ބައެއް މީހުން ވުޟޫކުރަމުންދާއިރު ވުޟޫގެ ގުނަވަނެއްގެ ކޮންމެވެސް ތަންކޮޅެއްގައި ފެންޖެއްސުނުކަމާއިމެދު ޝައްކުވެގެން އެތަންކޮޅުގައި ފެންޖައްސަން އެތައް މަސައްކަތެއް އެބަކުރެއެވެ. އެތައްބައިވަރު ވަޤުތުތަކެއް އެބަ ހޭދަކުރެއެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ ގުނަވަނުގައި ފެންލައި ނިމުމަށްފަހު އަލުން ފެންލުމަކީ މައްސަލައެއް ކަމަށެވެ.
ބުނަންހެއްޔެވެ؟ ދިމާވި ގޮތަކުން ފެންޖައްސަންޖެހޭ ގޮތަށް ފެން ނުޖެއްސޭކަމަށް ޝައްކުކުރެވިއްޖެނަމަ އެތަންކޮޅު ހޯދައިގެން ފެންޖައްސަން އުޅުމުގެ ބޭނުމެއް ނެތެވެ. ޝައްކުފިލާވަރުގެ ސަރަޙައްދެއްގައި ފެންޖައްށާށެވެ. އެއީ އިތުރަށް ފެންލުން ކަމަކަށް ނުވާނެއެވެ.
ވުޟޫކުރުމުގައި އެންމެ މުހިންމީ ސުންނަތުގައިވާ ފަދައިން ވުޟޫކުރުމެވެ. ޤުރްއާނާއި ސުންނަތުން އެނގެން އޮތް ތަރުތީބުން ގުނަވަންތަކަށް ފެންލުމެވެ. ފެންޖައްސަން ޖެހޭ ގުނަވަންތަކުގައި ރަނގަޅަށް ފެން ޖެއްސުނުކަން ޔަޤީންކުރުމެވެ. އަދި ފެނުން އިސްރާފް ނުކުރުމެވެ.
ނަމާދުގެ ޖަމާޢަތް ފެށުން ގާތްވެފައިވަނިކޮށް ވުޟޫކުރާނަމަ ޝައްކުތައް އިތުރުވާނެއެވެ. އެއީ ޝައިޠޯނާ ކުރުވާކަމެކެވެ. ވީމާ މަސައްކަތްކުރަންވީ އެފުރުޞަތު ޝައިޠޯނާއަށް ނުދިނުމަށެވެ. އެފުރުޞަތު ނުދޭން ކުރަން އޮތް ކަމަކީ ސަމާލުކަންދީގެން ވުޟޫކުރުމެވެ. ގުނަވަންތަކަށް ފެންލާއިރު އެގުނަވަނެއްގައި ރަނގަޅަށް ފެން ޖެއްސިއްޖެކަން ޔަޤީންކުރުމެވެ.
ނަމާދުގައި ސަމާލުކަންދޭ ފަދައިން ވުޟޫކުރުމުގައިވެސް ސަމާލުކަންދޭންވާނެއެވެ. އެތައް ބައިވަރު ޚިޔާލުތަކެއްގައި ހުރެގެން ވުޟޫކުރާނަމަ ގުނަވަނެއް ދޫވެސްކޮށްލެވިދާނެއެވެ. އަދި ފެންޖެއްސުމުގައި ފަރުވާކުޑަކުރެވި ބައެއްގައި ނުޖައްސައި ދޫވެސްކޮށްލެވިދާނެއެވެ.
ވީމާ ވިސްނަން އޮތް ކަމަކީ ނަމާދު ޞައްޙަވާނީ ވުޟޫ ޞައްޙަވެގެން ކަމާއި ވުޟޫ ޞައްޙަވާނީ ވުޟޫކުރަންޖެހޭ ގޮތަށް، ގުނަވަންތަކުގައި ފުރިހަމައަށް ފެންޖައްސައިގެން ވުޟޫކުރުމުން ކަމެވެ. އެކަމަށް ފަރުވާތެރިވެ ސަމާލުކަންދީގެން މަސައްކަތްކުރުމުންވެސް އުނިކަމެއް އޮވެދާނެކަމަށް ޝައްކުވެ ބިރުނުގަންނާށެވެ! އެކަން ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! ނޫންނަމަ ނަމާދަށް ހުންނައިރުވެސް އުނދަގޫތަކެއް ކުރިމަތިވެ ޚުޝޫޢަތެރިވުމަށް ހުރަސްތަކެއް އެޅިގެން ހިނގައިދާނެއެވެ. އެއިރުން އެލިބެނީ މާބޮޑު ދެރައެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން