ނަރަކަ ތިބާ އަތުލައިގަންނަން މަސައްކަތްކުރާނެ! ސަލާމަތްކޮށް ސުވަރުގެ ވެއްދެވޭނެ ޢަމަލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ނަރަކަ ތިބާ އަތުލައިގަންނަން މަސައްކަތްކުރާނެ! ސަލާމަތްކޮށް ސުވަރުގެ ވެއްދެވޭނެ ޢަމަލު!

އާޚިރަތް ދުވަހަށް ބިރުވެތިވާ މީސްތަކުންނޭވެ! ފުރަތަމަވެސް މިމަގުން ހިތަށް ގެންނާށެވެ! ޤިޔާމަތް ދުވަހު މީޒާނުގައި ތިބާގެ ހެޔޮ ކަމުގެ ކޮޅަށް ލުއިވީއެވެ. ފާފައިގެކޮޅަށް ބުރަވީއެވެ. ތިބާ އަތުލައިގަންނަން ނަރަކަ ފަހަތުން ދުވެ އަންނަނީއެވެ. "އޭނާ ދެއްވަވާށޭ! ދުއްވަވާށޭ ގޮވަމުންނެވެ! އެވަގުތު ތިބާ ބިރުން އަވަދިނެތި ރޫޅި ކުދިކުދި ވާނެ މިންވަރު ނިކަން ހިތަށް ގެންނާށެވެ!

ކުއްލިއަކަށް ފެނިގެން މިދަނީ މީޒާނުގައި ތިބާގެ ހެޔޮކަމުގެ ކޮޅަށް ބުރަވެގެންދާތަނެވެ. ބަލައިލިއިރު މިކަން މިހެން މެދުވެރި މިވީ ތިބާ ދުނިޔޭގައި ހުރިއިރު މީހަކަށް ހެޔޮކޮށް ހިތައި ޞަދަޤާތްކޮށްފައިވަނިކޮށް ތިބާ މަރުވުމުން އެދުވަހު ތިބާއަށްޓަކައި އެމީހާ ކުރި ހެޔޮ ދުޢާގެ ސަބަބުންނެވެ.

ވީމާ ތަނަވަސްކަން ހުރިނަމަ ތިބާ ފަހައި ނަރަކަ އަންނަ ދުވަހު ތިބާ ސަލާމަތްކޮށްދޭނެ ބޮޑު ލަޝްކަރެއް އުފައްދަންވީ ނޫންހެއްޔެވެ؟ އެފަދަ ލަޝްކަރެއް ބޭނުންނަމަ ޞަދަޤާތް ކުރުމާއި އެހެން މީހުންނަށް އެހީތެރިވުން ގިނަކުރާށެވެ!

ޞަދަޤާތް ކުރަންވީ ތިމާގެ މައްޗަށް ހެޔޮ ދުޢާކުރުން ޝަރުޠުކޮށެއް ނޫނެވެ. އެއްވެސް ކަމެއް ކުރުން ޝަރުޠުކޮށެއް ނޫނެވެ. ނަމަވެސް ހެޔޮދުޢާ ކޮށްދިނުމަށް އެދެވިދާނެއެވެ. އެދުމާއި ޝަރުޠުކުރުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. ޞަދަޤާތް ކުރަންވީ ހަމަ ﷲ ތަޢާލާއަށް ޓަކައެވެ. ހިތް ނިޔަތް ޚާލިޞްކުރަންވީ ﷲ ތަޢާލާއަށެވެ. އެގޮތަށް އެކަން ކުރީމާ އެމީހަކަށް ފައިދާ އިތުރުވާނެ ގޮތްތައް ﷲ ތަޢާލާ މެދުވެރިކޮށްދެއްވަވާނެތެވެ.

ހެޔޮލަފާ މުސްލިމުންގެ ދުޢާގެ ސަބަބުން ކައްވަޅުގެ ޢަޛާބުން ވެސް ސަލާމަތްވެވުމުގެ ފުރުޞަތު އެބައޮތެވެ. އަދި ޣިޔާމަތް ދުވަހު ރަނގަޅު ގޮތްތައް މެދުވެރިވުމުގެ ފުރުޞަތުވެސް ހަމަ އެހައިމެ ބޮޑެވެ. ވީމާ ހެޔޮ ލަފާ ޞާލިހް އަޅުންނާއި ވީވަރަކުން ގުޅުން ބަދަހިކޮށް އެހީތެރިވެދެމުން ގެންދާށެވެ! އެކަމުގެ ފައިދާ ފެންނާނެއެވެ. އިން ޝާ ﷲ!

މީސްތަކުންނަށް އޯގާތެރިވުން ގިނަ ކުރާށެވެ! ތިބާގެ އޯގާތެރިކަން މީސްތަކުންނަށް ލިބެމުންދާނަމަ ތިބާއަށް އެންމެ ބޮޑަށް ބޭނުންވާ ދުވަހު އެކަމުގެ ފައިދާ ތިބާޢަށް ކުރާނެތެވެ. މިބުނީ ރެސްޓޯރަންންޓަކަށް ވަދެ ކެއުމަށްފަހު ބިލްދައްކަން ބަލާއިރު ވޮލެޓުގައި ލާރި މަދުވާ ވަގުތު އެހީތެރިވާކަމުގެ ވާހަކައެއް ނޫނެވެ. މި ބުނަނީ ތިބާ މަރުވެ ދިއުމުން ތިބާއަށްޓަކައި ހެޔޮދުޢާ ކުރާނެ މީހުންގެ ވާހަކައެވެ.

އެކަން ވެގެންދާނީ ތިބާގެ އަތުގައި ބޮޑު ދަރަންޏެއް އޮވެމެ އެ ދަރަނި ދެއްކޭނެ އެއްވެސް ގޮތެއް ނެތް ހާލުގައި ހަތަރު އުދަރެސް ފެނުޖެހިފައި ހުއްޓައި މީހަކު އައިސް ތިބާގެ ދަރަނި ދައްކައިދިނުމަށްވުރެވެސް މާ ބޮޑު އުފަލަކަށެވެ. އެހެނީ އާޚިރަތް ދުވަހު ކޮންމެ މީހަކުވެސް އުޅޭނީ އެމީހެއްގެ ތިލަފަތުގައި ހެޔޮކަމުގެ ކޮޅަށް ލުއިވެގެންނެވެ. ނަރަކައިން ސަލާމަތް ނުވެވިގެންނެވެ. އެ ހާލުގައި އުޅެނިކޮށް ހެޔޮކަމުގެ ކޮޅަށް ބަރުވާނެ ގޮތެއް ފެނިގެން ދިއުމަކީ ލިބޭނެ އެންމެ ބޮޑު އުފާ ނޫން ހެއްޔެވެ؟

މިބަސް ތަކުރާރުކޮށްލަމެވެ. އެއީ ހަމަ ބަހުގެ ބުރަދަން ބޮޑުކަމުންނެވެ. ޞަދަޤާތަށް ދޭނެ ފައިސާ އެންމެންނަށް ނުލިބިދާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އެހެން މީހުންނަށް ހެޔޮކޮށް ކަންކަންކޮށްދެވޭނެއެވެ. ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދގެން މީސްތަކުންނަށް އެހީތެރިވުންމަތީގައި ދެމިހުރުމަކީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށް އޮތް އެންމެ ފަހި މަގެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން