ސަމާލުވާތި! މޮޅު ކަމެއްކަމަށް ބަލައި ހިތްދަތިކަމާ މާޔޫސްކަން އެންމެންނާ ހިއްޞާ ކުރާނަމަ ލިބޭ ގެއްލުން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ސަމާލުވާތި! މޮޅު ކަމެއްކަމަށް ބަލައި ހިތްދަތިކަމާ މާޔޫސްކަން އެންމެންނާ ހިއްޞާ ކުރާނަމަ ލިބޭ ގެއްލުން މާބޮޑުވާނެ!

ދިރިއުޅެން ޖެހިފައިވަނީ މައްސަލަތަކެއްގެ ތެރޭގައި ނަމަވެސް އެކަން ހިއްސާކުރަން ޖެހޭނީ ހިއްޞާކުރުމުން ލުޔެއް ލިބިދާނެ މީހަކާއެވެ. މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދަތިހާލުގައި ނުވަތަ ހިތްދަތިކަމުގައި ހުންނައިރު އެހީތެރިވާން ބޭނުންވާ މީހުން މަދުކަމެވެ. ކަންކަން ކޮންމެ ކޮންމެ މީހަކާއި ހިއްޞާ ނުކުރަން މިބުނަނީ އެ ސަބަބަށްޓަކައެވެ. 

ރަނގަޅަށް އަޑުއަހާށެވެ!  

ރަސޫލް ()ގެ އެއްވެސް އަނބިކަނބަލެއްގެ ގެކޮޅުގައި ކައްކާނެ އެއްވެސް އެއްޗެއް ނެތި އެތައް ދުވަހެއް ފާއިތުވެގެންދާއިރު އެކަންވެސް ރަސޫލް ޞަހާބީންނާއި ޙިއްޞާކުރައްވަވާފައެއް ނުވެއެވެ. އަދި އެއްވެސް އަނބިކަނބަލަކުވެސް އެކަން ހިއްޞާ ކުރައްވަވާފައެއް ނުވެއެވެ.  

އެހާލުކޮޅުގައި ދެމަސް ފާއިތުވި ފަހަރަކު ޢުޘްމާންގެފާނަށް އެކަން އެނގިވަޑައިގަތުމުން ފަރިއްކުޅުއްވަވާނެ ތަކެތި ދެއްވެވުމަށްފަހު ދެން އެފަދަ ހާލުކޮޅެއް މެދުވެރިވެވަޑައިގެންފިނަމަ އެންގެވުމަށް ވިދާޅުވިއެވެ.  

މިއީ މިސާލެއްގެ ގޮތުން ބުނެދިން ވާހަކައެކެވެ. ބޭނުމަކީ އެމީހަކަށް އުފުލަން ޖެހިފައިވާ ތަކްލީފުގެ ވާހަކަ އެންމެނާއި ހިއްޞާ ނުކުރަން ބުނުމެވެ. އަދި މާޔޫސްކަމެއް ލިބިފައިވީނަމަވެސް އެކަމުގެ ހިތްހަމަ ނުޖެހުން އެންމެންނަށް ނުދެއްކުމަށް ބުނުމެވެ! އެގޮތަށް ކަންކަން ކުރުމުން ލިބޭ ފައިދާއަށްވުރެ ގިނަ ފަހަރު އޮންނާނީ ލިބޭ ގެއްލުން ބޮޑުވެފައެވެ. އެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީހުން ގިނަވާނެތީއެވެ!  

ތިމާއަށް ކަންބޮޑުވުމެއް ކުރިމަތިވެފައިވުމަކީ ބައްދަލުވާ މީހާގެ މައްސަލައެއް ނޫނެވެ. އެހެނީ އެ މައްސަލަ ތިބާ އާއި ކުރިމަތިވެފައިވާނީ އެމިހާގެ ސަބަބަކުންނޭވެ! ވީމާ ތިބާގެ ކިބައި އޮތް ހިތްހަމަނުޖެހުން ބައްދަލުވާ ކޮންމެ މީހެއްގެ ކުރިމައްޗަށް ހުށަނުއަޅާށެވެ! އެމީހެއްގެ ބޮލަށް ހުސްކޮށް ނުލާށެވެ!  

އެއްވެސް މައްސަލައެއް ނެތި ހުރިހާ ކަމަކުން ހިތްހަމަޖެހުން ލިބިގެން ދުނިޔޭގައި މިއަދު ދިރިއުޅޭނީ ވަރަށް މަދު ބައެކެވެ. ވަރަށް މަދު މީހެކެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ހުންނާނީ މައްސަލަތަކަކާއި ހެދި ކަންބޮޑުވެފައެވެ. އެހާލުގައި ހުޓައި އިތުރު މައްސަލަތަކެއް ހުށަހެޅުމުން ގިނަ ބައަކު ވަރަށް ބޮޑަށް ފޫހިވާނެއެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން