ތެދުވެރި ބައިވެރިއަކު ލިބުމަށްވުރެ ބޮޑު ނަޞީބެއް ނެތް! ނަމަނަމަ ވަކިނުވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ތެދުވެރި ބައިވެރިއަކު ލިބުމަށްވުރެ ބޮޑު ނަޞީބެއް ނެތް! ނަމަނަމަ ވަކިނުވާތި!

ބައެއް މުޖުތަމަޢުތަކަށް ބަލައިފިނަމަ ތަނަވަސް މީހުން ގިނައެވެ. އަދި ފުދިގެން މެދުމިނުގައި ދިރިއުޅޭ މީޙުންވެސް ވަރަށް ގިނައެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ތެދުވެރިން ގިނަ މުޖުތަމަޢުއެއް މިހާރަކު ނެތެވެ. ކޮންމެ މުޖުތަމަޢުއެއްގައިވެސް އެންމެ މަދުވާނީ ތެދުވެރިންނެވެ. 

އެހެންކަމަށްވީނަމަވެސް ޙަޔާތުގެ ބައިވެރިއަކަށް ތެދުވެރިއަކު ލިބިއްޖެނަމަ ބަލައިގަނެވެނީ މަދުންނެވެ. ދުވަސްކޮޅެއްވާއިރަށް އޭނާގެ ކިބައިގައި ހުންނަ ކުޑަކުޑަ މައްސަލައެއް ފާހަގަކޮށް އެބަވަކިވެއެވެ. ނުވަތަ އެބަ ދޫކޮށްލައެވެ. 

މިއީ ވަރަށް ދެރަ ކަމެކެވެ. ބައިވެރިޔާގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ ތެދުވެރިކަމެވެ. މަދުވެގެން، ނުލިބިގެން މިއުޅެނީ ތެދުވެރިންނެވެ. ތެދުވެރިކަން ފިޔަވައި އެހެން ހުރިހާ ސިފަތަކެއް ހުރެފައިވެސް ތެދުވެރިކަން ނެތްނަމަ ދިރިއުޅެން ވަރަށް އުނދަގޫވާނެއެވެ. މައްސަލަތައް ޖެހުން ގިނަވާނެއެވެ. ބޭނުންވާ އުފާވެރިކަން އޮންނާނީ ނުލިބިފައެވެ. 

އަދިވެސް ކީއްހެއްޔެވެ؟ އިޞްލާޙްކުރަން އެންމެ އުނދަގޫ ސިފައަކަށްވެސް ވެފައި އޮންނަނީ ތެދުވެރިކަން ނެތުމެވެ. މަކަރުވެރިކަމެވެ. 

އަހުރެން ބުނާނީ ތެދުވެރި ބައިވެރިއަކު ލިބުމަށްވުރެ ބޮޑު ނަޞީބެއް ނެތެވެ. ކިތަންމެ މަދު އާމްދަނީއެއް ލިބުނަސް ދިރިއުލެން މަސައްކަތްކުރާ ތެދުވެރި ބައިވެރިއަކު ލިބިއްޖެނަމަ ވަކިނުވާށެވެ! ދޫކޮށްނުލާށެވެ! ދެން ހުންނަ އުނިކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. އެހެންވެ ބުއްދިވެރިއަކު ނަމަ ބަލާނީ ބައިވެރިޔާގެ ތަނަވަސްކަމަކަށް ނޫނެވެ. ރީތިކަމަކަށްވެސް ނޫނެވެ. މުރާލިކަމަށާއި އޭނާގެ ކިބައިގައި ހުންނަ ތެދުވެރިކަމަށެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން