރާ ކުރިމަތިލައި އެސޮރުގެ ބޯ ކަނޑައިލީމެވެ.] 

طالوت ވިދާޅުވިއެވެ. [ހިޔަޅަކީ ވަރަށް ބާރުދެރަ ضعيف އެއްޗެކެވެ. އެހެން ކަމެއް ކަލޭގެފާނު ތަޖުރިބާ ކުރެއްވިންތޯއެވެ؟] ދާވުދުގެފާނު ވިދާޅުވިއެވެ. [އާދޭހެވެ. އެއްފަހަރު މިނިކާވަގެއްގެ ގައިގައި ޖަހައި އެސޮރުގެ ބޯ ދެފަޅިކޮށްލީމެވެ. ކަލޭގެފާނު ހީފުޅުކުރައްވަނީ جالوت މިނިކާވަގަކަށް ވުރެ ވަރުގަދަވާނެ ކަމަށްތޯއެވެ؟] 

ދާވުދުގެފާނު ގެ ވާހަކަފުޅު އަޑުއައްސަވާފައި طالوت ވިދާޅުވިއެވެ. [ކަލޭގެފާނު އަޅުގަނޑުގެ އަހާއި ހަތިޔާރު ހިއްޕަވައިގެން ވަޑައިގަންނަވާށެވެ.] ދެން ދާވުދުގެފާނު ވަކި ހިސާބަކަށް ވަޑައިގަތުމުން މީސްތަކުން ބުނަންފެށިއެވެ. އެކަލޭގެފާނަކަށް އެކަމެއްނުވާނެއެވެ. ހަނގުރާމައިގެ ހުނަރެއް، އެފަދަ ހިތްވަރެއް އެކަލޭގެފާނުގެ ނެތެވެ. ދާވުދުގެފާނު ވިދާޅުވިއެވެ. [މާތް ތިމަންކަލޭގެފާނަށް އެހީތެރިވެވޮޑިގެން جالوت އާ ހަނގުރާމަ ކުރުމުގެ ބާރުވެރިކަމާއި ވާގިވެރިކަން ނުދެއްވާނަމަ މި ހަތިޔާރާއި އަހުގެ ބޭނުމެއްނެތެވެ. ތިމަންކަލޭގެފާނު ހަނގުރާމަ ކުރާނީ އެހެންނާވެސް ހަނގުރާމަ ކުރާފަދައިންނެވެ.]  

ދެން އެކަލޭގެފާނު ހިލަ އުއްކަވާ ސާޅަންގައާއި، ހިލަ އަޅުއްވައިގެން ގެންގުޅުއްވި ކޮތަޅު ހިއްޕަވައިގެން جالوت ގެ ކުރިމަށްޗަށް ވަޑައިގަތެވެ. ވަޑައިގަތުމުން جالوت ބުންޏެވެ. [އަހަރެންނާ ހަނގުރާމަކުރުމަށް ތިޔަ އައީ ކަލޭ ކަހަލަ ޅަކުއްޖެއް ހެއްޔެވެ؟]  ދާވުދުގެފާނު ވިދާޅުވިއެވެ. [އާދޭހެވެ.] جالوت ބުންޏެވެ. [ކަލޭގެފާނު މުޣާބަލާކުރުން އެންމެ އެކަށީގެންވަނީ ކުއްތާއަކާއެވެ.] ދާވުދުގެފާނު ވިދާޅުވިއެވެ. [ކަލެއަކީ ކުއްތާއަކަށް ވުރެވެސް ދެރަމީހެވެ.] جالوت ބުންޏެވެ. [މިއަދު ތިމަން، ކަލޭގެ މަސްގަނޑު ވަލުޖަނަވާރުންނަށް ކާންދޭނަމެވެ.] ދެން ދެ ފަރާތުން ކުރިމަތިލައި ދާވުދުގެފާނު އެކަލޭގެފާނު ސާޅަނގައަށް ހިލައެއްލައްވައި جالوت އާ ދިމާއަށް ހޫރައިލެއްވިއެވެ.  ގެ އިސްމުފުޅުގެ ބަރަކާތުން ހޫރައިލެއްވި ހިލަގޮސް جالوت އަށް އަމާޒުވެ އޭނާ ޤަތުލުވެގެން ވެއްޓިއްޖެއެވެ. ދެން جالوت ގެ ބޯކަނޑައި އެކަލޭގެފާނު ހިލަ އަޅުއްވައިފައިވާ ކޮތަޅަށްލެއްވިއެވެ.

{އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، ބަޤަރާ ސޫރަތު 251ވަނަ އާޔަތުގެ ތަފްސީރު} 

شمويل عليه السّلام ގެ ޙަޔާތްޕުޅާ ބެހޭ ގިނަ މަޢުލޫމާތެއް ތާރީޚުގެ ފޮތްތަކުން ލިބޭކަށް ނެތެވެ. އަރަހުށި މާތް އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

މިއަދު އޮންލައިން