ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް ލިބިފައިވާކަން ބަލައިލެވޭނެ ގޮތް- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް ލިބިފައިވާކަން ބަލައިލެވޭނެ ގޮތް- އިން ޝާ ﷲ

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެމީހުންނަށް ތަނަވަސްކަމާއި ބާރާއި އިސްމަޤާމުތައް ލިބިފައިވާނަމަ އެމީހުންނަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންތިބި ބައަކު ކަމުގައެވެ. ނޫނެކެވެ. އެއްވެސް ޙާލެއްގައި އެކަންކަން ލިބުމަކީ އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެއް ނޫނެވެ. 

ޤާރޫނަށް ތަނަވަސްކަން ދެއްވެވިއެވެ. ނަމްރޫދާއި ފިރުއަޢުނު ފަދަ އެތައް ބައަކަށް ބާރާއި ރަސްކަން ދެއްވެވިއެވެ. އެމީހުންނަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުނު ބައަކު ކަމުގައިވިހެއްޔެވެ؟ އެއިގެ ބަދަލުގައި އެމީހުންވީ ﷲ ތަޢާލާ ލަޢްނަތް ލެއްވެވި މީހުންނަށެވެ. 

ތިބާއަށް ﷲ ތަޢާލާއަށް ކިޔަމަންތެރިވެވޭހެއްޔެވެ؟ އަޅުކަންކުރެވޭ ހެއްޔެވެ؟ އިސްލާމްދީނުގައި ޘާބިތުވެހުންނަން މަސައްކަތްކުރެވޭ ހެއްޔެވެ؟ އެހެންމީހުންނަށް ހެޔޮކޮށް ހިތޭހެއްޔެވެ؟ އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އަޅައިލެވޭހެއްޔެވެ؟ މިފަދަ ކަންކަން ކުރެވޭނަމަ ތިބާއަށް އެވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައެވެ. އިން ޝާ ﷲ 

ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އެދޭނަމަ ކުރަންވީ މި ބަޔާންކުރި ކަންކަމެވެ. މިންއަޅަންވީ އެކަންކަން ކުރެވޭ މިންވަރުގައެވެ. ލިބޭ ތަނަވަސްކަމާއި އާރާއި ބާރާއި މަތީ މަޤާމުތަކުގައެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން