ދުނިޔޭގެ އެހެން ގައުމުތަކޭ އެއްފަދައިން ފަލަސްތީނުގެ ރައްޔިތުންނަށްވެސް މިނިވަންކަމާއި ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާކަމާއި ދިވެހިރާއްޖެއިން ފަލަސްތީނުގެ މިނިވަންކަމަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަދި އެމަނިކުފާނުގެ ޕޮލިސީއަކީ ކޮންމެ ރައްޔިތަކުވެސް ދިރިއުޅުމުގެ އަސާސީ ހައްގުތައް ލިބިދިނުމަށް މަސައްކަތްކުރެއްވުންކަމަށާއި އެކަން ކަށަވަރުކުރެއްވުން ކަމުގައެވެ.
ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް ފުރިހަމައަށް ތާއީދުކުރާ ޤައުމެއްކަމަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ފަލަސްތީނަކީ 1967 ފަށައިގެން އިސްލާމީ މިނިވަން ދައުލަތެއްކަމަށާއި ޖޭރޫސަލަމްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް އެމަނިކުފާވެސް ގަބޫލުފުޅު ކުރައްވާކަމަށެވެ. ވީމާ ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި އަސާސީހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ތާއީދު ފަލަސްތީނާއެކު އަބަދުވެސް އޮންނާނެކަމަށް މުއިއްޒުވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ސީރިޔާހަނގުރާމައަށް ދާ މީހުންނަކީ ފަލަސްތީންގެ ހަނގުރާމަޔާ ގުޅުން ހުރިބައެއްނޫންކަމަށާއި އެއީ ދުނިޔޭގެ ބައެއްގައުމުތަކުންވެސް މީހުން ދާ ހަނގުރާމައެއްކަމަށް މުއިއްޒު ފާހަގަ ކުރައްވަމުން އިތުރަށް ވިދާޅުވީ އިސްލާމްދީނުގެ އަސްލުތަކަށް މީހުން ހޭލުންތެރި ކުރުމާއި އިސްލާމްދީން ކިޔަވައިދިނުމަކީ އެމަނިކުފާނުގެ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނަކީ ސުލްހައިގެ ދީންކަމަށާއި އެއްވެސްމީހަކު އަނެއްމީހާގެ ހައްގައް އުނިކަމެއް ދެވިގެން ނުވާނެކަމަށެވެ.