ހުޅުމާލެ ހައިވޭގައި ހުރި ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރާނަން: ޑރ. މުއިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
ހުޅުމާލެ ހައިވޭގައި ހުރި ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރާނަން: ޑރ. މުއިއްޒު

މާލެއާއި ހުޅުމާލެ ގުޅުވާލާ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަންގަވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް-1 ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހައިވޭގައި މިހާރު ހަދާފައިވާ ސޯލާޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރައްވާނެކަމށާއި އަދި ސޯލާ ޕަވަރއެއް ހިންގޭގޮތަށް ތަރައްގީ ކުރައްވާނެކަމަށެވެ.

ބްރިޖް ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްދާ ސޯލާ ޕީވީ މޮޑިއުލްސް ހަރުކުރުމުގެ މަސައްކަތަކީ، އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ވޯލްޑް ބޭންކްގެ އެހީގައި އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ރާއްޖޭގައި ހިންގޭ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ.

ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ހަރުކުރެވިފައިވަނީ ރާއްޖޭގެ މާހައުލާ ނުގުޅޭ ފަދަމޭރަމަކުން ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ، ހުޅުމާލޭ ހައިވޭއަކީ ރާއްޖޭގައި އެންމެ ހިތްގައިމު އެއް މަންޒަރު ފެންނަ ސަރަޙައްދުކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި މޫދު ނުފެންނަގޮތަށް ސޯލާ ޕެނަލްތައް ހަރުކުރުމުގެ ސަބަބުން، ހާސްކަން ބޮޑު ސަރަހައްދެއްގެ ގޮތުގައި އެތަން ފެންނަކަމަށް ފާހަގަ ކުރެއްވިއެވެ. އަދި އެމަނިކުފާނު ގަބޫލުފުޅުކުރައްވާގޮތުގައި އެއީ އެއަށްވުރެ ރަނގަޅަށް ހިންގޭނެ މަޝްރޫއުއެއްކަމަށް ފާހަގަ ކުރެއްވިއެވެ.

ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަންގަވާ އެކަމަށް ޚާއްޞަ ކުރެވޭ ރަށަކަށް ބަދަލުކުރައްވާނެކަމަށެވެ. އެކަން ކުރައްވާނީ އެ މަޝްރޫޢުއަށް ފަންޑުކުރާ ފަރާތާ މަޝްވަރާކުރުމަށްފަހު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިއާދަކުރަނިވި ހަކަތައަކީ މުހިންމު މަޝްރޫޢުއެއްކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައިވެސް އެއީ އެންމެ އިސްކަންދެއްވާނެ އެއް ސިޔާސަތުކަން ފާހަގަކުރައްވާ އިންތިޚާބީ ރައީސް ވިދާޅުވީ، އެފަދަ މަޝްރޫޢުތައް ހިންގުމަށް ރަނގަޅު ގޮތްތަކެއް ހުންނާނެކަމަށެވެ.

ހުޅުމާލެއާއި މާލެ ގުޅުވާލަދޭ ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެމަނިކުފާނުގެ ވެރިކަމުގައި ނަންގަވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާއިރު މިސަރުކާރުން މި މަސައްކަތް ފެށުމާއެކު އެކަމަށް ދިވެހި ގިނަބައެއްގެ ފާޑުކިޔުންތަކެއް ޓުވިޓާގައި ފެނުނެވެ. މީގެ އިތުރުން އެ ސޯލާ ޕެނަލްތައް ހަރުކުރަމުން ދިޔައިރު ތަފާތު ހާދިސާތައް ހިނގާފާއިވުމާއި އަދި އެ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދިޔަ މައްސަލައެއް ވެސް މި އަހަރު ފެންމަތިވެ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން އޭރުވެސް ޑރ. މުއިއްޒު ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

 

 

މި ނިޒާމުގެ ތެރެއިން އުފައްދާ 9.1 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެކަމަށް މިސަރުކާރުން ބުނެފާވާއިރު މިހާރުވެސް މި މަޝްރޫއުގެ ދަށުން، ފަސް މެގަވޮޓްގެ ކަރަންޓް އުފެއްދޭ ވަރުގެ ސޯލާ ޕީވީ ވަނީ ގާއިމްކޮށްފައެވެ.

 

މިއަދު އޮންލައިން