އެކުވެރިންނާއެކު ގިނަ ވަޤުތު ހޭދަކުރުމަކީ ޒަވާޖީ ޙަޔާތެއް އެޅޭ ބޮމެއް ފަދަ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އެކުވެރިންނާއެކު ގިނަ ވަޤުތު ހޭދަކުރުމަކީ ޒަވާޖީ ޙަޔާތެއް އެޅޭ ބޮމެއް ފަދަ ކަމެއް!

މިހާރަކަށް އައިސް ވަރިގިނަވާ އެންމެ ބޮޑު ސަބަބަކީ ވަސައިގެންވާ މާޙައުލެވެ. ދެކެވޭ ވާހަކަތަކާއި "މާކެޓްކުރެވޭ" ނުރަނގަޅު ގޮތްތަކެވެ. އެއިގެ ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ.  

އަބަދުވެސް ދެކެވޭނީ ބައިވެރިޔާގެ ކިބައިން މިވެނި، އެވެނި ކަންކަން މެދުވެރިވާނަމަ އެކުގައި އުޅުމުގެ ބޭނުމެއް ނެތްވާހަކައެވެ. ވަރިވެ ނުވަތަ ވަރިކޮށް ދެވަނަ ކައިވެނި ކުރުމުގެ މައްސަލައެއް ނެތްކަމުގެ ވާހަކައެވެ. ހަމައެއާއިއެކު ގިން ޢަދަދެއްގެ ހިލޭ ފިރިހެނުން ނުވަތަ އަންހެނުންނާއިއެކު ވަޤުތު ހޭދަކުރުން މިވަނީ އެއްވެސް މައްސަލައަކަށް ނުވެފައެވެ.  

މިކަންކަން ހުރި މިންވަރަށް ބަލައިފިނަމަ ކައިވެނި ދަމހައްޓާނެ ގޮތުގެ އިރުޝާދު ދެވެނީ ވަރަށް މަދުންނެވެ. މިވެނި، އެވަނި ކަމެއް މެދުވެރިވުމުން ޙައްލުކުރަން ކުރަންޖެހޭނެ ކަންކަން ކިޔައިދެވެނީ ވަރަށް މަދުންނެވެ. ކައިވެނި ރޫޅައިލުމަކީ އެންމެފަހުން ކުރަންޖެހޭނެ ކަންތައް ކަމަށްބުނެ ކައިވެނި ރޫޅައިލުމުން ލިބޭނެ ގެއްލުންތައް ބުނެދީ ރޫޅައިނުލަން ހިތްވަރުދެވެނީ ވަރަށް މަދުންނެވެ.  

ތަންކޮޅެއް ކުރިއަށް ބަލާލައިފިނަމަ ފެންނަ ކަންކަން ވަރަށް ތަފާތުވާނެއެވެ. ކައިވެނި ރޫޅާލަން ޖެހުން ނުވަތަ ވަރީގެ ވާހަކަ ދެއްކުންވެސް އޮންނަނީ ލަދުވެތިކަމެއްގެ ގޮތުގައެވެ. އެހެންވެ އެކަމުގެ ވާހަކަ ދައްކާނީ ދެން އެހެން ގޮތެއް ނެތުމުންނެވެ.  

އަހުރެން ތަކުރާރުކޮށްލާފައިވެސް ބުނަން ބޭނުންވަނީ އެކުވެރިންނާއިއެކު ގިނަ ވަޤުތު ހޭދަކުރުމަކީ އެކަމުގެ ނުރަނގަޅު އަސަރު ޒަވާޖީ ޙަޔާތައް ކުރާނެ ކަމެއް ކަމަށެވެ. އެއީ ބޭކާރު ވާހަކަދައްކަން ގިނަ ވަޤުތު ހޭދަކުރާނަމަ މިޒަމާނުގައި ދެއްކޭނީ ރަނގަޅު ވާހަކަތައް ނޫންވީމައެވެ. ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި އެއީ ޒަވާޖީ ޙަޔާތެއް އެޅޭ ބޮމެއް ފަދަ ކަމެކެވެ.  

ވީމާ ވީހާގިނަ ވަޤުތު ދެމަފިރިން އެކުގައި ހޭދަކުރުމަކީ މައްސަލަތައް މަދުވެ އެކުގައި ދިރިއުޅެން ފަސޭހަވުމުގެ އެންމެ ބޮޑު އެއްބާރެވެ.  

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން