މިކަންކަމުގަ އެކުވެރިންނާ ވާދަކުރަން ތަނަވަސްކަން ބޭނުމެއް ނުވާނެ! ވާދަކުރެވިއްޖެނަމަ ދެދުނިޔޭގަވެސް އުފާވެރިކަން ދެއްވަޥާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މިކަންކަމުގަ އެކުވެރިންނާ ވާދަކުރަން ތަނަވަސްކަން ބޭނުމެއް ނުވާނެ! ވާދަކުރެވިއްޖެނަމަ ދެދުނިޔޭގަވެސް އުފާވެރިކަން ދެއްވަޥާނެ! އިން ޝާ ﷲ

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "ކައިވެނީގެ ފޮނިމީރުކަމާ ޒަވާޖީ ޙަޔާތުގެ އުފާވެރިކަން އިތުރުވުން ވަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި މިންވަރެއްގެ މައްޗަށެވެ. ދެމަފިރިން އެކުގައި ނަމާދުކުރާށެވެ! ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިވެ އެކުގައި ޘާބިތުވެ ތިބޭށެވެ! ދެމަފިރިންނަށް އެކުގައި ސުވަރުގެ ވަދެވޭނެއެވެ! އިން ޝާ ﷲ!" 

އަހުރެމެންގެ ތެރެއިން ގިނަ މީހުންނަށް ވާދަކުރެވެނީ އެކުވެރިންނަށްވުރެ ތަނަވަސްވުމަށެވެ. އެކުވެރިޔާއަށްވުރެ ޒީނަތްތެރިވުމަށެވެ. އަގުބޮޑު ދިރިއުޅުމެއް އުޅުމަށެވެ. ނަމަވެސް މިއީ އެހައި މުހިންމު ކަންކަމެއް ނޫނެވެ. 

އެކުވެރިންނާއި ވާދަކުރަންވީ އެކުވެރިންނަށްވުރެ ލޯބިން ދެމީހުން ދިރިއުޅުމަށެވެ. ތެދުވެރިކަމާއި ވަފާތެރިކަމުގައި ދިރިއުޅުމަށެވެ. ޖެހޭ ކޮންމެ މައްސަލައެއް އަމިއްލައަށް ޙައްލުކޮށްގެން ދިރިއުޅުމަށެވެ. އެކުވެރިންނަށްވުރެ ތަޤްވާވެރި ދިރިއުޅުމެއް އުޅުމަށެވެ. އެކުވެރިންނަށްވުރެ ގިނައިން އަޅުކަންކުރުމަށެވެ. އެކުވެރިންނަށްވުރެ ކުރިން ދެމަފިރިން އެކުގައި ސުވަރުގެ ވަނުމަށެވެ. 

މިއަދު މަތީ ތައްލީމް ޙާޞީލްކުރުމަކީވެސް ތަނަވަސްކަން ހުރިވަރަކުން ކުރެވެން އޮތް ކަމެކެވެ. ވީމާ ތަނަވަސްކަން ނެތިގެން ދަރިންނަށް އެންމެ މައްޗަށް ކިޔަވައި ނުދެވުނަސް ކަންބޮޑުވުމެއް ނެތެވެ. ވާދަކުރަންވީ އެކުވެރިންގެ ދަރިންނަށްވުރެ ތިމާމެންގެ ދަރިންގެ އަޚްލާޤް ރަނގަޅުކުރުމަށެވެ. ރަނގަޅު ތަރުބިއްޔަތެއް ދިނުމަށެވެ. 

މިކަންކަމުގައި ވާދަކުރެވިއްޖެނަމަ ދެ ދުނިޔޭގައިވެސް އެދެމަފިރިއަކަށް އޮތީ އުފާވެރިކަމެވެ. މިކަންކަމުގައި ވާދަކުރަން ތަނަވަސްކަމަކަށް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. އެކަންކަމަކީ ލިބިގަންނަން ނުވަތަ ހޯދަން މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ޙާޞިލްކުރެވޭނެ ކަންކަމެވެ. އިން ޝާ ﷲ 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން